11 އޮކްޓޯބަރު 2023 - 10:07 0
މަރިޔަމް އަފާ ނިޒާމް
ވިލާ ކޮލެޖުގެ ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
11 އޮކްޓޯބަރު 2023 - 10:07 0
ވޯލްޑް މެންޓަލް ހެލްތު ޑޭ އާ ގުޅުވައިގެން ވިލާ ކޮލެޖުން ސައިކޮލޮޖީ ސިމްޕޯޒިޔަމް އަކާއި އެގްޒިބިޝަނެއް އިއްޔެ ބާއްވައިފި އެވެ.
ވިލާ ކޮލެޖުގައި އިއްޔެ ކުރިއަށްދިޔަ މި ސިމްޕޯޒިއަމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ.
މިއީ އެ ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި މި ފަދަ ދެ ވަނަ ސިމްޕޯޒިޔަމް އެވެ. އެ ކޮލެޖުން ބުނި ގޮތުގައި މި ސިމްޕޯޒިޔަމްގެ މައިގަނޑު މަގުސަދަކީ ވިލާ ކޮލެޖުގެ ސައިކޮލޮޖީ ކިޔަވާ ދަރިވަރުންނަށް އެ ކޮލެޖުން ދަސްކޮށްދީފައިވާ އިލްމާއި ގާބިލުކަމާއި ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ ހާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ހިދުމަތަކަށްވުން މުހިއްމު ކަމަށެވެ.
ވިލާ ކޮލެޖުން ކުރިއަށްގެންދިޔަ ސައިކޮލޮޖީ މަހާސިންތާގެ ތެރެއިން، މިއީ އެކޮލެޖުން ބޭއްވި މިފަދަ ދެވަނަ ހަރަކާތް--- ފޮޓޯ: ޝާބިން/އަދަދު
މި ސިމްޕޯޒިއަމްގެ ރިސާޗް ޓްރެކްގައި "އެބިއުސް، ރިލިޖިއަލިޒަމް، ރިލޭޝަންޝިޕްސް އެންޑް ޓްރަސްޓް" ފަދަ މައުލޫއުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި "ޕްރެޖުޑިސް، ޑިސްކްރިމިނޭޝަން އެންޑް ސްޓީރިއޯޓައިޕިން" ގެ ނަމުގައި ބަހުސް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވަނީ އެ ކޮލެޖުން ބެޗްލާ އޮފް ސައިކޮލޮޖީ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އޭގެ ފަހުން ލިބުނު ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ.
އެގޮތުން އެ ކޮލެޖުން މިހާތަނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތްކުރާ 197 މީހަކާއި، މާސްޓާ އޮފް ސައިންސް އިން ކައުންސެލިން ހާސިލުކުރަމުންދާ 14 ދަރިވަރުންނާއި، ބެޗްލާ އޮފް ސައިކޮލޮޖީ ޕްރޮގްރާމްގައި 183 ދަރިވަރުންނަށް ތަމްރީން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަދަދުތަކުން ދޭހަކޮށްދެނީ، މި ފަންނުގައި މަތީ މިންގަނޑުތަކެއް ދެމެހެއްޓުމަށް ވިލާ ކޮލެޖުން ދެމިތިބޭނެކަމުގެ ސާބިތުކަން ކަމަށެވެ.
Comment