Advertisement

ސިޔާސަތެއް ނެތް، އޮތީ ޒާތީވުމުގެ "ސިޔާސީ" ހަރަކާތްތަކެއް!

10 އޮކްޓޯބަރު 2023 - 12:14 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހަށް ހުށަހެޅޭ ބިލުގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް، ސިޔާސީ ލީޑަރުންގެ ވާހަކަ މެންބަރުން ދައްކަވާ މަންޒަރު - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ސިޔާސަތެއް ނެތް، އޮތީ ޒާތީވުމުގެ "ސިޔާސީ" ހަރަކާތްތަކެއް!

10 އޮކްޓޯބަރު 2023 - 12:14 1

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެކެވެ. އެޖެންޑާގައި ގިނަ ބިލުތަކެއްގެ ބަހުސް އެބަ އޮތެވެ.ބަހުސަށް ފުރުސަތު ހޯއްދަވައި މެންބަރުން ދައްކަވަމުން ގެންދަވަނީ މުޅިން އެހެން ވާހަކަތަކެކެވެ. އެ ބަޔެއްގެ ލީޑަރަށް ސަނާ ކިޔުމެވެ. ވާދަވެރި ލީޑަރަށް އެކި ޒާތުގެ ތުހުމަތު ކުރުމެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އެތެރޭގެ މައްސަލަތަކުގެ ވާހަކަ އާއި ވަކި ލީޑަރަކަށް ބޭއިންސާފުން ކަމެއް ހިނގާފައި އޮތް ކަމުގެ ވާހަކަ އެވެ.

މިއީ ޑިމޮކްރެސީގެ އެންމެ މައި މުއައްސަސާ، ރައްޔިތުންގެ މަޖިލީހުން އެކަނި ފެންނަ މަންޒަރެއް ނޫނެވެ. ސިޔާސީ ޕާޓީތަކުގެ މައި ގުނަންތަކުން ފެށިގެން އެކި މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސުން ވެސް ފެންނަނީ އެ ކަމެވެ. ސިޔާސަތުގެ މާ ބޮޑު ވާހަކައެއް ނެތެވެ؛ ކޮންމެ ވެސް މީހެއްގެ ވާހަކަތަކެކެވެ.

މައި އެއް ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން އެންމެ ފަހުން ބޭއްވި ބައްދަލުވުމަކީ އޭގެ މިސާލެކެވެ. ބަހުސަކީ ވެރިކަމުގެ ނިޒާމެވެ. އެކަމަކު އެ ބަހުސެއް ނުހިނގި އެވެ. މެންބަރުންގެ މުޅި ރޫހު އޮތީ އެހެން ކަމަކަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު އޮތް ޖަޒުބާތުތަކެވެ. "ބޭވަފާތެރިޔާ" ގެ ހުށަހެޅުމެއް ނަމަ، ދެކޮޅުވުން ލާޒިމު ކަހަލަ އެވެ.

"އަޅުގަނޑުމެންނަށް މާ މުހިންމެއް ނޫން މި ވަގުތަކަށް، ރާއްޖެއަށް އެންމެ ރަނގަޅީ ކޮން ނިޒާމެއްތޯ ބަލާކަށް ވެސް، އަޅުގަނޑު ވެސް ހަމަ، ބަރުލަމާނީ ނޫން ގޮތެއް،" ރިޔާސީ އިންތިހާބުގައި "އިބޫ ނޫންގޮތެއް" ކަމަށް ޑިމޮކްރެޓްސްއިން ކުރި ވަކަލާތަށް ރައްދު ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު އެ ރޭގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީ ވެސް ފެންނަނީ އެފަދަ ގޮތަކަށެވެ. އެ ޕާޓީގެ ކައުންސިލް ބައްދަލުވުންތަކުގައި ވެސް އޮންނަނީ ވެރިކަން ވައްޓާލުމުގެ ވާހަކަތަކެވެ. އިންތިހާބުކުރާ ވެރިކަން ވެސް އަވަހަށް ވައްޓާލުމެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ބުނެ އިންޒާރު ދިނުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ނަޝީދުގެ ސިޔާސީ ހަޔާތް ފެއިލްކޮށްލަން ކޮށްފައިވާ އެކި މަސައްކަތުގެ ވާހަކަތަކެވެ.

"ސިޔާސީ" އެ ލަފުޒު އުފެދިފައި ވަނީ "ސިޔާސަތު" ގެ ލަފުޒާ ގުޅުވައިފަ އެވެ. ސިޔާސީ ހަރަކާތަކީ ވެރިކަން ހިންގުމުގެ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ފެންވަރު ދަށަށް ނުގޮސް، އެ ކަންކަން ބަލަހައްޓާނެ ބެލެނިވެރިޔެއްގެ ގޮތުގައި ދައުލަތް އޮތުމުގެ ހިޔާލާތެވެ. މީގެ މައިގަނޑު މައުލޫއުގައި، ވަކި މީހަކު ބާރުވެރިކަމަށް ގެނައުން ނުވަތަ ވަކި މީހެއްގެ ކިބައިން ބާރު ނެގުމުގެ ވާހަކައެއް ނޯވެ އެވެ.

ގިނަ ސިޔާސީ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަކީ، ދުނިޔޭގެ ސިޔާސީ މަސައްކަތުގެ ތަޖުރިބާތަކަށް ފަހު ވުޖޫދު ވެގެން އައި އޮނިގަނޑެކެވެ. ވިސްނުމަކީ ޕާޓީތަކުން ރައްޔިތުންގެ ރުހުން ހޯދާނެ ސިޔާސަތުތަކެއް ދައްކައިގެން، ރައްޔިތުން އެންމެ ގަޔާވާ ސިޔާސަތުތައް އޮތް ބަޔަކަށް ވެރިކަން ކުރަން ފުރުސަތު ދިނުމެވެ. އޭގެ ފަހުގައި އެހެން ޕާޓީތަކުން، ވެރިކަން ހިންގާ ގޮތަށް ފާރަވެރިވެ ތިބުމެވެ.

ފެހި ގާނޫނު އަސާސީ އެކުލަވާލީ ތިން ބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމުގެ އެފަދަ އޮނިގަނޑެއްގެ މައްޗަށެވެ. އަދި ބަރުލަމާނީ ނިޒާމުގައި މަޖިލީހަށް ދީފައި އޮންނަ ބައެއް ބާރުތަކުގެ ސިފަތައް ވެސް އެއަށް މަސްހުނިކޮށްގެންނެވެ. ނަމަވެސް މިދިޔަ 15 އަހަރުގެ ތަޖުރިބާއަކީ ސިޔާސަތުތަކަށް ހާއްސަ އިސްކަމެއް ދެވޭ ސިޔާސީ ހަރަކާތެއް ނެތުމެވެ.

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވެސް ގަބޫލުކުރައްވަނީ "އިޝޫ-ބޭސްޑް ޕޮލިޓިކްސް" އެއް ރާއްޖޭގައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ "ޕާސަން-ބޭސްޑް ޕޮލިިޓިކްސް" އެކެވެ.

ސިޔާސީ ހަރަކާތުގެ މައިގަނޑު ކަމަކަށް އޮންނަނީ ވަކި މީހަކާ ޖައްސާލައިގެން، އޭނާއާ ޒާތީ ގޮތުން ދިމާކޮށްލުމުގެ ކަންތައްގަނޑެެކެވެ.

"އިޝޫއެއް ނެތް، އިޝޫއަކަށް ފޯކަސް ކޮށްފައި ދައްކާނެ ވާހަކައެއް ވެސް ނެތް، އިޝޫ ބޭސްޑް ޕޮލިޓިކްސްއެއް ނޫން ރާއްޖޭގައި މިހާރު މި އޮތީ، ޕާސަން ބޭސްޑް ޕޮލިޓިކްސްއެއް މި އޮންނަނީ، މީހަކާ ޖައްސަލާއިގެން، މީހަކު ވަށައިގެން، އެހެންވެއްޖެއްޔާ އިޝޫއަކަށް އެޑްރެސް ނުވާނެތާ،" މަންދު ކޮލެޖުގެ ބާނީ އަދި އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާ ވިދާޅުވި އެވެ.

ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ގިނަ އެވެ. އިގުތިސާދީ ގޮތުން ކުރަން ޖެހޭ ކަންކަން އަދިވެސް ގިނަ އެވެ. އެއާއެކު، ދިރިއުޅުމުގެ ފެންވަރު ވަކި މައްޗެއް ނުވެ އެވެ. މި ކަންކަން ހައްލު ކުރާނެ ސިޔާސަތުގެ ވާހަކައަށް ވުރެ ސިޔާސީ މަސައްކަތުގެ ވަށައިގެން ފެންނަނީ ބަޔެއްގެ ޒާތީ ވާހަކަތަކެކެވެ.

ނަތީޖާއެއްގެ ގޮތުން ފަސް އަހަރުގެ ދައުރަށް ފަހު ކޮންމެ އިންތިހާބެއްގައިވެސް ވެރިކަންކުރާ ޕާޓީ ރައްޔިތުންގެ ވޯޓުން އެބަ ބަދަލު ކުރެ އެވެ. އެންމެ ރަނގަޅު ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯއަކަށް ދެވޭ ވޯޓަކަށް ވުރެ، އިހުތިޖާޖެއްގެ ވޯޓެއް ގޮތަށެވެ. އިންތިހާބުގައި މައި ދެ ޕާޓީގެ ވާހަކަ ވެސް ބައްޓަން ވެފައި އޮންނަނީ މިހާރު އޮތް ހާލަތު ބަދަލު ކުރުމަށް ނުވަތަ ކުރިން އޮތް ހާލަތަށް އެނބުރި ނުދިޔުމަށެވެ.

މިއީ މަލްޓި ޕާޓީ ޑިމޮކްރެސީ ހިނގާ ގޮތް ހެއްޔެވެ؟

"ޓްރައިބަލިޒަމް" ގެ ސަގާފަތެއް؟

"ޓްރައިބަލް ޕޮލިޓިކްސް" ހިނގާ ގޮތަކީ، މުޖުތަމައުގެ ވަކި ބަޔަކު އެހެން މީހުންނަށް ވުރެ ހާއްސަ ކަމަށް ދެކި އެ ބަޔަކު ސިޔާސީ ހަރަކާތް ލީޑު ކުރުމެވެ. އެއިން ކޮންމެ "ޓްރައިބް" އަކަށް ތަބާވާ ގިނަ އަދަދެއްގެ އާންމު މީހުން އުޅޭނެ އެވެ. އެ މީހުންގެ ނަޒަރުގައި ހައްގު މަގުގައި ތިބީ އެ މީހުނެވެ. ދެން ތިބި މީހުން ތިބީ ހައްގު ގޮތް ދޫކޮށްލައިގެނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވި އެއް ކެންޑިޑޭޓު އަހުމަދު ފާރިސް މައުމޫންގެ ނަޒަރުގައި ރާއްޖޭގައި ވެސް ފެންނަނީ އެފަދަ ސިޔާސީ ސަގާފަތެކެވެ. އޭނާ މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި މި ކަންކަން ސިފަކުރައްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ވެރީންގެ މަސްލަހަތަށް ހިންގާ ސަގާފަތެއްގެ ގޮތުގަ އެވެ.

"އަނެއް ޕާޓީގައި ގައުމަށް ހެޔޮ އެދޭ ބަޔަކު ނެތް، ދީނަށް އިހުތިރާމް ކުރާ ބަޔަކު ނެތް، ހައްގު ގޮތުގައި ތިބީ ތިމަންނަމެންގެ ޕާޓީ އެކަނި، މިއީ ދެން ކޮންމެ ޕާޓީއެއްގެ ސަޕޯޓަރުން ވެސް ގަބޫލު ކުރަން ޖެހިފައި އޮތް ގޮތަކަށް މި ކަންތައް މި ހިނގަނީ،" ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ވިދާޅުވެފައިވެ އެވެ.

ވަކި މީހަކު ބާރުގައި ބެހެއްޓުމާއި، ވަކި މީހަކާ ދިމާކޮށްލައިގެން މި ހިންގާ ކަންކަމަކީ އެއީ ކަމަށް ފާރިސް ގަބޫލު ކުރައްވަ އެވެ.

"ކުރިން ކްލަބް ވާދަވެރިކަމުގަ ފެނުނު މި ޓްރައިބަލިޒަމް، ތިމާ ސަޕޯޓް ކުރާ ކްލަބް މީހަކު ދަނޑުމަތީގައި ފައުލް ކުރާ ތަނެއް ވެސް ނުފެންނާނެ، ކޮންމެ ފަހަރަކު ޕެނަލްޓީ ވެސް ލިބެން ޖެހޭނެ، އިދިކޮޅަށް ރެފްރީ ނިންމައިފިއްޔާ ދެން އެ ވާނީ ރެފްރީ ވަކި އަތަކަށް ބުރަވީއޭ، ރެފްރީ ވިކުނީއޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސްގެ އެ ނުކުތާއަށް، އިންތިހާބުގައި ދެން ނާކާމިޔާބީއާ ކުރިމަތިލެއްވި އުމަރު ނަސީރު ވެސް އެއްބަސްވެ އެވެ. އެހެންވިޔަސް އޭނާ ވިދާޅުވީ އެހެން ދިމާވާ ސަބަބަކީ މީގެ ކުރިން ކުރެވުނު ހުދުމުހުތާރު ނިޒާމުގެ ސިފަތައް އަލުން ތަޖުރިބާކުރަން ޖެހޭ ކަމުގެ އިހުސާސް އެ ޕާޓީއެއްގެ ސަޕޯޓަރުން ކުރަން ޖެހުން ކަމަށެވެ.

"ހައްގުން ވިޔަސް، ނުހައްގުން ވިޔަސް، އިދިކޮޅު ޕާޓީގެ ލީޑަރެއް، ނޫނީ ލީޑަރުންތަކެއް، އެބަ ހުރޭ ޖަލުގައި، ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް، ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް، އެ ވާހަކައިން އަރައިނުގަނެވިގެން ކޮންމެ ފަހަރަކު ވެސް ދެން މި ދަނީ،" ޑީއާރުޕީ އާއި ޕީޕީއެމްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި މައި ދެ ސިޔާސީ ޕާޓީގެ ކެމްޕެއިން ވެސް ބައްޓަން ކުރެވިފައި އޮންނަނީ އެންމެ އަސާސީ ވާހަކަތަކަށެވެ. ޕީޕީއެމުން ދެއްކީ މިހާރު އޮތް ހާލަތާއި މިނިވަންކަމަށް ކޮށްފައިވާ އަސަރުން އަރައިގަތުމުގެ ވާހަކަ އެވެ. އެމްޑީޕީން ދެއްކީ، ކުރީގެ ވެރިކަމުގައި ތަޖުރިބާކުރި ހާލަތާއި އަނިޔާވެރިކަމަށް އެނބުރި ނުދިޔުމުގެ ވާހަކަ އެވެ.

އިންތިހާބުން އެ މަންޒަރު ފެނުނު ކަން އުމަރު ވެސް ފާހަގަ ކުރެއްވި އެވެ.

"މާ ބޮޑަށް ސިޔާސަތަށް އިސްކަން ދީގެން ދެވޭ ވޯޓެއް ގޮތަކަށް ނޫން މި ދަނީއެއް ވެސް، ލީޑަރުން ޖަލަށް ލުމާއި، ޖުޑިޝަރީގެ ހާލަތު އެންމެ ރަނގަޅު ނުވެ ދެމިއޮތުމުގެ ސަބަބުން، ރިޔާސީ އިންތިހާބުގެ ވޯޓު ވެސް މި އޮންނަނީ އިހުތިޖާޖުގެ ވޯޓަކަށް ވެފައި،" ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.

ޑިމޮކްރެސީއަށް ހޭނުމުގެ މަރުހަލާއެއް

ޑިމޮކްރެސީގެ ފަލްފަސާއަކީ ވެސް "އައިޑިއަލް" ނުވަތަ "ހިތް އެދޭ ފުރިހަމަ ސިޔާސީ ހަރަކާތް" ނޯވެދާނެ ކަމަށް އެއްބަސްވުމެވެ. އެހެންވެ ޑިމޮކްރަސީގައި އޮންނާނީ ހުރި އިހުތިޔާރުތަކުގެ ތެރެއިން ކަމުދާ ސިޔާސަތުތަކެއް ހުށަހަޅާ މީހަކު ހޮވުމެވެ. ނުވަތަ އެއިން އެންމެ ބޭނުން ނުވާ ގޮތަކާ ދުރަށް ދާން ވޯޓު ދިނުމެވެ. "ލެސާ އީވިލް ސައިޑް" ނުވަތަ "ކުޑަ ނުބައި" އިހުތިޔާރު ކުރުމެވެ.

ސަރުކާރު ހިނގަމުން އަންނަ ގޮތާ މެދު އޮތް ނުރުހުމުގެ އިހުތިޖާޖުގައި ރައްޔިތުން ތިބި ކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދެއްކުމަކީ ޑިމޮކްރެސީ އިމާރާތުގެ "ބިންގާ" އެޅުން ކަމަށް އިބްރާ ދެކެވަޑައިގަންނަވަ އެވެ. ޑިމޮކްރަސީއަށް ހޭނުމަށް އޭގެ ފެށުން އޮންނަ ކަމެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާސީ ލީޑަރުން ޖަލަށް ލުމާއި ދައުލަތުގެ ހާމަކަން ނެތުމުގެ ސަގާފަތް ހިނގަމުން ދަނިކޮށް ރައްޔިތުންގެ ވޯޓާ ހަމައިން ސަރުކާރަށް ނާކާމިޔާބުވި އެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް މައުލޫމާތު ހިފެހެއްޓުމާއި ސަރުކާރުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ނުބެލި ފިޔަވަޅު ނޭޅި ހުރުމާއި، އިންތިހާބާ ގާތްވެފައިވަނިކޮށް ނުފުއްދި ހުރި ވައުދުތައް ފުއްދަން އުޅުނު ފަދަ ކަންކަމަށް ނުރުހޭ ކަން ރައްޔިތުން ބުނެދިނީ ވޯޓުންނެވެ. އެއީ ޑިމޮކްރެސީއަށް ހޭނޭ ކަމުގެ ހެއްކެކެވެ.

"ޑިމޮކްރެސީ މެޗުއާވާ ކަން އެބަ ފެނޭ، ސާރުކާރު ގޯސްކޮށް ހިނގާ ކަން އިންތިހާބުގެ ނަތިޖާއިން ބުނެދިނުމަކީ މީގެ ފެށުން، އެ ކަން ސިޔާސީ ވެރީންނަށް ފެންނާނެ، އެއިން ދަސްކުރާނެ ދޯ، ކުރިން ވެރިޔަކު ދެއްކި ވަރަކަށް ދެން ގޯސް ނުވެވޭނެ ކަން،" އިބްރާ ވިދާޅުވި އެވެ.

މިހާރު ކަންކަން ރަނގަޅު ވެފައިވާ ކަން ވެސް އިބްރާ ފާހަގަ ކުރެއްވި އެވެ. ޖުޑިޝަރީގެ ކޮންމެ މަރުހަލާއެއް ވެސް މިހާރު ކުރިއަށް ވުރެ ހާމަކަން ބޮޑު ގޮތަކަށްދާ ކަމެވެ. ޝަރީއަތްތައް ލައިވު ކުރެ އެވެ. ހުކުމްތައް ފެންނާން ހުރެ އެވެ. ދައުވާ ކުރާ ކަމާއި، ދައުވާ ކުރާ ގާނޫނީ އަސާސާއި މި ހުރިހާ މައުލޫމާތެއް އެބަ ފެނެ އެވެ.

ނަމަވެސް ފުރިހަމަ ނުވެ ހުރި ކަންކަން އަދިވެސް ގިނަ އެވެ. ހާއްސަކޮށް ގަވަނަންސް ނުވަތަ ވެރިކަން ހިންގުމުގައި މައުލޫމާތު ހާމަކުރުމުގެ ހަމަތައް އަދި އެންމެ ރަނގަޅެއް ނޫނެވެ. އިންތިހާބަށް ފަހު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ވެސް ކުޑަ އެވެ. އެކި ދާއިރާތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގައި، އެންމެ ފުރިހަމައަށް ސްޓޭކް ހޯލްޑަރުންގެ ބަސް ނުހޯދެ އެވެ.

"ގަވަނަންސްގައި އެބަ ހުރި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން، އެއިން އެއް ކަމެއް އެއީ އަދިވެސް މައުލޫމާތުތައް ހިފެހެއްޓުން، އަދި ރައްޔިތުންނާ ގާތުން ގަވަނަންސް އޮތުން، ރައްޔިތުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި އަބަދުވެސް ހޯދުން،" އިބްރާ ވިދާޅުވި އެވެ.

ކުރިން ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖު ކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަމްރު ވެސް ގަބޫލުކުރައްވަނީ މިހާރު ރައްޔިތުން ވޯޓު ދިނުމުގައި އިސްކަމެއް ދެނީ އެއިރުގެ ހާލަތާއި ސިޔާސަތުތަކަށެވެ. ނަމަވެސް ޑިމޮކްރެސީއެއް ހިންގުމުގައި މަދުވެގެން އުޅޭ ކަމަކީ އިންތިހާބަށް ފަހުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެއްވެސް ވަރަކަށް ނުކުރެވި ދިޔުން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މީގައި މަދުވާ ކަމަކީ އިންތިހާބު ނިމުމުން، އާންމު މީހުންނާ އެކުގައި، ސިޔާސަތުތަކާ ގުޅޭ ގޮތުން، ކައިރިކައިރީ، ގިނަގިނައިން، މަޝްވަރާ ހޯދުމުގެ ކަންކަން ކުރިއަށް ދިޔުން، ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންނަށް އުޅެވެނީ އިންތިހާބެއް އައިމަ ރަށްރަށަށް ގޮސް ހިޔާލު ހޯދަން،" އަމްރު ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ނުހިނގާ ސަބަބަކަށް ކުރިން ވާހަކަ ދެއްކެވި އުމަރު ވެސް ގަބޫލު ކުރައްވަނީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީ އެވެ. ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތައް ބާއްވަނީ އެ ޕާޓީގެ ލީޑާޝިޕުންނެވެ. ނޫނީ ލީޑާޝިޕު ކަނޑައަޅާ ކޮމިޓީއަކުންނެވެ. އެއީ މިނިވަން ތިންވަނަ ފަރާތެއްް މެދުވެރިވެގެން ކުރާ ކަމެއް ނޫނެވެ. ނަތީޖާއަކީ ކޮންޓްރޯލްކުރެވޭ މެންބާޝިޕެއް އޮވެ، ލީޑަރަށް ސަނާ ކިޔުމުގެ ސަގާފަތެއް އަށަގަތުމެވެ.

މިހާތަނަށް ޕާޓީތަކުގެ ލީޑާޝިޕަށް އައިސްފައިވާ ބަދަލެއް އައިސްފައި ވަނީ ވެސް ލީޑަރަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ޖަލުގައި ހުރުމުން އެހެން ލީޑަރަކަށް ކެންޑިޑެސީ ދޫކޮށްލަން ޖެހުމެވެ. އާ ލީޑަރާ އެކު އަނެއްކާ ވެސް ތަކުރާރުކޮށް ފެންނަނީ ކުރިން ފެނި ދިޔަ މަންޒަރުތަކެކެވެ.

"މަލްޓި ޕާޓީ ސިސްޓަމުގައި ހަމައެކަނި މަދުވެގެން އުޅޭ ކަމަކީ އެއީ، ރައީސް މައުމޫން ވެސް މިނިވަން ކޮމިޝަނަކުން ބާއްވާ އިންތިހާބަކާ ހަމައަށް ދިޔައީ ކާމިޔާބު ކުރަމުން، މިހާރު ވެސް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތަކުގެ އިންތިޒާމު މިނިވަން ކޮމިޝަނަކަށް ދޫކޮށްލާ އިރަށް މި ހުރިހާ ކަމެއް ރަނގަޅު ވާނެ،" އުމަރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީ ރަނގަޅު ކުރަން ޖެހޭ ކަމަށް އިބްރާ ވެސް ގަބޫލު ކުރައްވަ އެވެ. ލީޑާޝިޕުން ހިފެހެއްޓިފައިވާ މެންބާޝިޕަކަށް ދެވޭ ވޯޓެއްގެ ގޮތުގައި ޕްރައިމަރީތައް ސިފަކުރެއްވި އެވެ.

"މިހާތަނަށް ޕާޓީތަކުގެ ޕްރައިމަރީތައް ވެސް ހުރީ، އެ ޕާޓީ ހިންގަން ތިބޭ މީހުންގެ ކޮންޓްރޯލްގެ ދަށުން، އެ މީހުން ނެރެން ބޭނުންވާ މީހަކު ނެރޭ ކަހަލަ ގޮތަކަށް،" އިބްރާ ވިދާޅުވި އެވެ.

މި ގާނޫނު އަސާސީގެ ދަށުން ހަތަރު ރިޔާސީ އިންތިހާބު ބޭއްވިއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށް އެބަ އޮތެވެ. އަދިވެސް ސިޔާސަތުތަކަކަށް އިސްކަން ދެވިފައި އޮތް ސިޔާސީ ހަރަކާތަށް ވުރެ، ޕާޓީތަކުގެ ހަރަކާތްތައް ބައްޓަންވެފައި ހުރީ ވަކި މީހެއްގެ ހިމާޔަތަށް ވެގެންތިބެ، އެހެން މީހަކާ ޖައްސައިލުމުގެ ގަސްތުގެ މައްޗަށެވެ.

ޑިމޮކްރެސީއަށް ހޭނުމުގެ މި މަރުހަލާގައި، ދެން ބޭނުން ވަނީ ސިޔާސަތުގެ ވާހަކަ އިސް ކުރުމެވެ. އިޖުތިމާއީ މައްސަލަތައް ހައްލު ކުރެވޭނެ ސިޔާސަތުތަކެއް ހޯދުމެވެ. އަދި އެ ސިޔާސަތުތައް ތަންފީޒު ކުރުމެވެ. އާންމު ދިރިއުޅުމުގެ ހާލަތު ދަށަށް ދިޔަ ނުދީ، ބަލަހައްޓަން ހުރި ބެލެނިވެރިޔާގެ ދައުރު ދައުލަތުން އަދާ ކުރުމެވެ.