Advertisement

ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމަށް ތާއީދު ހޯދަން އަމަލީ ގޮތުން ނުކުންނާނަން: ރައީސް

3 އޮކްޓޯބަރު 2023 - 21:15 2

ރައީސް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމަށް ތާއީދު ހޯދަން އަމަލީ ގޮތުން ނުކުންނާނަން: ރައީސް

3 އޮކްޓޯބަރު 2023 - 21:15 2

އެމަނިކުފާނު ތާއީދުކުރަނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮންނަން ކަމަށާއި، ނިޒާމު ކަނޑައެޅުމަށް އާއްމު ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމަށް ތާއީދު ހޯދުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ނިޒާމު ކަނޑައެޅުމަށް އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ނިޒާމުގައި ވެސް ރަނގަޅާއި، ގޯސް އެބަހުރި. އެކަމަކު މި ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމާ އެކު. ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

މި މަހުގެ 30 ގެ ކުރިން ނިޒާމު ކަނޑައެޅުމުގެ ވޯޓެއް ނެގުމަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ އެމްޑީޕީގެ ވެސް ރުހުމާ އެކު އެވެ.

ނަމަވެސް، ދެ ވަނަ ބުރަށް ފަހު އެ ޕާޓީން ބުނެފައިވަނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި މިއީ ނިޒާމަށް ވޯޓެއް ނަގަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

އެމްޑީޕީން، ނަޝީދު އެ ޕާޓީގައި އިސްކޮށް ހުންނެވި އިރު 2007 ވަނަ އަހަރުގެ ނިޒާމީ ވޯޓުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރި އެވެ. އެ ފަހަރު ރާއްޖޭގައި އޮންނަން ފެންނަ ކަމަށް ހޮވުނީ ރިޔާސީ ނިޒާމެވެ.

ފަހުން ވެސް ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ވަކާލާތުކުރި އެވެ. އެގޮތުން 2017 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެކަން ނަޝީދު ހުށަހެޅުއްވި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ތެރޭގައި ވެސް ނަޝީދު އެކަމަށް އަލުން މަސައްކަތް ފެށްޓެވި އެވެ. ނަމަވެސް ރައީސް އެކަމަށް އިޖާބައެއް ނުދެއްވި އެވެ. އެމަނިކުފާނާއި، އެމަނިކުފާނުގެ ސަރުކާރާ މެދު ނަޝީދު ހިތްހަމަނުޖެހުނު އެއް ސަބަބަކީ ވެސް އެއީ އެވެ.

ގަރާރު ފާސްކުރަން އެމްޑީޕީން އެއްބަސްވީ، ފުރަތަމަ ބުރަށް ފަހު، ޑިމޮކްރަޓްސްގެ ތާއީދު ހޯދުމަށް ކުރި މަޝްވަރާތަކުގަ އެވެ. ނަޝީދު ވަނީ، ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން ނިންމައިފި ނަމަ ވޯޓުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާނެ ކަމަށް އެމްޑީޕީން ބުނި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީން އެކަން ދޮގުކުރެ އެވެ.

ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ބާއްވަން ހުރި ހުރަސްތައް ބަޔާންކޮށް، އެފަދަ އިންތިހާބެއް ބާއްވަން އިތުރު ވަގުތު ބޭނުންވާ ކަން އިލެކްޝަނުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި މިއަދު ވަނީ އަންގައިފަ އެވެ. މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ވޯޓުގެ ތާރީހު ބަދަލުކުރަން ތާއީދުކޮށްފަ އެވެ.