Advertisement

މަޖިލިސް އިންތިހާބުގެ ބޮޑު މައުޟޫއަކީ ދާއިރާގެ ތަރައްގީ!

14 އޭޕްރީލް 2024 - 10:04 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފޯކަސް ވަރަށް ބޮޑަށް ދާއިރާގެ ތަރައްގީއަށް އޮންނަ ކަން ދައްކައިދޭ ކުރެހުމެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


މަޖިލިސް އިންތިހާބުގެ ބޮޑު މައުޟޫއަކީ ދާއިރާގެ ތަރައްގީ!

14 އޭޕްރީލް 2024 - 10:04 1

ރައްޔިތުންގެ މަޖިލީހަކީ، ފެހި ގާނޫނު އަސާސީގައި ފުރަތަމަ ބަޔާން ކުރާ ދައުލަތުގެ ބާރެވެ. ވެރިކަމުގެ ބާރާއި އަދުލު އިންސާފުގެ ބާރުގެ ބާބު އޮތީ މަޖިލީހުގެ ބާބަށް ފަހުގަ އެވެ. ގާނޫނު އަސާސީގައި އެކަށައަޅާފައިވާ ދައުލަތުގެ މި އޮނިގަނޑުގައި މަޖިލީހަށް ދީފައި ވަނީ ބޮޑު ދައުރެކެވެ.

ޑިމޮކްރެޓިކް ނިޒާމުތަކުގައި މައިގަނޑު ތިން ދައުރެއް ގާނޫނުހަދާ މަޖިލީހަށް ދީފައި އޮވެ އެވެ.

ފުރަތަމަ އަދި އެންމެ އިސް ދައުރަކީ، ތަމްސީލް ކުރާ ދާއިރާގެ މީހުންގެ ހިޔާލު ހޯދައި، އެ ހިޔާލުތައް ހިމަނައިގެން ގާނޫނުތައް އެކުލަވައިލުމެވެ. ދެވަނަ މަސްއޫލިއްޔަތަކީ އެކުލަވައިލާ ގާނޫނުތަކާ އެއް ގޮތަށް ދައުލަތް ހިނގާތޯ ފާރަވެރި ވުމެވެ. ގާނޫނުތައް ނުހިނގުމުގެ މައްސަލަތަކާއި އިޖުތިމާއީ އިގުތިސޯދީ މައްސަލަތަކަށް ގާނޫނީ ހައްލުތައް ގެނައުމަށް "ޕާލަމެންޓަރީ އިންކުއަރީ" ހިންގުމަކީ ވެސް މަޖިލީހަށް ލިބިފައިވާ ބާރެކެވެ.

އެކަމަކު ކޮންމެ މަޖިލިސް އިންތިހާބަކަށް، ރާއްޖޭން މި ފެންނަނީ މުޅިން އެހެން މައުޟޫއުތަކެކެވެ. ތަފްސީލީ ލެޖިސްލޭޓިވް އެޖެންޑާއެއް ނެތެވެ. ދައްކަން އޮންނަނީ، އެ ދާއިރާއެއްގެ ހިމެނޭ ރަށްރަށުގައި ހިންގާ އުމްރާނީ އެކިއެކި މަސައްކަތުގެ ވާހަކަ އެވެ. ވޯޓަށް އޮންނަ ޑިމާންޑަކީ ވެސް އެއީ އެވެ.

އާންމުންގެ ތެރޭގައި މަޖިލީހުގެ ފަލްސަފާ ވިސްނިފައި އޮންނަނީ މިފަދަ ގޮތަކަށެވެ.

"އަހަރުމެންގެ ރަށް ހިމެނޭ ދާއިރާ ތަމްސީލްކުރާ މަޖިލިސް މެންބަރު އިންތިހާބު ކުރާއިރު، ދާއިރާގެ ތަރައްގީގެ ވާހަކަ، ރަށަށް ލިބޭ ކުރިއެރުމުގެ ވާހަކަ ނުދެކެންޏާ، އެ ކަމުގެ މެދުވެރިއަކަށް ނުވަންޏާ، ހަމަ ޖެހޭ ގޮތަކަށް ނުވޭ،" ރަށެއްގައި ހަރަކާތްތެރިވާ އިދިކޮޅު އެމްޑީޕީގައި ކުރިން އުޅުުނު އިސް އެކްޓިވިސްޓަކު ބުންޏެވެ.

މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟

ޓެކްސް ފައިސާއިން ދައުލަތް ހިނގަމުންދާ ގޮތަށް ފާރަވެރިވުމާއި، މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކަށް ގާނޫނީ ގޮތުން ގެނެވިދާނެ ހައްލުތަކުގެ ވާހަކަ ނެތީ ކީއްވެ ހެއްޔެވެ؟ ދައުލަތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް އިންސާފުން ދެވޭނެ ގާނޫނީ އިޖުރާއަތްތަކެއްގެ ވާހަކަ މާ މުހިންމު ނުވަނީ ހެއްޔެވެ؟

ޒަމާނުއްސުރެން ވިސްނުން އޮތް ގޮތް

އެއް ކަމަކީ ދިވެހި ދައުލަތް ޒަމާންތަކެއް ވަން ދެން ހިނގަމުން އައީ ހުދުމުހުތާރު ނިޒާމެއްގެ ސިފަތަކެއް ހިމެނޭ ގޮތަށެވެ. އަސާސީ ބޭނުންތަކާއި ހިދުމަތްތަކަކީ ސަރުކާރުގައި އެދިގެން ލިބޭ ކަމަކަށް ވެފައި އޮތުމެވެ. ސަރުކާރުން ކަނޑައަޅާ، އަދި ދައްކާ ގޮތްތަކެއް ތެރޭގައި އެކަނި މުޅި ދިރިއުޅުން ބައްޓަންކުރަން ޖެހިފައި އޮތުމެވެ.

ރަސްރަސްކަލުންގެ ޒަމާނުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ދައުލަތުގެ ހުރިހާ ބާރެއް އޮތް ޒަމާނުގައި ވެސް މަޖިލީހުގެ މެންބަރުންނަށް އޮތް ދައުރަކީ ވެސް ރައްޔިތުންގެ ބޭނުންތަކުގެ ވާހަކަ ސަރުކާރާ ހަމައަށް ގެންދަން ހުންނަ މެދުވެރިއެއްގެ ދައުރެކެވެ.

ފެހި ގާނޫނު އަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބުރާ) ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ޒަމާނުއްސުރެން އަށަ ގަނެފައިވާ ވިސްނުމެކެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސަރުކާރުގައި ދަންނަވައިގެން އަހަރުމެންގެ ރަށުގައި ބަނދަރު ހެދުމުގެ ކަންތައް، ރަށުގައި އެ ޕްރޮޖެކްޓް ހިންގަން، ޒާތީ މިވެނި ކަންކަން ހަމަޖައްސަން މެދުވެރިއަކަށް ހުންނަ މީހާއޭ، އެއީއޭ މަޖިލީހުގެ ފަންކްޝަންއަކީ، މީހުންގެ ވިސްނުމަކަށް ބަދަލެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިންވަނަ ދައުރެއްގައި މަސައްކަތް ކުރައްވާ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް އެ ކަން ސިފަކުރެއްވީ މީގެ ކުރިން އޮތް ހުދުމުހުތާރު ވެރިކަމުގެ ނިޒާމުގައި މަޖިލީހުގެ ދައުރު ހަނިކޮށްފައި ބާއްވައިގެން ގެންދިޔަ ގޮތަށް މަޖިލީހުގެ ދައުރު ބޭއްވުމަށް މަސައްކަތް ކުރާ ކަމަށެވެ.

"ފެހި ގާނޫނު އަސާސީއަށް ފަހު ވެސް، އެންމެ ބޮޑު ހިތާމައަކީ އެއީ، އަދިވެސް، މަޖިލީހުގެ މެންބަރަކީ، ސަރުކާރުން އެއިން ރަށެއްގައި ވަކި ކަންކަން ކޮށްދޭން ބުނެފައި ހުރި ކަންކަން، ރަށުގައި ސަރުކާރުގެ ކޮންމެ ވެސް ވަޒީފާތަކެއް އުފައްދަން، ސަރުކާރުގައި ދަންނަވާ މީހެއް ގޮތުގައި ދެކުން،" އާޒިމް ވިދާޅުވި އެވެ.

ރިޔާސީ ނިޒާމަށް ނުފެތޭ ވިސްނުމެއް؟

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ހިންގުމަކީ، ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ. ސަރުކާރުން ހިންގުމުގެ އިސް ދައުރު އޮންނަ ވަޒީރުންނާއި، އެ ވަޒީރުންގެ ނައިބުންނާއި ސްޓޭޓުން ހޮވަނީ ވެސް މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުުންގެ ތެރެއިންނެވެ.

ރިޔާސީ ކެންޑިޑޭޓުން ހުށަހަޅާ މެނިފެސްޓޯގެ ބޮޑު ބައެއް ތަންފީޒު ކުރެވެން އޮންނަނީ ވެސް އޭރު ވުޖޫދުގައި ހުރި ބައެއް ގާނޫނުތައް ބަދަލުކޮށްގެން އަދި ގާނޫނީ އާ އޮނިގަނޑުތަކެއް ވުޖޫދުކޮށްގެނެވެ. މަޖިލިސް އިންތިހާބަށް އައުމުން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭ މަންޒަރު ވަރަށް ބޮޑަށް ފެންނަނީ އެހެންވެ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ޕްރޮޖެކްޓްތައް ހިންގޭނީ މެޖޯރިޓީ ލިބިގެން ކަމަށް ބުނަމުން ދެ އެވެ.

ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަން ވެސް ކުރައްވާ އާޒިމް އެ ކަން ސިފަކުރައްވަނީ ރިޔާސީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވިފައިވާ ގާނޫނު އަސާސީ ބަރުލަމާނީ ނިޒާމަކަށް ހިންގުމަށް ސަރުކާރުތަކުން މަސައްކަތް ކުރެވެނީ ކަމަށެވެ.

"މި ނިޒާމު ކަމުނުދާ ކަން ގަބޫލުކުރާ ވިސްނުމެއް އެބަ އުޅޭ، ނިޒާމުގައި އުޅެއޭ އެބަ މައްސަލައެއް، ބަރުލަމާނީ ނިޒާމެއްގައި މަސައްކަތް ކުރާ ގޮތަކަށް މަސައްކަތް ކުރަން އުޅޭ ތަން ކޮންމެ ސަރުކާރެއްގައި ވެސް މި ފެންނަނީ، ރައްޔިތުން ކައިރީ ނިޒާމުގެ ވާހަކަ އަހަން ޖެހޭ އެބަ،" އާޒިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ހާއްސަ މަޖިލީހުގެ ތ. އަތޮޅު މެންބަރު ކަން ކުރެއްވި އަދި ފެހި ގާނޫނު އަސާސީއަށް ފަހު ވިލުފުށި ދާއިރާގެ މެންބަރުކަން ދެ ދައުރަކު ކުރެއްވި ރިޔާޒު ރަޝީދުގެ ހިޔާލު ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދާއިރާގެ މަސައްކަތަކީ ވެސް މެންބަރުންގެ ބޮޑު ދައުރެއް އޮތް ކަމެކެވެ.

މަޖިލީހަށް ދީފައިވާ އިތުރު އެއް ބާރަކީ ބަޖެޓު ފާސްކުރުމެވެ. ސަރުކާރުން ބަޖެޓު އެކުލަވައިލި ނަމަވެސް، އެ ބަޖެޓަށް ބޭނުން އުނިއިތުރެއް ގެނައުމުގެ ބާރު މަޖިލީހަށް އެބަ އޮތެވެ. ބަޖެޓު ނިމިގެން ދާނީ، މަޖިލީހުގައި ތަމްސީލްވާ ކޮންމެ ދާއިރާއަކަށް ހަމަހަމަ އަދަދުތަކެއް އައިސްގެނެވެ.

ވެރިކަމުގެ ނިޒާމުތަކުގެ ހޭލުންތެރިކަން ރައްޔިތުންގެ މެދުގައި އުފެއްދުމަށް، ހާއްސަ މަޖިލީހުގައި އެކުލަވައިލި ކޮމިޓީގައި ވެސް އިންނެވި ރިޔާޒުގެ ނުކުތާއަކީ އެޔެވެ.

"މިސާލަކަށް މިހާރު 87 ދާއިރާ މި އޮންނަނީ، އެއިން އެއްވެސް ދާއިރާއަކަށް ތަފާތު ކުރުމެއް ނެތި ހަމަހަމަކޮށް ބަޖެޓު އަންނަން ޖެހޭނީ، ނޫނީ މަޖިލީހުން ވެސް ބަދަލު ގެންނާނެ، މެންބަރު ޖެހޭނެތާ އޭނަގެ ދާއިރާއަށް އިންސާފުން އޮތް ކަން ޔަގީން ކުރަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެއީ ސަރުކާރުގައި ކަންކަން ދަންނަވަން ހުންނަ މީހެއް ގޮތުގައި އަދި ކޮންމެހެން ސަރުކާރު ހިންގާ ޕާޓީގެ މީހެއް ހުރެގެން ކަންކަމުގައި އާދޭސް ކުރަން ޖެހޭ ގޮތަށް ނިޒާމު އޮންނަ ކަމަށް ރިޔާޒު ވެސް ގަބޫލެއް ނުކުރައްވަ އެވެ. އެ ދައުރު ވެސް އަދާ ކުރަން އޮންނާނީ، މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީކޮށްގެނެވެ.

"މީގެ ކުރިން އަޅުގަނޑުގެ ދާއިރާއިން ވެސް ގަބޫލުކުރީ، ސަރުކާރުގެ މެންބަރަކު ހުރެގެންނޭ ދާއިރާއަށް ބޭނުންވެފައި ހުރި ކަންކަން ކުރެވޭނީ، އެހެން ނޫން އެ ކަން ވަނީއެއް، ބަޖެޓުން އެ ކަން ހަމަޖައްސައި އެ ކަން ހިންގުމަށް ތަޅުމާއި ކޮމިޓީތަކުގައި ޕްރެޝަރު ކުރުން އޮންނާނީ،" ރިޔާޒު ވިދާޅުވި އެވެ.

އިބްރާ ގަބޫލުކުރައްވާ ގޮތުގައި ދިވެހި މުޖުތަމައުން މި ފެންނަ ވިސްނުމަކީ ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގެ ސިފަތަކަށް ވެސް ނުފެތޭ ވިސްނުމެކެވެ. އޭނާ ވިދާޅުވަނީ އެއީ ހުދުމުހުތާރު ނިޒާމެއްގައި ދިވެހި މުޖުތަމައު އޮތް ދުވަހުން ފެށިގެން ވެސް ވިސްނުން އޮތް، ޑިމޮކްރެޓިކް ފަލްސަފާއާ ދުރު ވިސްނުމެކެވެ.

އެއީ ބަރުލަމާނީ ނިޒާމުގައި ޕާލިއަމެންޓަށް ދީފައިވާ ދައުރު އަދި މާ ފުޅާ ވުމުންނެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނު އައިސް އެމްޑީޕީ އުފައްދަން ސޮއިދިން ފުރަތަމަ އެކަކު މިއީ، އަޅުގަނޑު ސިޔާސީ ޕާޓީ ދުށީއެއް ގައުމުގެ ގޮތް ނިންމާ ބައެއް ގޮތުގައެއް ނޫން، އެހާ ވަރަށް ދައުލަތުގެ ބާރުވެރިކަން ހޯދަން އުޅޭ ބަޔެއް ގޮތަކަށް ނޫން،" އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ވިދާޅުވި އެވެ.

ވިސްނުން ތަރައްގީ ވާން ވެރިން ބޭނުމެއް ނުވާނެ

ރިޔާސީ ނިޒާމުގައި ވެސް މަޖިލީހުގެ ފަލްސަފާއަކީ ގިނަ ބަޔަކު ބައިވެރިވާ މަޝްވަރާއަކުން ކަންކަން ނިންމުމެވެ. ހަމަހަމަކަން އޮންނާނެ ނިސްބަތެއްގައި ރައްޔިތުން ތަމްސީލްވާ ގޮތަށް މަންދޫބުން އިންތިހާބުކޮށް، މަޖިލިސް ހިންގުމެވެ.

މަގުސަދަކީ ރައްޔިތުންގެ ހިޔާލު ހޯދައިގެން، ގިނަ ބަޔަކު ބައިވެރިވެގެން، އަދި އިލްމީ ސިޔާސީ ބަހުސްތައް ހިންގައިގެން، އެއްބަސްވެވޭ ވަކި ހަމަތަކެއް ދައުލަތް ހިންގަން ކަނޑައެޅުމެވެ.

ވަކި ސިޔާސީ ޖަމާއަތަކުން ކަމެއް ބޭނުން ވަންޏާ، އެހެން ޕާޓީތަކަށް ވެސް ލޮބީކޮށްގެން ކަންކަން ނިންމުމެވެ. ގިނަ އަދަދެއްގެ މީހުން ކަނޑައެޅުމުން، ބެލެވިފައި އޮންނަ ކަމަކީ އެއް ބަޔަކަށް މާ ބޮޑު މެޖޯރިޓީއެއް ނުލިބޭނެ ކަމަށެވެ. އޭރަށް މުޅި މަޖިލީހުގެ ނިންމުންތައް ނިންމަން ގިނަ ބަޔަކު ޝާމިލް ވާނެ އެވެ.

އެއް ސިޔާސީ ޖަމާއަތަކަށް އެހާ ބޮޑު އަގުލަބިއްޔަތެއް ރައްޔިތުން ދޭނެ ކަމީ ހާއްސަ މަޖިލީހަށް ވެސް ތަސައްވުރު ކުރެވުނު ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތަކުން ބާރުވެރިކަމަށް މަސައްކަތް ކޮށްގެން ޕާޓީން ދައުލަތުގެ ކަންކަން ނިންމާހާ ބާރު ދިނުމަކީ ވެސް އޭގެ ހިޔާލާތެއް ނޫނެވެ.

"ސިޔާސީ ޕާޓީތަކަށް އޮންނާނީ މަދަނި ޖަމިއްޔާއެއްގެ ހައިސިއްޔަތު އެކަނި. އެއީ ވަކި ކަންކަން ކުރިއަރުވަން ވިސްނާ އެއް ބަޔަކު އެއްވެގެން އެ ކަމަށް ލޮބީކޮށް މަޖިލީހުން ގޮނޑި ހޯދައި އެ ސިޔާސަތުތައް ގެންނަން. ދައުލަތުގެ ބާރުވެރިކަން ޕާޓީގެ ލީޑާޝިޕް މުށުތެރެއަށް ގެންނާކަށް ނޯންނާނެ،" އިބްރާ ވިދާޅުވި އެވެ.

އެކަމަކު މައި ދެ ސިޔާސީ ޕާޓީން ވިސްނައިދޭން މަސައްކަތް ކުރަނީ އެއީ ވަކި އެއް ޕާޓީތަކުން މަޖިލީހުގެ މެޖޯރިޓީ އޮވެގެން އެ މެޖޯރިޓިން ކަންކަން ނިންމާ ގޮތަށް އޮންނަ ފަލްސަފާއެއް ކަމަށް ދެއްކުމަށެވެ. އެހެންވެ އެހެން ޕާޓީތަކުން އަންނަ މެންބަރުންނާއި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރަކު ހޮވުމުން، އެ ދާއިރާއެއް ބާކީވާނެ ކަމަށް ވެސް ވިސްނައިދޭން މަސައްކަތް ކޮށްފައި އެބަ ހުއްޓެވެ.

ހާއްސަ މަޖިލީހުގެ މެންބަރު ކަން ކުރެއްވި ރިޔާޒު ވެސް ވިދާޅުވަނީ ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕުން މިހާތަނަށް މަސައްކަތް ކޮށްފައި ވަނީ ގާނޫނު އަސާސީ ނުވެސް ދަންނަ ހައިސިއްޔަތެއްގައި ވަކި ބަޔަކަށް ބާރުވެރިކަން ހޯދަން އެކަނި ކަމަށެވެ.

"މި ވެރިން ވަރަށް އުފާވާނެ، ނިކަމެތި ފައްތަރެއްގައި، ނޫނީ ނުފެންނަ ބަޔަކު، ނުއިވޭ ބަޔަކު، އުޅޭ ދައުލަތެއްގެ ވެރިކަން ކުރަން ލިބެންޏާ، އެހެން ނުވާތީ މި ބަލަނީ ހިޔާލުތަކަށް ހަނި ޖާގައެއް ދީގެން، ބަސް ބުނަން ހިފަހައްޓައިގެން މަޖިލީހުގެ ދައުރު ހަނިކޮށްގެން ވެރިކަން ކުރަން،" ރިޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް ދާއިރާގެ މީހުންގެ ހިޔާލު ހޯދުމާއި އެ ހިޔާލާ އެއް ގޮތަށް ތަޅުމުގައި ބަސް ބުނަން ޖާގަ ނެތް ކަމުގެ ޝަކުވާ އެބަ އޮތެވެ. ޕާޓީން ނެރޭ ވިޕްލައިންތަކާ ދެކޮޅަށް މެންބަރުން ބަސް ނުބުނަނީ ވެސް، އެ ޕާޓީގެ ބާރުވެރިކަމުގައި ނޫނީ ދާއިރާއަށް ކަންކަން ނުކޮށްދެވޭ ކަމުގެ ވިސްނުމެއް އަށަގަނެގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ކަން ކުރެއްވި އަހުމަދު ފާރިސް މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ސަގާފަތް މި ވަގުތު ބައްޓަން ކޮށްފައި ވަނީ ދައުލަތުގެ މުޅި ބާރު މުށުތެރެއަށް ލާން ބޭނުންވާ ސިޔާސީ ދެ ގަބީލާއެއްގެ ކޯޅުމަކަށެވެ.

"ސިޔާސީ ޕާޓީތަކުން ބާރުވެރިކަން މި ހިފަހައްޓަނީ ވިޕްލައިން ނެރެގެން، މަޖިލީހުގެ ދައުރު ހަމަ ހަނިކޮށްގެން، ދެން ބަސް ބުނަން ހިފެހެއްޓުމެއް މި އަންނަނީ، ހިޔާލުތައް ފާޅުކުރުމާއި އެ ހިޔާލުތައް ތަރައްގީ ކުރުމަށް ހިފެހެއްޓުމެއް،" ފާރިސް ވިދާޅުވި އެވެ.

ހަގީގަތުގައި މުޅި ނިޒާމު ހިނގާ ގޮތުގެ ވިސްނުމާއި އެއާ ގުޅޭ ވާހަކަތައް ތަފްސީލްކޮށް ސިޔާސީ ވެރިން މާ ގިނައިން ނުދައްކަ އެވެ. ބާރުވެރިކަން ހޯދަން ބޭނުންވާ ބަޔަކު އިސް ސަފުގައި ތިބެގެން، ބާރުވެރި މަދު ސިޔާސީ ޕާޓީއެއް ބާއްވައިގެން މި އުފައްދަނީ ހިޔާލުތަކުގެ ޖާގަ ކުޑަ ސިޔާސީ މަސައްކަތެއްގެ ސަގާފަތެކެވެ.

އިންސާނީ ހައްގުތަކާއި ހެޔޮ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ތަގުރީރުތައް ވެސް ދެއްވާ، ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އިބްރާ ވެސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން މިހާރު ކުރަނީ އެ މަސައްކަތެވެ.

"ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަކީ ކޮބައި ކަމާއި މަޖިލީހުގެ މަސްއޫލިއްޔަތާއި ދައުރަކީ ކޮބައިކަން ކުރީގެ ގާނޫނު އަސާސީއާ ވަރަށް ތަފާތު، އެ ތަފާތު އަދިވެސް އަޅުގަނޑުމެންގެ ގިނަ މީހުންނަކަށް ރަނގަޅަށް ފަހުމެއް ނުވޭ، އޭގެ ނާޖާއިޒު ބޭނުން ސިޔާސީ ޕާޓީތަކުން ކުރަނީ،" އިބްރާ ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ތަރުތީބުކޮށްފައި އޮންނަ ގޮތް އޮޅުވާލަން މަސައްކަތް ކުރާ މަންޒަރު ވަރަށް ގިނަ ކެންޑިޑޭޓުންގެ ފަރާތުން ފެނެ އެވެ. އޭގެ ބޭނުމަކީ ސަރުކާރުގެ ތެރެއިން ހިޔާނާތް ހިންގައިގެން، އެއިން ނުހައްގު މަންފާތަކެއް ދާއިރާގައި ވޯޓުލެވޭ މީހުނަށް ދީގެން ބާރު ހިފެހެއްޓުމެވެ.

ޑިމޮކްރެޓްސްގެ މެންބަރު އާޒިމް ވެސް ގަބޫލުކުރައްވަނީ ޑިމޮކްރެޓިކް ފަލްސަފާގައި މަޖިލީހުގެ މެންބަރުންނަށް ދީފައިވާ ދައުރު ހަނިކުރަން ސަރުކާރުތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

"ރައީސް މައުމޫން ވެސް ވެރިކަން ނެތް ދުވަހު ދެއްކެވީ ދައްކަންވީ ވާހަކަ، ވޯޓު ލުމުގައި ރައްޔިތުންގެ ފަރުދީ ޒިންމާ ބޮޑޭ، މަޖިލީހަށް މެންބަރުން ހޮވަންވީ ކީއްކުރަން ކަން، ވެރިކަން ބީވީމަ ކޮންމެ ރައީސަކަށް ވެސް މި ވިސްނެނީ، ހަމަ ކޮންމެ ރައީސަކަށް ވެސް، އޭގެ ކުރިން އުޅެނީ މި ގޮތަށް އޮޅުވައިލަން،" އޭނާ ވިދާޅުވި އެވެ.

މުޖުތަމައުގެ ތެރެއިން ގޯހެއް ހިނގުމުން ސޯޝަލް މީޑިއާގައި ދެތިން ދުވަހަށް އަބަދުވެސް އެ ހިނގި ކަންތަކުގެ މައުޟޫއަށް ވާހަކަ ދައްކާނެ އެވެ. ދެން އެ ވާހަކަތައް ހުއްޓުމުގެ ބަދަލުގައި އެއީ މަޖިލިސް އިންތިހާބަށް ނަގަންވީ މައުޟޫއެވެ. ގައުމީ، އިޖުތިމާއީ، އިގުތިސޯދީ، އަދި ސިޔާސީ ބޮޑެތި މައްސަލަތަކަށް، ކެންޑިޑޭޓުން މަޖިލީހުގައި މަސައްކަތް ކުރާނެ ގޮތުގެ ވާހަކަ އެވެ.

ދައުލަތުން ފޯރުކޮށްދޭން ޖެހޭ އާންމު އަސާސީ ހިދުމަތްތަކަށް ގާނޫނީ އިޖުރާއަތްތަކެއް އަދިވެސް ކަނޑައެޅިފައެއް ނެތެވެ. ބައެއް ބޮޑެތި މައްސަލަތައް ހައްލުކުރަން މަޖިލިސް މެދުވެރިކޮށް އިލްމީ ދިރާސާތައް ހިންގިފައެއް ނެތެވެ. ބައެއް މަދު މަސައްކަތްތައް ކުރެވުނު ނަމަވެސް ވަޒީރުން ހާޒިރުކޮށް އަދިވެސް ގިނައިން ސުވާލު ކުރެވެނީ ވެސް ދާއިރާގައި ހިނގާ ބައެއް ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުންނެވެ. މުޅި ދައުލަތް ހިންގުމުގެ ސިޔާސަތުތަކުގައި ހުރި ގޯސްތަކާ ގުޅޭ ގޮތުން ވަޒީރުން ޖަވާބުދާރީ ކުރުވެނީ މަދު ފަހަރަކު އެވެ.

ރައްޔިތުންނަށް ސީދާ ގޮތް ނިންމޭ ގޮތަށް ޑިމޮކްރެޓިކް ނިޒާމެއް ގެނައި ނަމަވެސް އޭގެ ރޫހާއި އޭގައި ރައްޔިތުންނަށް ދޫކޮށްލާފައިވާ ފަރުދީ ޒިންމާ ކުޑައެއް ނޫނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ގައުމުގެ އޮތްހާ މައްސަލަތަކުގެ ހިޔާލު ފާޅުކުރަން ލިބޭ ފުރުސަތެކެވެ. އެ ހިޔާލުތައް ތަރައްގީކޮށް އެކަކު އަނެކަކަށް ހިއްސާކޮށް ކެންޑިޑޭޓުންގެ ތާއީދަށް ޝަރުތު ކުރަންވީ ވަގުތެވެ. އެ ގޮތަށް ސިޔާސީ މަސައްކަތުގެ ސަގާފަތް ރާއްޖޭގައި އުފެދޭނީ ވޯޓުލާން ތިބި މީހުންގެ ފުށުންނެވެ.