Advertisement

އެމްޑީޕީން "ބަރުލަމާނީ ނޫން ގޮތެކޭ" ބުނުމުން އަމްރުގެ ފާޑުކިޔުން

7 އޮކްޓޯބަރު 2023 - 11:35 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


އެމްޑީޕީން "ބަރުލަމާނީ ނޫން ގޮތެކޭ" ބުނުމުން އަމްރުގެ ފާޑުކިޔުން

7 އޮކްޓޯބަރު 2023 - 11:35 2

ބޭނުން ވަނީ "ބަރުލަމާނީ ނޫން ގޮތެއް" ކަމަށް އެމްޑީޕީން ބުނުމުން އެޕާޓީގެ ސިޔާސަތު ކޮމިޓީގެ ކުރީގެ މެމްބަރު އަދި މިހާރު ދަ ޑިމޮކްރެެޓްސްގެ މެމްބަރު ހުސައިން އަމްރު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބަރުލަމާނީއަށް ތާއީދުނުކުރަން ނިންމި އިރު އެގޮތަށް ވަކާލާތުކުރެއްވި ބައެއް ބޭފުޅުން އޭގެ ސަބަބެއް ކަމަށް ސާފުކޮށް ވިދާޅުވީ ބަރުލަމާނީ އަށް މަސައްކަތްކުރާ ބަޔަކީ އެޕާޓީން ބަޔަކު ވަކިވެގެން އުފެއްދި ދަ ޑިމޮކްރެޓްސް ކަމަށް ވުމެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަށް މަސައްކަތްކުރައްވާތީ "އެ ނޫން ގޮތެއް" ބޭނުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަލްސާގައި އަމްރު ބޮޑަށް ފާޑުވިދާޅުވީ އެ ވާހަކަތަކަށެެވެ. އޭނާ ވިދާޅުވީ ނިޒާމު އަލުން ކަނޑައެޅުން ފަދަ ގައުމީ ކަމަކާ މެދު ބަލައިވެސް ނުލާ ދެކޮޅުވާ ސަބަބެއް ކަަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުން ވިދާޅުވީ "އެނޫން އެހެން ބަޔަކު އެކަމާ އުޅުން" ކަމަށެވެ.

"[އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި] ފުރަތަމަ ވާހަކަދެއްކެވި 10 ބޭފުޅުންނަކީ އެޕާޓީގެ ލީޑަޝިޕް ކަމަށް މިހާރު އެބޭފުުޅުން ގަބޫލުކުރާ ބޭފުޅުން. އެ ބޭފުޅުން އެ ވިދާޅުވީ އަހަރެމެން ނޫން އެހެން ބަޔަކު ކަމަކާ އުޅޭތީވެ، ގައުމީ ކަމެއް ކަމުގައި ނުބަލައި، ގައުމަށް އެންމެ ރަނގަޅު ގޮތް މީކަން ނުވެސް ބަލައިލާ، ބޭނުން ވަނީ އެމީހުން އުޅޭ ގޮތް ނޫން އެހެން ގޮތަކަށޭ އުޅެން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2018 ގައި ހުރިހާ ބާރަކާއެކު ވެރިކަަމަށް އައުމަށް ފަހު އެމްޑީޕީ މިހާރު ކުޑަވެފައިވާ ކަމަށާއި ކުޑަވި ސަބަބަކީ އެފަދަ ނިންމުންތައް ކަަމަށެވެ.

އެމްޑީޕީން މިހާރު އުޅެން ޖެހޭނީ ނިޒާމުގެ މައްސަލައާ މެދު ގޮތެއް ނިންމަން ނޫން ކަމަށާއި މިވަގުތު ކުރަންޖެހޭ މަސައްކަތަކީ ރިޔާސީ އިންތިހާބުން ބަލިވި ސަބަބުތައް ބަލައި ޕާޓީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިއީ އެޕާޓީގެ ޗެެއާޕާސަން ނަމަ، އަޅުގަނޑު ފުރަތަމަ ވެސް ހުށަހަޅާނީ އެވަރު ބޮޑު ބައްޔެއް ވެގެން މިދިިޔައީ ކީއްވެގެންތޯ ބަލަން، މިނިވަން ކޮމިޝަނެއް، ކޮމިޓީއެއް ނަގައި އަދި ދެވަނަ ކަމަކަށް އެ ކޮމިޓީން އެ ނިންމާ ކަންކަން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ދޭން،" އަމްރު ވިދާޅުވި އެވެ.

އެމްޑީޕީގައި މިހާރު ރަނގަޅު ސިޔާސަތެއް ނެތް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޕާޓީއަށް އެންމެ ގޮނޑިއެއް ލިބިދާނެ ކަމަށާ އެކު ޝައްކު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.