Advertisement

ބާރުވެރިކަން ބަދަލުވަމުންދާ ހިނދު...!

26 އޭޕްރީލް 2024 - 06:45 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ބާރުވެރިކަން ބަދަލުވަމުންދާ ހިނދު...!

26 އޭޕްރީލް 2024 - 06:45 0

އިއްޔެގެ ރައީސަކީ އަދު އާދައިގެ އާންމު ދިވެއްސެކެވެ. މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގައި އެހުރީ އިއްޔެ އާދައިގެ ދިވެއްސެކެވެ. އިއްޔެ އޭނާ މަގުމަތީން ފެނުނު ބައެއް މީހުންނަށް އޭނާއަކީ މާ މުހިންމު މީހެއް ކަމަށް ހީނުވި، އެކަމަކު މިއަދު މިނިސްޓަރުންނާއި މެންބަރުންނާއި ފަނޑިޔާރުން އަދި އާންމުންވެސް އެމީހެއްގެ ފޯނު ކޯލަކަށް ވިޔަސް އިންތިޒާރުކުރާނެ ބާރުވެރި މަގާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އެވެ. އިއްޔެގެ މިނިސްޓަރުންނަކީ މިއަދު އާދައިގެ ދިވެހި ރައްޔިތުންނެވެ. މިއަދުގެ މިނިސްޓަރުންނަކީ އިއްޔެގެ އާދައިގެ ދިވެހި ރައްޔިތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބެއްޔަސް ފެންނަނީ ހަމަ އެ މަންޒަރެވެ. އިއްޔެގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުންނަކީ މިއަދު އާދައިގެ ދިވެހިންނެވެ. މިއަދުގެ މެންބަރުންނަކީ އިއްޔެގެ އާދައިގެ ދިވެހިންނެވެ.

މިކަންކަމުން އަޅުގަނޑުގެ ހިތަށް ވަދެ ތަސައްވުރު ވަނީ އާލްޢިމްރާން ސޫރަތުގެ 26 ވަނަ އާޔަތެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ އެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމު އެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމު އެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމު އެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ ބާރުފުޅުގެ ދަށުގަ އެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." އިތުރު ވާހަކައެއް ހިޔާލެއް މިކަމުގެ މައްޗަށް އެބަ އޮތްތޯ އެވެ؟

އިއްޔެ ދިވެހި ރައްޔިތުން ވޯޓު ދިނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިބެންވާނީ ރައީސުލްޖުމްހޫރިއްޔާގެ ފިކުރަށް ތަބާވާ މީހުންކަމުގައި ބުނެ އެވެ. އެހެންވީމާ އެކަމަކީ އަހަރެމެން އެންމެން އެކަމުގެ މައްޗަށް މަރުހަބާ ކިޔާ ތަހާނީ ކިޔާންޖެހޭ ކަމެކެވެ. އެހެނީ އެއީ ރައްޔިތުންގެ ނިންމުމެވެ. އަހަރެމެން ބޯލަނބައިގެން މިއުޅޭ ގާނޫނުއަސާސީގައި ބުނަނީ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށެވެ. އަދި އެހެން ނޫނަސް އަހަރެމެންނަކީ މުސްލިމުންނެވެ. މުއުމިނުންނެވެ. މުއުމިނުންގެ ކަންކަން ހުންނާނެ ގޮތް ޤުރުއާނުގައި ސިފަކޮށްފައިވާ ގޮތުން، އެބައި މީހުންގެ މެދުގައި ހިނގާ ބޮޑެތި ކަންކަން އެބައިމީހުން ނިންމަނީ މަޝްވަރާކޮށްގެންނެވެ. މަޝްވަރާކޮށްގެން ކަންކަން ނިންމުމުގައި ގިނަ ބަޔަކަށް ފެންނަ ގޮތް އެއީ މަޝްވަރާގެ ނަތީޖާކަމުގައި ބެލުމަކީ، އިންސާނީ ތާރީހުގައި ވަރަށް އިހުއެވޭލާ ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތެކެވެ. އެކަން ބެލުމަށް ހަމަޖެހިފައި އޮންނަ އިންސާނުން ގަބޫލުކުރާ އެންމެ ރަނގަޅު އެއް ނިޒާމަކީ ސިއްރު ވޯޓަކުން ގިނަ ބަޔަކު ދެކޭ ގޮތް ބެލުމުގެ ނިޒާމެވެ.

އާދޭހެވެ. އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި މިއަދު ދެކެނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އިންތިހުބުވީ އިއްޒަތްތެރި މެންބަރުންނަށް މަރުހަބާ އާއި ތަހާނީ ދެންނެވުމެވެ. އަދި އޭގެ ތެރެއިން ގިނަ މެންބަރުންނަކީ ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ފިކުރާއި ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންކަމުގައި ވިޔަތީ، މި މަރުހަބާ އާއި ތަހާނީގެ ހައްގު އެ މަނިކުފާނަށް ވެސް ނުހަނު ބޮޑުކޮށް އަޅުގަނޑު އަރިސްކުރަމެވެ.

ކޮންމެ ރައްޔިތުންގެ މަޖިލީހަކާއެކު އަދި ކޮންމެ އައު ރިޔާސީ ދައުރަކާއެކު ދައުލަތުގެ މުހިންމު އެތައް މުއައްސަސާތަކަކަށް ބަދަލުއާދެ އެވެ. ދައުލަތުގެ ބޮޑެތި އެތައް މަގާމުތަކަކަށް ބަދަލު އާދެ އެވެ. އަޅުގަނޑުގެ މިއަދުގެ ވާޖިބަކީ އެކަމާމެދު ހިޔާލެއް ބަދަލުކޮށްލުމެވެ.

މާތް ސަހާބީ އަބޫޒައްރުގެފާނު މާތް ނަބިއްޔާއަށް ދެންނެވީ މަތިވެރި މަގާމެއްގައި އެ ކަލޭގެފާނު ބޭނުންކުރެއްވުމާމެދުގަ އެވެ. އެހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. "އޭ އަބޫޒައްރެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ބަލިކަށި ބޭކަލަކީމު އެވެ. އަދި ހަމަކަށަވަރުން އެކަމަކީ އަމާނަތެކެވެ. އަދި ޤިޔާމަތް ދުވަހުން އެކަމަކީ ނިކަމެތިކަމަކާއި ހިތާމަވެރިކަމެކެވެ. އެކަން ހައްގުވެގެންވާ ހާލުގައި އެކަމެއް ބަލައިގަނެ އަދި އެކަމެއްގެ ހައްގު އަދާކޮށްފި މީހަކަށް ފިޔަވައެވެ."

އަބޫޒައްރަކީ މަތިވެރި މާތް ސަހާބީއެކެވެ. އިތުރު އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު އެއްވެސް އިލްމުވެރިއަކު ދެބަސްވެފައި ނުވެ އެވެ. އެކަމަކު ހަދީސްގެ މުރާދަކީ، ދައުލަތުގެ މަޤާމެއް އަދާކުރުމުގެ ގާބިލިއްޔަތު ލިބިގެންވުމުގައި އަބޫޒައްރުގެފާނަކީ ބަލިކަށި ބޭކަލެއްކަމަށްވާތީ، އެކަން ބަޔާންކުރެއްވުމެވެ.

މި ހަދީސް ބަސްފުޅަކީ މިޒަމާނުގެ ވެރިންނާއި ވެރިން މަގާމުތަކަށް މީހުން އިސްކުރާހިނދު މަގާމުތައް ލިބޭ ފަރާތްތަކުން ނުހަނު ސަމާލުކަން ދޭންޖެހޭ ހަދީސް ބަސްފުޅެކެވެ. އެހެނީ އަބޫޒައްރުގެފާނަކީ އާދައިގެ ސަހާބީ ބޭކަލެއް ނޫނެވެ. ބާރުވެރިކަމެއް ލިބިފައިވާ ކޮންމެ ފަރާތަކުން ނުވަތަ މަޖިލީހަކުން އެބައި މީހުންނަށް ލިބި އޮތް ބާރެއްގެ ދަށުން ދައުލަތުގެ މަގާމަކަށް މީހަކު އިސްކުރުމުގައި މިދެންނެވުނު ހަދީސް ބަސްފުޅުގައި އޮތް އިރުޝާދަށް ކަނުލައި ސަމާލުކަން ދިނުން މުހިންމެވެ. މަގާމުދެވޭ މަގާމަށް އައްޔަން ކުރެވޭ މީހާ ނުވަތަ މީހުންނަކީ އެކަން ކުރެވޭނެ ވަރުގެ އެކަމުގެ އިލްމާއި ހިލްމު ހުރި އެކަމަށް އަހުލުވެރި މީހެއްކަން ޔަގީންކުރުމެވެ. އަދި މަގާމު ލިބޭ މީހާވެސް އެކަމަށް ސަމާލުކަންދިނުން ހުއްޓެވެ. ހަވާލު މިވެވޭ ކަމަކީ ތިމާއަށް ކުރެވޭ ވަރުގެ ކަމެއްކަން ޔަގީންކުރުމެވެ. އެހެން ނޫނީ އެކަމެއް ވެގެންދާހުށީ ޤިޔާމަތް ދުވަހުން ތިމާއަށް ލިބިގެންދާނެ ހިތާމަވެރިކަމަކާއި ނިކަމެތިކަމަށެވެ.

ގައުމު ތަރައްގީ ވާނީ މިދެންނެވި މަގުން ހިނގައިގެންނެވެ. ދިވެހިރާއްޖެ އިގުތިސާދީ މަގުގައި ކުރިއަށް އަރައިދާނީ ހުރިހާ ރޮނގެއްގައި އެކަމަކަށް ގާބިލު އެކަމެއް ދަންނަ ދިވެހި ދަރީން ހަރަކާތްތެރިވެގެންނެވެ. ގައުމަށް ތެދުވެރިވެ ވަފާތެރިވުމަކުން އެކަންޏަކު ނުފުދޭނެ އެވެ. ތިމާއަކީ ހަވާލުވާ މަސައްކަތް ރަނގަޅަށް ދަންނަ އެކަމަށް އަހުލުވެރި އެކަމަށް ހުނަރުވެރި މީހަކުކަމުގައި ވެސް ވާންޖެހޭނެ އެވެ.

ނިކަން ވިސްނަވާށެވެ! އެންމެ ފަސް އަހަރެއް ކުރިން އޮތްގޮތުގެ މަތިން ތަކުރާރުވުމަށް ދިވެހި ރައްޔިތުން ފުރުސަތު ނުދެނީ ކަމެއް ވެގެންނެވެ. ހަމަ ކޮންމެ ފަސް އަހަރަކުން އެބައި މީހުންގެ ރައީސުލްޖުމްހޫރިއްޔާ އެބައި މީހުން ބަދަލުކުރަމުން އެދަނީ ކަމެއް ވެގެންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރާ ކޮންމެ ފަހަރަކު އެބައިމީހުންގެ އައު ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ކުރާނެ ރައްޔިތުންގެ މަޖިލީހެއް ހޮވައިދެމުން ދިވެހި ރައްޔިތުން އެގެންދަނީ ކަމެއްވެގެންނެވެ.

އާދޭހެވެ! ދިވެހި ރައްޔިތުންނަށް އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތް ވަރަށް ރަނގަޅަށް އެނގެއެވެ. "..ހަމަކަށަވަރުން، ބަޔަކު މީހުންގެ ހާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާނދެން ﷲ، އެ ހާލަތު ބަދަލެއް ނުކުރައްވާނެއެވެ..." އެކަން ނޭނގެނީ އަހަރެމެންގެ ވެރިންނަށާއި މިނިސްޓަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށެވެ.

އުންމީދަކީ ކުރިޔަށް އޮތް ފަސް އަހަރު އެބޭފުޅުންވެސް އެއާޔަތުގައި އެވާ ކަންކަން އެނގިވަޑައިގަންނަވާކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދެއްވައި ދެއްކެވުމެވެ. ދިވެހި ރާއްޖެއަށް އަމާންކަމާއި މިނިވަންކަމެވެ. ދިވެހި ރައްޔިތުންނަށް އީމާންކަމާއި އިސްލާމްކަމެވެ.