Advertisement

ފަރުވާގެ ނިޒާމު ތަރައްގީނުވެ، މަސްތުވުމުގެ ބަލިމަޑުކަން އިތުރަށް ގޯސްވަނީ

15 އޮކްޓޯބަރު 2023 - 09:21 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލޭގައި ހިންގާ ޑްރަގް ކެފޭއެއް؛ އެކި އުމުރު ފުރައިގެ ގިނަ ބަޔަކު ވަންނަމުން އަންނަ އިރު، އެކަން ހައްލު ކުރެވޭ މިންވަރާ ގާތަށްވެސް ރާއްޖޭގެ ފަރުވާގެ ނިޒާމު ހަރުދަނާކުރެވިފައި ނެތް -- ފޮޓޯ: އަދަދު


ފަރުވާގެ ނިޒާމު ތަރައްގީނުވެ، މަސްތުވުމުގެ ބަލިމަޑުކަން އިތުރަށް ގޯސްވަނީ

15 އޮކްޓޯބަރު 2023 - 09:21 0

ކުރިން އެއީ ވަގުންނާއި މަގުފޭރޭ މީހުންނެވެ. ދަމާކަނޑާ މީހުންނާއި މާރާމާރީ ހިންގާ މީހުންނެވެ. އެމީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގިނަ ކުށްތަކަށް އަރައިގަންނަ މީހުންކަން އެންމެންވެސް ދަނެ އެވެ. އެކަމަކު، މިއަދު އެ ހާލަތު ބަދަލުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން 2021 ގައި ހެދި އެސެސްމަންޓު ރިޕޯޓުން ދައްކާ ގޮތުން ދިވެހިންގެ ތެރޭގައި އުމުރުން އަށް އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން އެބަ ތިއްބެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހެނީ ހަމައެކަނި ސިޔާސަ ކުދިންނެއް ނޫނެވެ. އެންމެ ތުއްތު އިރުން ފެށިގެން މަންމަގެ ފަސްބައިން ދޫކޮށްނުލާ ހުންނަ ހެޔޮ ކުއްޖާއަށް ވެސް ކޮންމެވެސް ގޮތަކުން ވަބާގައި ޖެހެނީ އެވެ.

ސްކޫލުތަކުގެ ޓީޗަރުންނާއި އިމާމުންނާއި ކައުންސިލަރުން ފަދަ ޒިންމާދާރު މަގާމުތައް އަދާކުރާ މީހުންގެ ތެރޭގައި ވެސް މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުން ގިނަވެއްޖެ އެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ތެރެއަށް އެކި އުމުރު ފުރައިގެ ގިނަ ބަޔަކު ވަންނަމުން އަންނަ އިރު، އެކަން ހައްލު ކުރެވޭ މިންވަރާ ގާތަށް ވެސް ރާއްޖޭގެ ފަރުވާގެ ނިޒާމު ހަރުދަނާކުރެވިފައި ނެތުން އެއީ ޒަމާނުއްސުރެ ގިނަ ބައެެއްގެ ޝަކުވާއެކެވެ.

ބައެއް މަސްތުވާތަކެތި ހިލޭބެހުން؛ ނުރައްކާތެރި އުކުޅެއް

ޒަމާނަށް އައި ބަދަލާއެކު ހަމައެކަނި ގިނަވީ މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންނެއް ނޫނެވެ. މަސްތުވާތަކެތީގެ ބާވަތްތައް ގިނަވެ، އާ ބާވަތްބާވަތުގެ މަސްތުވާތަކެތި ދަނީ މުޖްތަމައަށް ގިނަވަމުންނެވެ.

މީގެ 10 އަހަރު ކުރިން، 2013 އާ ހަމައަށް ދިވެހިންގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރަމުން އައީ މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ ހަޝިޝް އޮއިލް (ތެޔޮ) އާއި ހަކުރު (ހެރޮއިން) އަދި ބަނގުރަލެވެ.

އެހެން ބައެއް ތަކެތި މަސްތުވުމަށް ބޭނުންކުރިޔަސް އެއީ އެހާ އާންމުކަމެއް ނޫނެވެ. އެއަހަރު އދ. ގެ މަސްތުވާތަކެއްޗާއި ކުށްކުށަށް ހާއްސަ އޮފީހުން އާންމު ކުރި ނެޝަނަލް ޑްރަގް ޔޫސް ސާވޭއިން އެކަން އެނގެ އެވެ.

މީގެ ދެ އަހަރު ކުރިން 2021 ގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތީގެ ބައެއް ބާވަތްތައް ހިލޭ ވެސް ރާއްޖެއިން ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ނުރައްކާތެރި ބާވަތެއް ކަމަށްވާ މެތަމްފެޓެމިން (މެތު) ވެސް ހިމެނެ އެވެ.

މެތުގެ ނުރައްކާތެރިކަން ބޮޑުވާ އެއް ސަބަބަކީ އެއްފަހަރު މަސްތުވުމަށް މެތު ބޭނުންކުރާ މީހާވެސް އެއަށް ދެވި ހިފުމުގެ ފުރުސަތު ބޮޑުކަމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މެތު ފަދަ ފަސޭހައިން ދެވިހިފާ ބާވަތްތައް ހިލޭ ބެހުމަކީ އޭގެ އަވައިގައި ގިނަ ބަޔަކު ޖެއްސުމަށް ކުރާ އިންވެސްޓެކެވެ.

"މެތު މިހާރު މި ތަނުން މިހާރު މި ލިބެނީ ހަމަ ހިލޭ. އެއީ ކޮން ތާކުން ކަމެއް ސަޕްލައިކޮށްގެން އުޅެނީކީ އަޅުގަނޑަކަށް ނޭނގޭ،" ސެޕްޓެމްބަރު 15، ގައި ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މިނިސްޓަރު ނަސީމް ވިދާޅުވެފައިވެ އެވެ.

މަގުމަތިން މަސްތުވެފައި ތިބޭ މީހުން މަދު، ކީއްވެ؟

ދާދި ފަހަކާ ޖެހެންދެއް މަގުތައް މަތީގައި މަސްތުވެ ނިދިޖެހިފައި ތިބޭ މީހުން ގިނަވެ ގިނަބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެއްބަޔަކު ބެލީ އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އިތުރުވާތީ އާއި، އެމީހުން ހައްޔަރުކޮށް އަދަބުދިނުމުގައި ބާރުތަކުން އިހުމާލުވެފައިވާ މިންވަރު ދައްކުވައިދޭ ފާލެއް ކަމަށެވެ.

އަދި މިހާރު މަގުމަތީގައި އެގޮތަށް ތިބޭ މީހުން ނުފެންނަ ވާހަކަ ވެސް ދައްކަ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މަގުތައް މަތިން މަސްތުވެފައި ތިބޭ ނުފެނުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުވުމެވެ.

މީގެ ކުރިން ގިނައިން ބޭނުންކުރަމުން ހެރޮއިން އަކީ އެބާވަތްތައް ބޭނުންކުރުމުން މީހާ ނިދިޖެހި ހަރަކާތްތައް ލަސްވާ ފަދަ ބާވަތްތަކެކެވެ.

އެއާ ހިލާފަށް މިހާރު ދައުރުކުރުވާ މެތު، ކޮކައިން، މެފެޑްރޯން (މިޔައު-މިޔައު) ފަދަ ބާވަތްތަކަކީ މަސްތުވާތަކެތީގެ ސްޓިމިއުލަންޓު ގްރޫޕުގައި ހިމެނޭ ބާވަތް ބާވަތެވެ. އެތަކެތި ބޭނުންކުރުމުން އެންޒައިޓީ އިތުރުވުމާއި، މޫޑުބަދަލުވުން އަދި ހިތުގެ ހިނގުން އަވަސްވުންފަދަ ކަންކަން ދިމާވެ ސްޓްރޯކް ނުވަތަ ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

"ޑިޕްރެޝަންސް މިއޮއްހާ ދުވަހު ބޭނުންކުރި ގައުމެއް ވަރަށް ފަހަކުން މިއުޅެނީ ކުއްލިއަކަށް ސްޓިމިއުލަންޓްސްއަށް ގޮސްގެން. މިއީ އަޅުގަނޑުމެން ސްޓަޑީ ކުރަން ޖެހޭ ވަރުގެ ފެނޯމިނާއެއް އަސްލު،" މަސްތުވާތަކެތީގެ ރިކަވަރީ ސަޕޯޓްގެ ދާއިރާ އިން އިންޓަނޭޝަނަލް މާސްޓާ ޓްރެއިނިން ހާސިލްްކޮށްފައިވާ އަލީ އަދީބު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ހުކުމަކާ ނުލައި ފަރުވާ ހޯދޭނެ ފުރުސަތު ހަނި

އަދީބު ފާހަގަކުރެއްވި ގޮތުގާ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވި ނަމަވެސް، ފަރުވާ ހޯދުމަށް އޮންނަނީ ހަނި ފުރުސަތެކެވެ.

އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ އަމިއްލައަށް ބޭނުންވެގެން ފަރުވާ ހޯދުމުގެ ފުރުސަތު ހަނިވާ މައްސަލައެވެ. ފަރުވާ ދިނުމުގައި އިސްކަންދެނީ ފަރުވާ ހޯދުމަށް ހުކުމްކޮށްފައިވާ މީހުންނަށް ކަމަށާއި، އަމިއްލައަށް ފަރުވާއަށް އެދޭ މީހުންނަށް ދިގު ވެއިޓްލިސްޓެއްގައި ޖެހެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންވެސް އެކި ތަންތަނަށް ގޮސް މިހެން އުޅޭއިރު، މަގުމަތިން ދިމާވާ ބައެއް އެކަހަލަ ކުދިން ކައިރީވެސް ބުނަން ފަރުވާ ހޯދަންވީ ނޫންހޭ. ބައެއް ކުދިން އެކަން ގަބޫލުވެސް ކުރޭ. އަމިއްލައަށް ފަރުވާއަށް އެދި ފޯމުވެސް ހުށަހަޅާ. އެކަމަކު ވެއިޓްލިސްޓުގައި ޖެހިގެން ފަރުވާ ހޯދަން އެބަ ނަގާ ތިން މަސްވަރު އާންމުކޮށް،" އަދީބު ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މީހެއްގެ އާދޭހެއް ނެތި ފަރުވާއަށް ދަނީ މަދު ބައެކެވެ. ގިނަ ފަހަރަށް އެމީހުން ފަރުވާ ހޯދުމަށް އެއްބަސްވަނީ އާއިލީ ގާތް މީހަކު ނުވަތަ ރަހުމަތްތެރިއެއްގެ ބުނުމަކަށެވެ. ހިތާ ދެކޮޅަށް ގޮތް ނިންމައިގެން ފަރުވާ ލިބިގަތުމަށް އެދި، އެ ފުރުސަތު ލިބޭއިރު ނިންމުން ބަދަލުވާ ފަހަރު ގިނަ އެވެ.

"އަހަރެންގެ މައިލަނގޮޑިއަކަށް ކެތެއް ނުވާނެ ދަރިއަކު ކުށްވެރިވެގެން ޖަލުގެ ކުޑަގޮޅީގައި އޮންނަތަން ދެކޭކަށް. އެހެންވެ ޖަލަށް ނުފޮނުވާ ރިހެބަކަށް ފޮނުވަން މަސައްކަތް ކުރީ. ފޯމު ހުށަހެޅިތާ އެތައް ދުވަހެއް ވީއިރު ވެސް އެމީހުންގެ ހަބަރެއް ނުވޭ. ދުވަސްގަނޑެއް ފަހުން ގުޅައިގެން ފޮނުވަން މަސައްކަތް ކޮށްކޮށް ނުދިޔަ،" ޑްރަގުގެ ވަބާގައި ޖެހިފައިވާ ޒުވާނެއްގެ މަންމަ، ހަދީޖާ (ފުރިހަމަ ނަމެއް ނޫން) ކިޔައިދިނެވެ.

ފަރުވާ ހޯދުމަށް ވެއިޓްލިސްޓު ކުރެވިފައިވާ މީހުންގެ އަދަދެއް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ފަރުވާ ދެވެނީ މަދު ބާވަތްތަކަކަށް

ރާއްޖޭގައި މަސްތުވަތަކެތި ބޭނުންކުރާ މީހުންނަށް ދޭ އެންމެ ވަރުގަދަ ފަރުވާއަކީ މެތަޑޯން އެވެ. މެތަޑޯންއަކީ ހެރޮއިން ފަދަ މަސްތުވާތަކެތީގެ ބާވަތްތަކާ ދެކޮޅަށް ހަނގުރާމަކުރާ ބޭހެކެވެ. މެތަޑޯން ފަރުވާގެ އެހީގައި މަސްތުވާތަކެތި ބޭނުންވާ މިންވަރު ކުޑަކޮށް، ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްކޮށްދެ އެވެ.

މެތަޑޯން ފަރުވާއަކީ ވަކި ބާވަތަކަށް އަދި އޮތް އެންމެ ރަނގަޅު ފަރުވާ ނަމަވެސް، ސްޓިމިއުލަންޓްސް ބޭނުންކުރާ މީހުންނަށް މެތަޑޯން ބޭނުންކޮށްގެން ފަރުވާއެއް ނުދެވެ އެވެ.

"ރާއްޖޭގެ މުޅި ފަރުވާގެ ނިޒާމްވެސް ނެތް ހަގީގަތުގައި ސްޓިމިއުލަންޓްސްއަށް ތައްޔާރުވެފައެއް. އެފަދަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެވޭނެ އެއްވެސް ފަރުވާއެއްވެސް ނެތް. އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލްތަކުގައި ވެސް އެފަދަ ކަންކަމަށް ފަރުވާ ދެވޭނެ ގޮތެއް އޮތުން އަސްލު ވަރަށް މުހިންމު،" އަދީބް ވިދާޅުވި އެވެ.

އަދީބް ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާ ދޭ ނިޒާމު މިހާރަށްވުރެ ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ގިނަ ބައެއް ބާތްތަކުގެ މަސްތުވާތަކެއްޗަށް ފަރުވާ ނެތް މައްސަލަ އޭނާ ވެސް ފާހަގަކުރެއްވި އެވެ.

"މެތަޑޯންއަކީ ފަރުވާގެ އެއްބައި. މީހާ ގައިގަ އަށަގަނެފައި ހުންނަ ބިހޭވިއަ ކަންތައްތަކާ އަދި އެހެނިހެން ނަފްސާނީ މައްސަލަތަކަށް އެޑްރެސްކުރަން މިޖެހެނީ ސައިކޯ ސޯޝަލް ސަޕޯޓު މީހުން. އަޅުގަނޑުމެން ސަރުކާރުގަ ވެސް އެބަ އެދެން ވީ އެންމެ އަވަހަކަށް މިހާރު ލިބެން ހުރި ގޮތަކަށް ސައިކޯ ސޯޝަލް ސަޕޯޓު ފަށައިދިނުމަށް،" އަދީބް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމާއި، މަސްތުވާތަކެތީގެ ބާވަތްތައް އިތުރުވުމުގެ ސަބަބުން މުޖްތަމައުގެ ތެރޭގައި އެތައް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ ވާހަކަ އާއި ފަރުވާގެ ނިޒާމު ފެއިލްވެފައިވާ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކަތަކެއް ނަމަވެސް މައްސަލަތަކަށް ހައްލު ގެނައުމަށް މިހާތަނަށް އެޅި ފިޔަވަޅުތައް މަދެވެ.

ބިރުވެރި ހިސާބަކަށް މަސްތުވާތަކެތީގެ ހާލަތު ގޮސްފައިވާއިރު، ފަރުވާގެ ނިޒާމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. މި ބޮޑު މައްސަަލައަށް ހައްލެއް ހޯދަން ކުރަންޖެހޭ ދިރާސާތައް އިތުރު ކުރަންޖެހެ އެވެ. މިއީ، ސީރިއަސް އަދި އަވަހަށް ހައްލުކުރަންޖެހޭ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ދެކެންޖެހެ އެވެ.