9 އޮކްޓޯބަރު 2023 - 08:25 0
ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.
9 އޮކްޓޯބަރު 2023 - 08:25 0
ސާޑީނިއާ، އިޓަލީ (އޮކްޓޫބަރު 9) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން 3-1 އިން ބަލިވިއިރު، ރޮމެލޫ ލުކާކޫގެ މޮޅު ކުޅުމާ އެކު ކަލިއާރީ އަތުން ރޯމާ 4-1 އިން މޮޅުވެއްޖެ އެވެ.
ފިއޮރެންޓީނާ އަތުން ބަލިވުމުން ނަޕޯލީ ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. މި ވަގުތު ލީގުުގެ އެއް ވަނައިގައި އޮތް އޭސީ މިލާނާއި ނަޕޯލީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ސީޒަންގެ ފެށުން ރަނގަޅަށް ނުދިޔަ ކަމުގައިވިޔަސް މިހާރު ފޯމަށް އެޅެމުން އަންނަ ރޯމާ އޮތީ ލީގުގެ ދިހަ ވަނައިގަ އެވެ.
އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން ބަލިވި މެޗުގައި ނަޕޯލީގެ ހަމައެކަނި ގޯލު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ވިކްޓާ އޮސީމެން އެވެ. ފިއޮރެންޓީނާގެ ގޯލުތައް ޖަހައިދިނީ ޖޯސިފް ބްރެކާލޯ، ޖިއަކޯމޯ ބޮނަވެންޗޫރާ އަދި ނިކޮލަސް ގޮންޒާލޭޒް އެވެ.
ކަގްލިއާރީ އަތުން ރޯމާ މޮޅުވިއިރު، ރޯމާގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ ލުކާކޫ އެވެ. މިއީ މި ސީޒަންގައި ލުކާކޫ ކުލަބަށާއި ގައުމަށް ކުޅުނު 10 މެޗުގައި ޖެހި ނުވަ ވަނަ ގޯލެވެ.
މި މެޗުގައި ރޯމާގެ އަނެއް ދެ ގޯލު ޖަހައިދިނީ ހުސެމް އައުއާ އާއި އަންދްރޭ ބެލޮޓީ އެވެ. ކަލިއާރީގެ ހަމައެކަނި ގޯލު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ނަހިޓަން ނާންޑޭޒް އެވެ.
ރޭގެ މެޗަށް ފަހު ރޯމާގެ ފޯވާޑް ލުކާކޫ ބުނީ އޭނާ އަށް މި ސީޒަން ފެށުމުގެ ކުރިން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަށާއި، އެ ހުރިހާ ކަންކަމަކަށް އޭނާ ޖަވާބުދޭނީ ދަނޑުމަތިން ކަމަށެވެ.
ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް ކުޅެމުން އަންނަ ލުކާކޫ ވަނީ އެ ޓީމަށް ކުޅުނު ހަ މެޗުގައި ހަ މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ.
އިޓާލިއަން ލީގުގައި ރޭ ލާޒިއޯ ވަނީ އެޓަލަންޓާ އަތުން އުނދަގޫ މޮޅެއް ހޯދާފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާ ލާޒިއޯ މި މެޗުން މޮޅުވީ 3-2 އިންނެވެ.
Comment