12 އޮކްޓޯބަރު 2023 - 19:00 0
މުހައްމަދު އުޝާމް
މަނަދޫގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ނައީމާ އަދި އެ މަރުގެ ތުހުމަތު ކުރެވޭ ތިން މީހުން - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
12 އޮކްޓޯބަރު 2023 - 19:00 0
އޭޕްރީލް 7، ގެ ރޭގަނޑު އިރާކޮޅު މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގުގައި ނުނިމި އޮތީ ހަމައެކަނި ފޮރެންސިކް ބައެއް ރިޕޯޓްތަކުގެ މަސައްކަތް ކަމަށް ފުލުހުން ބުނިތާ ތިން މަހެއްހާ ދުވަސްވީއިރު އަދިވެސް އެ ރިޕޯޓްތައް ނުނިމޭ ކަމަށް ބުނެފި އެވެ.
ނައީމާ މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކުރީ އެ ކަން ހިނގިތާ ދޮޅު މަހެއް ފަހުންނެވެ. ތިން މީހަކު ހައްޔަރުކޮށްގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދާތާ ވެސް ގާތްގަނޑަކަށް ހަ މަސް ވަނީ އެވެ.
މައްސަލައިގެ ތަހުގީގު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާކޮށްގެން ކުރިއަށް ގެންދަން ފަށާފައިވާއިރު، އެ އޮފީހުން ބުނީ މައްސަލައިގެ ތަހުގީގު އަދިވެސް މުޅިން ނުނިމޭ ކަމަށެވެ. އެ ގޮތުން ނުނިމި އޮތް މަސައްކަތަކީ ފޮރެންސިކް ތަހުލީލުތަކުގެ ރިޕޯޓްތައް އެކުލަވާލުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ މި އޮފީހުގެ ލަފާއާ އެކު، މައްސަލަ އޮތީ ތަހުގީގު މަރުހަލާގައި, ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށް ދަނީ،" މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޖީ އޮފީހުން ހިއްސާކުރި ޓެކްސްޓް މެސެޖެއްގައިވެ އެވެ.
ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު (23 އ.)
ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު (21 އ.)
ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް (21 އ.)
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ތަކެތި ހޯދީ އަންދާލުމަށް މަސައްކަތްކޮށް، ވަޅުލާފައި ހުއްޓަ އެވެ.
މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި, އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.
ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment