Advertisement

އާ ރައީސަށް ނޮވެމްބަރު 11 ގައި ހުވާކުރެއްވޭނެ މަގެއް މިހާރު ނެތް

11 އޮކްޓޯބަރު 2023 - 11:40 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު؛ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާ ކުރެވޭނެ ގޮތް ދެން ހަމަނުޖެހޭނެ ކަމަށް ވިދާޅުވި. - ފޮޓޯ: މަޖިލީސް


އާ ރައީސަށް ނޮވެމްބަރު 11 ގައި ހުވާކުރެއްވޭނެ މަގެއް މިހާރު ނެތް

11 އޮކްޓޯބަރު 2023 - 11:40 0

ޒަމާނުއްސުރެ އާ ރައީސް ހުވާ ކުރައްވާ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ގައި، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވި ނަމަވެސް އެ ދުވަހަށް އިންތިހާބީ ރައީސް ހުވާ ކުރުމުގެ ކަންކަން ދެން ހަމަނުޖެއްސޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

މީގެ 55 އަހަރު ކުރިން 1968 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ނޮވެމްބަރު 11 އެވެ. ނަމަވެސް 2013 ގައި އެކަން ބަދަލު ވެގެން ދިޔައީ އެ ތާރީހަށް އާ ރައީސަކު އިންތިހާބު ނުކުރެވުމުންނެވެ. އެއީ އެ ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން އަލުން އެ ބުރު ބާއްވަން ޖެހުމުންނެވެ.

ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 11 އަށް ބަދަލުކުރައްވަން ރައީސް ބޭނުންވީ ސަގާފީ އެ އާދަ އިއާދަ ކުރުމަށެވެ. ނަމަވެސް އެޓާނީ ޖެނެރަލް ރިފްއަތު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް އެ ކަން އެ ގޮތަށް ހިންގޭނެ ގާނޫނީ މަގެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވެނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އެއީ މިހާރު 87 މެންބަރުން ތިއްބަވާ މަޖިލީހުގެ 66 މެންބަރުންގެ ވޯޓެވެ. އަދި ގާނޫނު އަސާސީއަށް ގެންނަ ބަދަލެއް ނަމަ މުޅި މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދުން ފުޅާ ދާއިރާއެއްގައި ހިންގަން ވެސް ޖެހޭނެ އެވެ.

ރިފްއަތު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް ދެން އެ ކަން ކުރެވެން އަންނާނީ މަގާމުތަކުގައި ތިބި މީހުން އިސްތިއުފާ ދެއްވުމެވެ. ނަމަވެސް އެއީ ވެސް ކުރެވިދާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، މަޖިލީހުގެެ ރައީސް މި ހަވާލު ވަނީ، ދެން އެ ހާލަތުގައި މި އޮންނަނީ 60 ދުވަހުގެ ތެރޭގައި އާ ސަރުކާރު އެކުލަވާލަން، އިސްތިއުފާ ދީގެން ވެސް އެ ކަން ކުރެވޭނެ ގާނޫނީ މަގެއް ނެތް،" ރިފްއަތު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސްގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގަ އެވެ.

މައްސަލަ ދިމާވީ، 2013 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ލަހުން ބާއްވަން ޖެހުމުންނެވެ. އެ އަހަރު ސެޕްޓެމްބަރު 9، 2013 ގައި އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ބުރު ބާތިލްކޮށްފަ އެވެ. އެއަށް ފަހު ފުރަތަމަ ބުރު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެކި ފަހަރު ކުރި މަސައްކަތް ނާކާމިޔާބުވެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 9، ގަ އެވެ.

އޭގެ ކުރިން ކޮމިޝަނުން ކުރި މަސައްކަތްތައް ނާކާމިޔާބުވީ ސުޕްރީމް ކޯޓުން ދިން ގައިޑްލައިން ފުރިހަމަ ނުވާ ކަމަށް ބުނެ ފުލުހުން އެކި ހުރަސްތައް އެޅުމުންނެވެ.

އެ ހުރިހާ މައްސަލަތަކާ އެކު އެ ފަހަރު އިންތިހާބީ ރައީސް އަބްދުﷲ ޔާމީން ހުވާކުރައްވަން ޖެހިވަޑައިގަތީ ނޮވެމްބަރު 17 ގަ އެވެ. އޭގެ ފަސް އަހަރު ފަހުން 2018، ގައި އޭރުގެ އިންތިހާބީ ރައީސް ސޯލިހު ނޮވެމްބަރު 11، ގައި ހުވާ ކުރުމަށް މަސައްކަތްތަކެއް ވެސް ކުރެވުނެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ވެސް ކުރި އެވެ.

އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ކޮމިޓީއަށް ފާހަގަ ކުރެވުނީ ދައުލަތުގެ ތިން ބާރުގެ ވެރިން ސޮއިކުރައްވާފައިވާ ރައީސް ޔާމީން ހުވާކުރެއްވި ޖަލްސާގެ ޔައުމިއްޔާގައި އެމަނިކުފާނުގެ ރިޔާސީ ދައުރު ފެށުނީ ނޮވެމްބަރު 17، ގައި ކަމަށް ބަޔާން ކޮށްފައިވާ ކަމެވެ.