Advertisement

ލެވަންޑޯސްކީ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

6 އޮކްޓޯބަރު 2023 - 11:35 0


ލެވަންޑޯސްކީ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

6 އޮކްޓޯބަރު 2023 - 11:35 0

ބާސެލޯނާ (އޮކްޓޯބަރު 6) - ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް އަނިޔާވެ، މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ލެވަންޑޯސްކީ އަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލެވަންޑޯސްކީގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން 34 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ލެވަންޑޯސްކީގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ތަފްސީލްތައް ހާމަކުރަމުން ބާސެލޯނާއިން ބުނީ އަނިޔާ ލިބިފައިވަނީ ކުޑަހުޅުގެ ލިގަމެންޓަކަށް ކަމަށާއި، ހީކުރެވުނު ވަރަށް ވުރެ އަނިޔާ ސީރިއަސް ކަމަށެވެ. އެހެންކަމުން، ލެވަންޑޯސްކީ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

މި ލިބުނު އަނިޔާގެ ލެވަންޑޯސްކީ އަށް ސަބަބުން ބާސެލޯނާ ލީގުގައި ކުރިއަށް ކުޅެން އޮތް ތިން މެޗާއި ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަކްތަރު ޑޮނެސްކާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އަދި ޔޫރޯ ކޮލިފައިންގައި ޕޮލަންޑު ކުޅޭ މުހިންމު ދެ މެޗެއްގައި ވެސް އެ ގައުމުގެ ކެޕްޓަނަށް ނުކުޅެވޭނެ އެވެ.

ލެވަންޑޯސްކީ އަށް ގެއްލޭނެކަމަށް ބެލެވޭ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިމަހުގެ ފަހުކޮޅު އޮންނަ ލަލީގާގެ "އެލް ކްލަސިކޯ" އެވެ. ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލާ ދެކޮޅަށް ކުޅޭ މެޗަށް ވެސް ލެވަންޑޯސްކީ ފިޓުވުމަކީ ދުރުކަމެއް ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ޕޮލެންޑްގެ ތަރި، ލެވަންޑޯސްކީ ނެތްތަން ފޫބައްދަން ބާސެލޯނާގެ ކޯޗު ޒަވީ ބޭނުންކުރާނެކަމަށް ބެލެވެނީ ފެރާން ޓޮރޭސް އެވެ. ފެރާން ވަނީ ލެވަންޑޯސްކީގެ ބަދަލުގައި ކުޅެން ނުކުމެ، ޕޯޓޯ އަތުން ބާސެލޯނާ މޮޅުވި ގޯލުވެސް ޖަހައިދީފަ އެވެ.

މިދިޔަ ސީޒަންގައި ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ލެވަންޑޯސްކީ މި ސީޒަން ފެށީ ވެސް ރަނގަޅު ފޯމެއްގަ އެވެ. މިހާތަނަށް އޭނާ ވަނީ އެކުލަބަށް ފަސް ގޯލު ޖަހައިދީ ތިން އެސިސްޓްކޮށްދީފަ އެވެ.