Advertisement

ޝިއަރާގެ ރެކޯޑްގެ ސުވާލާ އެކު ހާލަންޑް ބުނަނީ 15 އަހަރުގެ ވާހަކަ

7 އޮކްޓޯބަރު 2023 - 11:12 0


ޝިއަރާގެ ރެކޯޑްގެ ސުވާލާ އެކު ހާލަންޑް ބުނަނީ 15 އަހަރުގެ ވާހަކަ

7 އޮކްޓޯބަރު 2023 - 11:12 0

ލަންޑަން (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން އިނގިރޭސި ލެޖެންޑަރީ ފޯވާޑް އެލަން ޝިއަރާ ހަދާފައިވާ ރެކޯޑަށް ޓާގެޓް ކުރަންތޯ ކުރި ސުވާލުގެ ޖަވާބުގައި ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް 15 އަހަރު ލީގުގައި ކުޅެން ޖެހިދާނެ ކަމަށް ބުނެފި އެވެ.

ސިޓީ އަށް މިދިޔަ ސީޒަނުގައި ބަދަލުވުމަށް ފަހު، ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލި، ހާލަންޑް، 23، މިހާތަނަށް ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 42 މެޗުން 44 ގޯލު ޖަހައިފަ އެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ކުރިން ބެލްކްބާން ރޯވާސް އާއި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޝިއަރާ އަތުގަ އެވެ. އެއީ 441 މެޗުން 260 ގޯލު ޖަހައިގެންނެވެ.

"އަހަރެންގެ ކޮންޓްރެކްޓް އޮތީ ކިހާ މުއްދަތަކަށް؟ ތިން އަހަރާއި 10 މަސް؟ އެބައޮތްތަ ވަގުތު އެކަންކަން ކުރަން؟ އެކަމަކު، އަހަރެން ތި ކަންކަމަށް އެހާ ނުވިސްނަން،" ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ޝިއަރާގެ ރެކޯޑް މުގުރާލެވިދާނެތޯ އެހުމުން ހާލަންޑް ބުންޏެވެ.

"އަހަރެން މި ވަގުތު މި ވިސްނަނީ އަބަދުވެސް ކުރިއަށް އޮތް މެޗަށް. މި ސީޒަނަށް. އެ އަށް ފަހު ތި ކަހަލަ ކަންކަން ވިސްނުމަށް އައިސްފާނެ. އެކަމަކު، އަހަރެން އިންގްލެންޑްގައި 15 އަހަރު ހޭދަކުރާނަަމަ، ކީއްވެ ތި އަށް (ޝިއަރާގެ ރެކޯޑަށް) މަސައްކަތް ނުކުރަންވީ،"

ފުރަތަމަ ސީޒަނުގައި ލީގުގައި ހާލަންޑް ވަނީ 35 މެޗުން 36 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ހަތް މެޗުން އަށް ގޯލު ޖެހި ނަމަވެސް ހާލަންޑް އަތުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ގެއްލިފަ އެވެ. އެހެންވެ، ހާލަންޑަށް އަންނަނީ މީޑިއާގެ ޕްރެޝަރު ބޮޑުވަމުންނެވެ. އެ ކަންކަމާ ބެހޭގޮތުން އޭނާ ވަނީ ޝުއޫރުފާޅުކޮށްފަ އެވެ.

"އަހަންނަށް އަބަދުވެސް ފާހަގަކުރެވޭ އަހަރެން ގޯލު ޖަހާއިރު ވާހަކަ ނުދައްކާ ވަރަށް، ގޯލު ނުޖަހަންޏާ ވާހަކަ ދައްކާ. ތެދެއް، ކަންތައްތައް ހިނގާނީ ވެސް އެހެން، އަހަރެން މެންޗެސްޓާ ސިޓީ އަށް ސޮއިކުރީ ގޯލު ޖަހަން. އެކަން ނުވަންޏާ އެ ފާޑުކިޔުން އަންނާނެ. މީޑިއާގެ މި ޕްރެޝަރު އަހަރެން ނަގަނީ ޕޮޒިޓިވްކޮށް،" މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހާސިލްކުރި ހާލަންޑް ބުންޏެވެ.

ލީގުގައި ދެން ސިޓީ ކުޅޭ މެޗުގައި ކުޅޭނީ މާދަމާރޭ އާސެނަލާ އެވެ.