Advertisement

ޝާކިރުގެ ފަސްދީ ދިޔަ ޒަމާނުގެ ހަނދާންތައް ފޮތެއްގެ ސިފައިގައި

16 އޮކްޓޯބަރު 2023 - 10:46 2

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ލިޔުންތެރިޔާ ހަސަން ޝާކިރު މުހައްމަދު އެންމެ ފަހުން ނެރުއްވި ފޮތް 'އެ ޒަމާން ހިނގައްޖެ ފަސްދީ'.


ޝާކިރުގެ ފަސްދީ ދިޔަ ޒަމާނުގެ ހަނދާންތައް ފޮތެއްގެ ސިފައިގައި

16 އޮކްޓޯބަރު 2023 - 10:46 2

ހުރިހާ އެކުވެރިންނަށް ހެނދުނު ހެނދުނާ ފޮނުއްވާލާ ނަސޭހަތުގެ ޅެންބައިތުން ފަށްޓަވާ ދުވަހުގެ ތާވަލުން އޭނާ ވަރަށް ގިނައިން ޖާގަ ދެއްވާ އެހެން ހާއްސަ ކަމެއް ވެސް އޮވެ އެވެ. އެއީ ކުރީގެ ހަނދާނެއް ފޭސްބުކުގައި ހިއްސާކުރެއްވުމެވެ. އެހެންޏާ އިހުގެ ފޮޓޮއެކެވެ. ނުވަތަ ކުރީގެ ނޫހަކުން ހަބަރެކެވެ. ބައެއް ފަހަރަށް އިއުލާނެކެވެ. 'އެ ޒަމާން ހިނގައްޖެ ފަސްދީ' މި ކެޕްޝަނުގައި އެގޮތަށް ދޫކޮށް ޕޯސްޓުތަކުން އޭހާރުގެ މީހުންނަށް ހަނދާނެއް އާވެ އެވެ. މިހާރުގެ މީހުންނަށް އާ ކަމެއް ދަސްވެ އެވެ.

ހަސަން ޝާކިރު މުހައްމަދު، ގިނަ ބަޔަކު ދަންނަ ގޮތުން ނަމަ މައުހަދު ޝާކިރު އެގޮތަށް ފޭސްބުކަށް އުއްކަވާ އޮށްތަކުން، ގަސް ފަޅައި، އޭގައި މޭވާ އެޅުމާ އެކު ފޮތެއްގެ ސިފައިގައި އަދަބީ ދުނިޔެ އަށް އެ މޭވާތައް ހަދިޔާކުރެއްވުމަކީ ވަރަށް ގިނައިން ކުރައްވާ ކަމެކެވެ. އެގޮތުން ކުރީގެ ބައެއް ހަނދާންތައް، ކުރު މަޒުމޫނުތަކެއްގެ ގޮތުގައި ލިޔުއްވައި އެއް ފޮތަކަށް ޖަމާކުރައްވައި ޝާކިރު އިހަކަށް ދުވަހު ވަނީ 'އެ ޒަމާން ހިނގައްޖެ ފަސްދީ' މި ނަމުގައި ޝާއިއުކުރައްވައިފަ އެވެ.

ދިވެހި ބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ، މި ފޮތުގެ އިސްބަހުގައި ލިޔުއްވި ގޮތުގައި އިއްޔެގެ ހާލަތާއި އަދުގެ ހާލަތުގެ މައްޗަށް ތަފާތު ނަޒަރުން ވިސްނައިލަން އަތްމައްޗަށް އެރި މި ރަންގަނޑުގައި ހިމެނޭ ކޮންމެ ލިޔުމަކީ، އަދުގެ ބަދަލުވެފައިވާ ޒަމާނުގެ ކޮންމެ ލޮލަކުން ބަލައިލަން ޖެހޭ މަޒުމޫނެކެވެ.

ފޭސްބުކުގައި ޝާކިރު ހިއްސާކުރައްވާ ހަނދާންތަކުގެ ޕޯސްޓުތައް ބަލާފައި އުފެދޭ ޝައުގުވެރިކަމުގައި އެޒަމާނުގެ ތެރެއަށް ފީނާލަން ބޭނުންވި ނަމަވެސް އޭގައި މާބޮޑު ތަފްސީލެއް ނެތުމުން ހިންދިރުވާލަން ޖެހުނު މީހުންނަށް މި ފޮތަކީ އަގުހުރި އެއްޗަކަށް ވާނެ އެވެ. ހަމައެއާ އެކު މިއީ އަޝްރަފް ލިޔުއްވި ފަދައިން ޒަމާންތަކެއް ވާންދެން ދިވެހީން ތަބާވަމުން އައި އާދަކާދަތަކާއި ރިވެތި އަދަބުތައް، މިއަދުގެ ކުދިންނަށް ދަސްކޮށްދޭން ވެސް މުހިއްމު ފޮތެކެވެ.

"މި ފޮތުގެ ކޮންމެ މަޒުމޫނެއް ވެސް މުހިއްމެވެ. ބޭނުންތެރި އެވެ. އަތްނުލައި ދޫކޮށްލެވޭނެ އެކައްޗެއް ވެސް ނެތެވެ. ތާރީހީ އެތައް ހަނދާންތަކެއް ވެސް އެބަހުއްޓެވެ. ތާރީހީ ބައެއް ސަފުހާތަކުން ލައްކަ ކަމެއް އަޅުގަނޑަށް އޮޅުން ފިއްޔެވެ،" އޭނާ ލިޔުއްވި އެވެ.

"މިއީ މައުލޫމާތުގެ ގޮތުން ނަމަ ފުން ކަނޑެކެވެ. އަދި އިބާރާތުގެ އުސްލޫބުން ނަމަ ލާމާސީނު ނަމޫނާ ޖުމްލަތަކާއި މުނާސަބަތު ލަފުޒުކުން، ދަރިވަރުންނަށް ދިވެހި ބަހުގެ ބަސްކޮށާރު މުއްސަނދިކުރަން، އަދުގެ ދަރިން އިއްޔެ ބަލައިލަން މުހިއްމު އަލްބަމެކެވެ."

ޝާކިރު (އިށީނދެގެން ކަނާތް ފަރާތުގައި) މައުހަދުގެ ބައެއް ދަރިވަރުންނާ އެކު: އޭނާ ކިޔަވާވިދާޅުވީ މައުހަދުން.


މި ފޮތުގައި ހިމެނޭ އެންމެ ޝައުގުވެރި އެއް މަޒުމޫނަކީ "އަޅުގަނޑު ދުށް އެހާރުގެ ރޯދަމަސް" މި ނަމުގައި ޝާކިރު، އޭނާ ތަޖުރިބާކުރެއްވި ރޯދަ މަހުގެ ހަނދާންތައް ގެނެސްދެއްވާފައިވާ ގަލަމީ ތަސްވީރެވެ. ރޯދައަށް ގޭތެރެ ޒީނަތްތެރިކުރުމަށްޓަކައި، ގަނެގެން ކަށިވެލި ނުލެވޭ މީހުން، ލޮނުޒިޔާރަތްކޮޅުން ކަށިވެލި ނަގައިގެން ގެޔަށްލާ ހަނދާންތަކާއި ކުރުނބަލާއި އިސްބަގުލު ފަނި ފަދަ ބުއިންތައް ފިނިކުރުމަށްޓަކައި ވަޅަށްލާ ހަނދާންތަކެވެ. އަދި ރޯދަކުރުކުރުމަށް، ކާފައާ އެކު ބާޒާރަށް ގޮސްފައި އަންނަމުން އަތިރީ ފަނޑިޔާރުގޭން ނާނާއި ޖާލި ބިސްކޯދު ގަންނަ ހަނދާންތައް ވެސް މެ އެވެ.

މީގެ ފަންސާހަކަށް އަހަރު ކުރިން މާލޭގައި ފެންބުއިމަށްޓަކައި ޖަސްތުން ހަދާފައިވާ ކަޓޫރާ ނުވަތަ ނީލަމުން ނަގައިގެން ގެންނަ ގެރިކިރު ހުސްކުރި ދަޅު ބޭނުންކުރިޔޭ ބުނެފި ނަމަ މިއަދުގެ ޖީލު ހައިރާންވެދާނެ އެވެ. ޝާކިރު ވަނީ އޭނާ ތަޖުރިބާކުރި އެފަދަ އެތައް ކަމެއް ޝައުގުވެރިކަމާ އެކު މި ފޮތުގައި ހިމަނުއްވައިފަ އެވެ.

"ނީލަމުން ދަޅު ގޯނި ގެނައުމުން ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް އެންމެ ގަޔާވާ ދަޅެއް ނަގާނެ އެވެ. ދަޅުގޯނި ގެންނަ ދުވަސްވަރު ހިސާބުގަނޑު މީހުން ގެއަށް ދަޅު ގަންނަން އަންނާނެ އެވެ. ހަނދަންވާ ގޮތުގައި ދަޅެއް ވިއްކަނީ ދިހަ ލާރި އަށެވެ،" ޝާކިރު ލިޔުއްވާފައިވެ އެވެ.

އޭރު ރާއްޖޭގެ ހާލަތު ވަޒަންކުރެވޭ ޝައުގުވެރި އަނެއް ވާހަކައަކީ، ރަށްރަށުން މާލެ އަންނަ ދަތުރުވެރިން ހާމަސް ދީފައި ބަދަލުގައި ބާ އަންނަނައު ގެންދާ ވާހަކަ އެވެ. އެގޮތަށް ބާއަންނައަށް ލިބޭ ހާމަސް ކޮތަޅުން ދޮންބިސް ކޮޅެއް ނުވަތަ މޭ ކޮޅެއް ހޯދުމަކީ އޭރު ކުޑަކުޑަ ޝާކިރު އެންމެ ގަޔާވި އެއް ކަމެކެވެ.

"އަވިން ހިއްކާފައި ހުންނަ ދޮންބިސް ކޮޅެއް މުރަނަކަމާ އެކު ކައިލެވުމަކީ އުފަލެކެވެ،"

މި ފޮތުގައި ޝާކިރުގެ އަމިއްލަ ތަޖުރިބާތަކުގެ ތެރެއިން މިހާތަނަށް އާއްމުކުރައްވާފައި ނުވާ ވާހަކައެއް ވެސް ހިމެނެ އެވެ. އެއީ ނޮވެމްބަރު 3، 1988 ގައި ބާގީން މާލެ އަރައި އުދުވާނީ ހަމަލާ ދިން އިރު އެެހެން މައްސަލައެއްގައި ސިފައިންގޭގައި ބަންދުވެފައި ހުންނެވި އިރު ކުރެއްވުނު ތަޖުރިބާތަކެވެ. އުފަން ދުވަހުގެ ސެޓްފިކެޓަށް ބަދަލު ގެނައި ކަމަށް މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ޝާކިރާއި އެހެން މީހަކު އެ ފަހަރު ސިފައިންގޭ ޖަލުގައި ބަންދުކުރީ ކުވޭތަށް ކިޔަވަން ދާން ތައްޔާރުވަނިކޮށެވެ. ބަންދުކޮށްފައި ބެހެއްޓި މިހާރުގެ ޝަހީދު ހުސެއިން އާދަމް ބިލްޑިން ހުރި ތަނަކީ އެ ދުވަހު އެންމެ ވަރުގަދަޔަށް ހަމަލާ ބަދަލުކުރި މައިދާނެވެ.

ވަޒަން އަރައިގެން ޒަހަމްވި ސިފައިންގެ މީހަކަށް ޖަލުގައި ތިބި މީހުން ފުރަތަމަ އެހީ ދިން ގޮތާއި، ތަމަޅައިން ބަނޑޭރިކޮށީގެ ހުޅަނގު އުތުރުކަން ގޮއްވާލުމުން އުފެދުނު ދުމުގެ ސަބަބުން ދައުލަތުގެ ހަޒާނާގައި އެލާމް އެޅުމުން ޓައިމް ބޮމެއް ގޮވަނީ ކަމަށް ހީވި ހިވުން ފަދަ އެތައް ވާހަކައެއް މަޒުމޫނުގައި ހިމެނެ އެވެ.

ޝާކިރު (ވ) އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް


ނިޔަފަތި ހަލާކުވުމުން ބެންޒަން ބޭސް ޖަހައިގެން ހޯދި ފަރުވާގެ ވާހަކަ އާއި އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ ފަރިކޮއްޅު ތައްޔާރުކުރައްވާ ދޮންކަމަނަ، ވެލާނާގެއިން ގެންނަވާ ބާކީ ރިހައިގެ މީރު ކަމުގެ ވާހަކަ ފަދަ ޝައުގުވެރި ވާހަކަތަކުން ފުރިފައިވާ މި ފޮތުން، ޝާކިރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ކުރު މުއްދަތެއްގެ ތެރޭގައި އައި ބަދަލު ތަސައްވަރުކުރެވޭނެ އެވެެ.

"އެ ބަދަލު އަޅުގަނޑަށް ތަޖުރިބާކުރެވި އިހުސާސްކުރެވުނީމާ މިއަދުގެ މީހުންނާއި ކުދިންނަށް އެކަންކަން އަންގައިދޭން ބޭނުންވީ،" ޝާކިރު ވިދާޅުވި އެވެ.

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން ޝަަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ޝާކިރު ވަނީ މީގެ ކުރިން ދެ ޅެން ފޮތާއި، ސަމާސާއަދަބުގެ ފޮތަކާއި، 'އަޅުގަނޑު ދުށް ބައެއް ޝަހުސިއްޔަތުން' ގެ ނަމުގައި ރިކައުންޓް ފޮތެއް ލިޔުއްވައި ނެރުއްވައިފަ އެވެ. އޭނާގެ އިތުރު ހަތަރު ފޮތެއް ވެސް ލިޔެ ނިމި ގިރުވާން އަޅައިލަން ވެފައި އެބައޮތެވެ. ފަހުގެ ފޮތް 'އެ ޒަމާން ހިނގައްޖެއް ފަސްދީ' އަސްރަފީ ބުކްޝޮޕުންނާއި ނާސަރީ ބުކްޝޮޕުން ގަންނަން ލިބޭނެ އެވެ.