Advertisement

މާލޭ މޭޔަރުގެ ޒިންމާތައް ނަރީޝްއާ ހަވާލުކުރަނީ

4 އޮކްޓޯބަރު 2023 - 10:48 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް -- ފޮޓޯ: ޝާބިން/އަދަދު


މާލޭ މޭޔަރުގެ ޒިންމާތައް ނަރީޝްއާ ހަވާލުކުރަނީ

4 އޮކްޓޯބަރު 2023 - 10:48 0

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ރައީސްކަމަށް އިންތިހާބުވީ ނަމަވެސް ނޮވެމްބަރު 17، ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ ހަމައަށް މަގާމުގައި ހުންނަވާނެ ކަމަށެވެ. އެހެން ނަމަވެސް މާލެ ސިޓީ މޭޔަރުގެ ޒިންމާތައް މިއަދުން ފެށިގެން ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ނޮވެމްބަރު 17 އާހަމައަށް އަޅުގަނޑަށް މޭޔަރުކަމުގައި ހުރެވޭނެ. އެހެން ނަމަވެސް ޒިންމާތައް ލީގަލް ޓީމް އަދި އެލްޖީއޭ މެދުވެރިކޮށް ބެލި އިރު ފުރުސަތު އެބަ އޮތް ޑެޕިއުޓީ މޭޔާއާ ހަވާލުކުރެވުމުގެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިވަގުތު މޭޔަރުގެ ޒިންމާތައް އުފުލެން ނެތީ، ޓްރާންސިޝަން ޕީރިއަޑުގެ މަސައްކަތްތަކަށް އެންމެ ފުރިހަމައަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މަސައްކަތްތައް، ކޮމެޓީތައް ހިނގާގޮތް، ބަލައި އެހީތެރިކަންދީ އެ މަސައްކަތައް ހުރިހާތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭންކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެހުރިހާ ޒިންމާތަކާއެކު މޭޔަރު ކަމުގެ ޒިންމާ އަދާކުރުމަށް ދޭންޖެހޭ ވަގުތު ނުދެވިދާނެ ކަމަށެވެ. އެއީ މާލޭ ރައްޔިތުންނަށް ހައްގު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމުގެ ޒިންމާތަކުން ދުރަށް ޖެހިލާކަން އިއުލާނު ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ސިޓީ ކައުންސިލަށް މި ސަރުކާރުގައި ނުދީ ހުރި ހުއްދަތައް ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ކައުންސިލުތަކަށް އެގޮތުން ހުރި ދަތިތައް ވެސް ހައްލުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.