Advertisement

ބަރުލަމާނީ ނިޒާމަށް އެމްޑީޕީ ގައުމީ މަޖިލީހުން ނޫނެކޭ ބުނެފި

3 އޮކްޓޯބަރު 2023 - 23:42 3

ނިމާ ހަސަން

ނިމާ ހަސަން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުލިބުނު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ބަރުލަމާނީ ނިޒާމަށް އެމްޑީޕީ ގައުމީ މަޖިލީހުން ނޫނެކޭ ބުނެފި

3 އޮކްޓޯބަރު 2023 - 23:42 3

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދުވަސްވަރު އެ ޕާޓީން ތާއީދުކުރި ނިޒާމު ގެންނަން މި ފަހަރު ދެކޮޅު ހެދީ، ނަޝީދު ފަހުން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން އެ ނިޒާމު ގެންނަން ފެނޭތޯ އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ބެހޭގޮތުން މިރޭ ކުރި ބަހުސްގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން މިރޭ ބަރުލަމާނީއާ ދެކޮޅަށް ވާހަކަ ދެއްކެކީ، އެއީ ނަޝީދު ތާއީދުކުރައްވާތީ ނިޒާމަކަށް ވާތީ، އެމަނިކުފާނާ ދެކޮޅު ހައްދަވަން ބޭނުންވާތީ އެފަދަ މޭރުމަކުންނެވެ.

އެގޮތުން އެ މެމްބަރުން ބުނީ، ރިޔާސީ އިންތިހާބުގައި ނަޝީދު އާއި ޑިމޮކްރެޓްސް އިން "އިބޫ ނޫން ގޮތެއް" ނަމުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރުމުން ހިތުގައި ޖެހުނު ކަމަށާއި، އެހެންވެ މިހާރު ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް" އަދި "ނަޝީދު ނޫން ގޮތެއް" ހޯދަން ކަމަށެވެ.

މިރޭގެ ޖަލްސާގައި، ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވާހަކަދެއްކެވީ ބަރުލަމާނީއާ ދެކޮޅަށެވެ. ބަހުސްގެ ތެރެއިން ޖާބިރު ހިތްހަމަނުޖެހި ޖަލްސާ ދޫކުރެއްވި ފަހުން ނެގި ވޯޓުގައި ބައިވެރިވި 90 މެމްބަރުން ވަނީ ބަރުލަމާނީއާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ.

މި ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދެ ނިޒާމުގައި ވެސް ރަނގަޅު ކަންކަމާއި، ގޯސްކަންކަން އެބަހުރި ކަމަށާއި އެކަމަކު ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން ނިންމަން އާއްމު ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމަށް ތާއީދު ހޯދުމަށް އަމަލީ ގޮތުން ނުކުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ ފިކުރާ އިދިކޮޅު މީހަކު ރިޔާސީ އިންތިހާބު ކާމިޔާބުކުރި ނަމަވެސް، އެ މީހަކަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދީ, ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ގައުމީ މަޖިޅިހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޝާބިން/ އަދަދު


"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންގެ ވިސްނުމެއް އޮވެގެން ނުވާނެ އެ އިންތިހާބީ ބޭފުޅާ (މުއިއްޒު) ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިށީނދެ ވަޑައިގަތުމުގެ ކުރިން އެ ގޮނޑި ދަމައިގަންނަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް, އިންތިހާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ރައީސް ސޯލިހު ނޫން ގޮތެއް ހޯދުމަށް ވަކާލާތު ކުރުމަށް ފަހު އަލުން އެމްޑީޕީއާ ގުޅެން އައީ ނިޒާމު ބަދަލުކުރުމުގެ ދަހިވެތިކަމުގައި ކަމަށެވެ. އެކަމަކު އެމްޑީޕީން އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ގައުމީ މަޖިޅިހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޝާބިން/ އަދަދު


އިބުރޭ ވިދާޅުވީ ޑިމޮކްރެޓްސްއަށް އަމިއްލަ ހާލައިގެން ނުކުމެ މަޖިލިސް ގޮނޑިއެއް ހޯދޭ ވަރު ނުވާ ކަން އިންތިހާބުގެ ފުރަތަމަ ބުރުގައި ހާމަވެގެން ދިޔަ ކަމަށެވެ. އެ ޕާޓީއަށް މަޖިލިސް ގޮނޑިއެއް ކާމިޔާބު ކުރެވޭނީ އެމްޑީޕީ ނުވަތަ ޕީޕީއެމާ ގުޅިގެން ބަހާލައިގެން ކަމަށާއި, މިހާރު ނިޒާމީ ވޯޓެއް ނަގަން ވެސް އުޅެނީ ވެސް އެ ފަދަ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑު މިވަގުތު ބަލާކަށް ބޭނުމެއް ނޫން އެހާ ރަނގަޅަށް ރާއްޖެއަށް ރަނގަޅީ ކޮން ނިޒާމެއްތޯ. އަޅުގަނޑު ވެސް ބޭނުމީ ބަރުލަމާނީ ނޫން ގޮތެއް. އެ ބޭފުޅުން އެ ދުވަހު ވިދާޅުވީ ރައީސް ސޯލިހު ނޫން ގޮތެކޭ. އަޅުގަނޑުމެން މިއަދު ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް،" އިބުރޭ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ނުޖެހޭ ސަބަބެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ, ރިޔާސީ ނިޒާމެއްގައި ރައްޔިތުންނަށް ލިބިދޭ ބާރެވެ. އަސްލަމް ވިދާޅުވި ގޮތުގައި, ރިޔާސީ ނިޒާމުން ރައްޔިތުންނަށް ލިބިދޭ ބާރުގެ މިސާލަކީ ރާއްޖޭގައި 30 އަހަރު ވަންދެން ކުރި ވެރިކަމެއް, ރައްޔިތުންގެ ވޯޓަކުން ނިމުމަކަށް ގެނައުމެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ގައުމީ މަޖިޅިހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޝާބިން/ އަދަދު


"ކޮންމެ ގޮތަކަށް ނިންމިއަސް ރައްޔިތުން އަތުގައި އެބަގޮތް ބާރުވެރިކަން. ވެރިކަމަށް އަންނާނީ ކާކުކަން ނިންމުމުގެ ފުރިހަމަ ބާރުވެރިކަން އެބަ އޮތް. އަޅުގަނޑަކަށް ބަރުލަމާނީ ނިޒާމަކުން އެއެއް ނުފެނޭ," އަސްލަމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާނެ އެއް ސަބަބެއްގެ ގޮތުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ފާހަގަ ކުރެއްވީ، ނަޝީދު ހުންނެވި ކޮޅަކަށް ތާއިދުކުރަން ބޭނުންނުވުމެވެ.. އެމްޑީޕީ އުފެދުނީއްސުރެ ނަޝީދާއެކު މަސައްކަތް ކުރި ނަމަވެސް, މިއަދު "ނަޝީދު ނޫން ގޮތެއް" ހޯދަން ނިކުމެ ތިއްބެވި ކަމަށް އެ ޕާޓީގެ ދުވަސްވީ ބައެއް މެންބަރުން ވިދާޅުވި އެވެ.

"ރައީސް ނަޝީދު ރިޔާސީ ނިޒާމަކަށް ތާއީދުކުރާ ނަމަ، އަޅުގަނޑުމެން ތާއީދުކުރާނީ ބަރުލަމާނީ ނިޒާމަކަށް،" އެއް މެމްބަރަކު ވިދާޅުވި އެވެ.

މި މަހުގެ 30 ގެ ކުރިން ނިޒާމު ކަނޑައެޅުމުގެ ވޯޓެއް ނެގުމަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ އެމްޑީޕީގެ ވެސް ރުހުމާ އެކު އެވެ.

ނަމަވެސް، ދެ ވަނަ ބުރަށް ފަހު އެ ޕާޓީން ބުނެފައިވަނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި މިއީ ނިޒާމަށް ވޯޓެއް ނަގަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

އެމްޑީޕީން، ނަޝީދު އެ ޕާޓީގައި އިސްކޮށް ހުންނެވި އިރު 2007 ވަނަ އަހަރުގެ ނިޒާމީ ވޯޓުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރި އެވެ. އެ ފަހަރު ރާއްޖޭގައި އޮންނަން ފެންނަ ކަމަށް ހޮވުނީ ރިޔާސީ ނިޒާމެވެ.

ފަހުން ވެސް ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ވަކާލާތުކުރި އެވެ. އެގޮތުން 2017 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެކަން ނަޝީދު ހުށަހެޅުއްވި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ތެރޭގައި ވެސް ނަޝީދު އެކަމަށް އަލުން މަސައްކަތް ފެށްޓެވި އެވެ. ނަމަވެސް ރައީސް އެކަމަށް އިޖާބައެއް ނުދެއްވި އެވެ. އެމަނިކުފާނާއި، އެމަނިކުފާނުގެ ސަރުކާރާ މެދު ނަޝީދު ހިތްހަމަނުޖެހުނު އެއް ސަބަބަކީ ވެސް އެއީ އެވެ.

ގަރާރު ފާސްކުރަން އެމްޑީޕީން އެއްބަސްވީ، ފުރަތަމަ ބުރަށް ފަހު، ޑިމޮކްރަޓްސްގެ ތާއީދު ހޯދުމަށް ކުރި މަޝްވަރާތަކުގަ އެވެ. ނަޝީދު ވަނީ، ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން ނިންމައިފި ނަމަ ވޯޓުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާނެ ކަމަށް އެމްޑީޕީން ބުނި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީން އެކަން ދޮގުކުރެ އެވެ.

ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ބާއްވަން ހުރި ހުރަސްތައް ބަޔާންކޮށް، އެފަދަ އިންތިހާބެއް ބާއްވަން އިތުރު ވަގުތު ބޭނުންވާ ކަން އިލެކްޝަނުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި މިއަދު ވަނީ އަންގައިފަ އެވެ. މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ވޯޓުގެ ތާރީހު ބަދަލުކުރަން ތާއީދުކޮށްފަ އެވެ.

ޑިމޮކްރަޓްސް ފިޔަވައި އެހެން ޕާޓީތަކުން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުނުކުރާނެކަމަށް ބުނެފަ އެވެ. ރާއްޖޭގެ ގިނަ ބަޔަކު ވޯޓުލަނީ ޕާޓީ ލައިނުން ކަމަށްވާތީ، ނިޒާމާ މެދު އާޢްމު ވޯޓެއް ނެގި ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ލިބިދާނެ ކަމަށް ނުބެލެވެ އެވެ.