Advertisement

ނަޝީދު ވަކި ކުރުމުގެ މައްސަލަ ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދާނަން: މަޖިލިސް އިދާރާ

9 އޮކްޓޯބަރު 2023 - 13:42 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ ރައީސް ނަޝީދު: އެމަނިކުފާނު ވަކި ކުރުމުގެ މައްސަލައެއް ހުށަހަޅައިފިި ނަމަ ބަލައިނުގަންނާނެ ކަމުގެ އިޝާރާތެއް އިއްޔެ ދެއްވި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނަޝީދު ވަކި ކުރުމުގެ މައްސަލަ ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދާނަން: މަޖިލިސް އިދާރާ

9 އޮކްޓޯބަރު 2023 - 13:42 1

އެމްޑީޕީން ހުށަހަޅައިފައިވާ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނު އަސާސީ އާއި ގަވާއިދުގައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމުގެ މައްސަލައެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފަ. މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަން،" އެ މެސެޖުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ އިދާރާއިން އެހެން ބުނެފައި މި ވަނީ މަޖިލީހުގެ އެއް ދައުރުގެ ތެރޭގައި އެކަކުގެ އިތުބާރު ނެތް ކަމުގެ ދެ މައްސަލަ ހުށަނޭޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި އޮއްވަ އެވެ.

"އަސްލު ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރުނެތް ކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަން ވާނީ،" ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއާ މުހާތަބުކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ނަމަ ކަންތައް ކުރަންވީ ގޮތް އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިޔެފައިވާ އަށް ނުކުތާއެއްގައި ބަޔާންކޮށްފައިވާއިރު، އެއް ދައުރެއްގައި ދެ ފަހަރަށް އެފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބުނެފައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައިވާއިރު، އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވޭނީ މަޖިލީހުގެ ރައީސްގެ ލަފާފުޅުގެ މަތިންނެވެ. މީގެ ކުރިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުމުން ވެސް އެ މައްސަލަ ކުރިއަށް ނުގެންގޮސް ވަނީ މަޑުޖައްސައިފަ އެވެ.

ނަމަވެސް އޭރު ދެއްކި ފަދަ ހާލަތެއް މިފަހަރު މައްސަލަ ހުށަހެޅި އިރަކު ނެތެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާއިރު، ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ނައިބު ރައީސް އެވެ.

އެމްޑީޕީން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 48 މެމްބަރުންގެ ސޮއިއާއެކު ރޭގަ އެވެ.