10 އޮކްޓޯބަރު 2023 - 12:27 0
މުހައްމަދު އުޝާމް
10 އޮކްޓޯބަރު 2023 - 12:27 0
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު ޑޭވިޑު ޖެސަޕް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް ތައުރީފު ކުރައްވައިފި އެވެ.
ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބުންނާއި ގައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުން އިންތިހާބީ ރައީސްގެ އަރިހަށް ޒިޔާރަތް ކުރެއްވުން ކުރިއަށް ގެންދަނީ އިންތިހާބީ ރައީސްގެ ގެކޮޅުގެ ހަތްވަނަ ފަންގިފިލާގަ އެވެ.
އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު، އިންތިހާބީ ރައީސްއާ ބައްދަލު ކުރެއްވީ މިއަދު ހެނދުނު އެ އިންތިހާބީ ރައީސްގެ ގެކޮޅުގަ އެވެ. އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންތިހާބީ ރައީސްގެ ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ތައުރީފު ކުރެއްވި އިރު، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވި އެވެ.
ތައުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، އިންސާނީ ވަސީލަތް ބިނާކުރުމަށް އޮސްޓްރޭލިއާއިން މިހާރު ވެސް ދެމުން ގެންދާ އެހީތެރިކަމަށް އިންތިހާބީ ރައީސް ޝުކުރު އަދާ ކުރައްވާފައި ވެ އެވެ.
މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް ފޮރިން ޕޮލިސީ" ކަމަށް އިއުލާން ކުރެއްވީ ރިޔާސީ އިންތިހާބަށް ފަހު ލިބުނު ކާމިޔާބީ ފާހަގަ ކުރެއްވުމަށް ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ސިޔާސަތު ބިނާވާނީ ރާއްޖޭގެ މަސްލަހަތާއި އަމިއްލަވަންތަކަން އިސް ކުރުމުގެ މައްޗަށް ކަމަށް މުއިއްޒު ވިދާޅުވެފައި ވެ އެވެ. މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން ދެކޭ ގޮތުގައި މިހާރު އޮތް ސަރުކާރުން އިންޑިއާއާ ބާއްވާ ގުޅުމާއި އިންޑިއާ އިސްވާ ހާރިޖީ ސިޔާސަތުގެ ސަބަބުން ދައުލަތުގެ އަމިއްލަވަންތަކަމަށް ވަނީ އަސަރުކޮށްފަ އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ފޮނުވާލުމަކީ ވެސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައްޔިތުންގެ ވޯޓުން ދިން މެސެޖަކީ ވެސް ބޭރުގެ ސިފައިން ތިބެން ބޭނުން ނުވުން ކަމަށް މުއިއްޒު ވިދާޅުވެފައި ވެ އެވެ. އެކަން އިންޑިއާއިން ގަބޫލު ކުރާނެ ކަމަށާއި ޑިޕްލޮމެޓިކް މަޝްވަރާތަކުގެ މަތިން ސިފައިން ފޮނުވާލެވޭނެ ކަމުގެ ޔަގީން ކަން އިންތިހާބީ ރައީސް ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ.
Comment