Advertisement

މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން ފަސް ދާއިރާއަކަށް ވާދަކުރަނީ

12 އޮކްޓޯބަރު 2023 - 15:00 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް: ތަރުޖަމާނު ނަޒީރު ވިދާޅުވީ ރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެޕާޓީއިން ފަސް ދާއިރާއަކަށް ވާދަކުރަން މަޝްވަރާކުރާކަމަށް -- ފޮޓޯ: އަދާލަތު ޕާޓީ


މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން ފަސް ދާއިރާއަކަށް ވާދަކުރަނީ

12 އޮކްޓޯބަރު 2023 - 15:00 0

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް ދާއިރާއަކަށް ވާދަކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް ދާއިރާއަކަށް ވާދަކުރުމަށް އެޕާޓީއިން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެކަމާ މެދު ގޮތް ނިންމުމުގެ ކުރިން ގޮފިތަކާއި ދާއިރާތަކާ އެކު އިތުރަށް މަޝްވަރާކުރުމަށް ނިންމާފައިވާކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

އަދާލަތު ޕާޓީން މަޖިލީހުގެ ފަސް ދާއިރާއަކަށް ވާދަކުރުމަށް މަޝްވަރާކުރަމުން އަންނަ އިރު 18 ވަނަ މަޖިލީހުގައި ހުންނެވީ އެ ޕާޓީގެ އެންމެ މެންބަރެކެވެ. މިހާރު ހިނގާ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވާ އެއްވެސް މެންބަރަކު ނެތެވެ.

މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އަދިވެސް އޮތް އަދާލަތު ޕާޓީން ރިޔާސީ އިންތިހާބުގެ ދެބުރުގައި ވެސް އޮތީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއާ އެކު އެވެ. އަދި އެޕާޓީއިން ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ރިފަރެންޑަމްގައި ވެސް އެމްޑީޕީން ތާއީދު ކުރާ ރިޔާސީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

މަޖިލިސް އިންތިހާބުގައި އެންމެ ބޮޑު ސިޔާސީ ދެ ޕާޓީ އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާގެ ބަދަލުގައި 93 ދާއިރާ އޮންނާނެ އެވެ. އަލަށް އިތުރުވި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެދު އަދި ހުޅުމާލެ އުތުރު ދާއިރާގެ އިތުރުން ހިތާދޫ ދާއިރާ, ހުރާ ދާއިރާ, ކޮލަމާފުށި ދާއިރާ އަދި ފޭދޫ އުތުރު ދާއިރާ އެވެ.