Advertisement

އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރެއްވީ ޖާބިރު އެކަނި

3 އޮކްޓޯބަރު 2023 - 23:53 0

ނިމާ ހަސަން

ނިމާ ހަސަން

މިރޭގެ ގައުމީ މަޖިލީސް ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ވާހަކަދައްކަވަނީ. -- ފޮޓޯ: އަހުމަދު ޝާބިން/ އަދަދު


އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރެއްވީ ޖާބިރު އެކަނި

3 އޮކްޓޯބަރު 2023 - 23:53 0

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެނޭތޯ ބެލުމަށް އާއްމު ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު ބަހުސްކުރުމަށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ނިޒާމަށް ތާއީދުކުރި ހަމައެކަނި މެމްބަރަކީ އަބްދުﷲ ޖާބިރެވެ.

ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޖާބިރު، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދެއްކުމުން އޭނާއާ ދެކޮޅަށް ބައެއް މެމްބަރުން އަޑުއުފުލި އެވެ. ފަހުން ޖާބިރު ޖަލްސާ ދޫކުރައްވައި ނުކުންނެވި އެވެ.

ޖާބިރު ވިދާޅުވީ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރަން ވާނީ ނިޒާމީ މައްސަލައަކާ ބެހޭގޮތުން ނޫން ކަމަށާއި, އެމްޑީޕީއަށް ވޯޓުދިން 109,000 މީހުން ސަލާމަތް ކުރުމާ މެދު ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބުން ބަލިވި ނަމަވެސް އެމްޑީޕީ އަށް ވޯޓު ދިން މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ޕާޓީން ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނެސް, ދެން ރާއްޖޭގެ ވެރިކަން ކުރައްވާނީ ދަ ޑިމޮކްރަޓްސްގެ މުހައްމަދު ނަޝީދު ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެފަދަ ނިޒާމަކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތާއިދު ނުކުރައްވައިފި ނަމަ އޭނާ އަށް ދެން އެ މަގާމުގައި ނުހުންނެވޭނެ ކަމަށެވެ.

"އިއްޒަތްތެރި ޗެއާޕާސަން, މިމަގު ނުހިނގައިފި ކަމަށްވަންޏާ ތި ގޮނޑީގައި ދެން ނީނދެވޭނޭ. އިއްޒަތްތެރި ޗެއާޕާސަން, އަންޑަސްޓޭންޑް ވައްޗޭ, އެއްލައްކަ މީހުން ކަނޑުވެއްޖޭ. ބަރުލަމާނީ ނިޒާމެއް ގެނެސް އެމީހުން ސަލާމަތް ކުރުމަށް މަނިކުފާނަށް ޒިންމާ އުފުލަން އެބަ ޖެހޭ" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިކަމުގައި ނެތުމަކީ އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދާ ކަމެއް ކަމަށާއި, 'އީގޯ' ދޫކޮށްލުމަށްފަހު އެ މީހުން ސަލާމަތް ކުރަން ނުކުންނަން ޖެހެ އެވެ.

އެމްޑީޕީގެ އެއް ލައްކަ މީހުން ކަނޑުވެއްޖެ ކަމަށާއި, އެމީހުން ސަލާމަތް ކުރުމަށް ޖެހޭ ކަމަށް ޖާބިރު ތަކުރާރުކޮށް ވިދާޅުވުމުން ބައެއް މެމްބަރުން އަޑުގަދަޖކޮށް ޖާބިރާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މި ޖަލްސާގައި ވާހަކަދެއްކެވި އެހެން ހުރިހާ މެމްބަރުން ވެސް ވަކާލާތުކުރެއްވީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ. އޭގެ ތެރެއިން ގިނަ މެމްބަރުން ވިދާޅުވީ އެ ނިޒާމު ގެންނަން ދެކޮޅު ވަނީ، ނަޝީދު އެ ނިޒާމަށް ތާއީދުކުރައްވާތީ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް، ނަޝީދު މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ކެމްޕެއިން ކުރައްވާފައިވާތީވެ، އެކަމުގެ ހިތްހަމަނުޖެހުމުގައި މިރޭ ގިނަ މެމްބަރުން ވިދާޅުވީ ބަރުލަމާނީ ނޫން ގޮތަކާއި، ނަޝީދު ނޫން ގޮތެއް ހޯދަން ބޭނުންވާ ކަމަށެވެ.