Advertisement

އެތެރެއިން ރޮމުން ފުއާދު ކުރެއްވި ހިތްވަރާއި ނެންގެވި ޒިންމާ

3 އޮކްޓޯބަރު 2023 - 17:20 6

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


އެތެރެއިން ރޮމުން ފުއާދު ކުރެއްވި ހިތްވަރާއި ނެންގެވި ޒިންމާ

3 އޮކްޓޯބަރު 2023 - 17:20 6

ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ މައްސަލަ ބޮޑު އިންތިހާބު ކަމަށްވާ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެރި ސިޔާސީ ރާޅުގައި ބެހިގެން ދިޔަ އެކަކީ އިލެކްޝަންސް ކޮމިޝަނުގެ އޭރުގެ ރައީސް ފުއާދު ތައުފީގެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި ފުރަތަމަ ބުރަށް ފަހު، އެ ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބެލި މައްސަލައެއްގައި، ވަނީ އަމުރަށް ނުކިޔަމަންތެރިވުމާއި، ޝަރީއަތުގެ ހުރުމަތް ކެނޑުން ފަދަ އެތައް މައްސަލައެއް ފުއާދުގެ މައްޗަށް ސާބިތުވާކަމަށް ނިންމައިފަ އެވެ. އަދަބަކީ ހަ މަސް ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމަކާއި، މެމްބަރުކަމުން ވަކިކުރުމެވެ.

އެއީ 1973 ވަނަ ފުއާދު ފެށްޓެވި އާއްމު ހިދުމަތުގެ ހަޔާތުގައި ޖެހުނު ބޮޑު ލައްގަނޑެކެވެ. އާއްމު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އަދި ހުދު ފުއާދު ވެސް ގަބޫލުކުރައްވާ ގޮތުގައި އެ ފަހަރު ބެދުނު މަޅީގެ ފަހަތުގައި އޮތީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެއްދި ދޮގުތަކަކާއި، އެޅުވި އިލްޒާމުތަކެކެވެ. އެ ހުކުމާ އެކު ފުއާދު އަވަށްޓެރި ސްރީ ލަންކާ އަށް އަމިއްލަ އަށް އަރުވާލެވިގެން އަހަރުތަކެއްގައި ހުންނެވި އެވެ. ނަމަވެސް އޭރު ވެސް އޮތް އަޒުމަކީ، ދައުލަތަށް ހިދުމަތްކުރުމުގެ ފުރުސަތު އަލުން ލިބިއްޖެ ނަމަ ގަބޫލުކޮށް އޭނާގެ ތެދުވެރިކަމާއި، ވަފާތެރިކަން ސާބިތުކޮށްދިނުމެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގެން 2019 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އަލުން ކުރިމަތިލެއްވީ އެ ބޭނުމުގަ އެވެ.

"އަޅުގަނޑު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކު ކުރަމުން އައި މަސައްކަތަށް ލިބުނު އެ ކިލަނބުކަން ފިލުވާލަން ބޭނުންވެފައި ހުއްޓާ އަލުން ހިދުމަތްކުރުމުގެ ފުރުސަތު ލިބުނީ،" ފުއާދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު.


އޭގެ ބޭނުން ހިފައި ފުއާދު މިވަނީ އޭނާގެ ރައީސްކަމުގައި ރިޔާސީ އިންތިހާބުގެ ދެ ބުރު ވަރަށް ފުރިހަމަކޮށް އިންތިޒާމުކުރައްވައިފަ އެވެ. އެކަން އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ނޫސްވެރިން އަދި އާއްމުން ވަނީ ފާހަގަކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތް، ހާއްސަކޮށް ފުއާދުގެ މަސައްކަތަށް ތައުރީފު އޮއްސަމުންނެވެ.

"އިންތިހާބުން މޮޅުވީ މުއިއްޒު، އެކަމަކު އިންތިހާބުގެ ހީރޯ އަކީ ފުއާދު،" ފޭސްބުކުގައި މީހަކު ލިޔެފައިވެ އެވެ.

"ފުއާދު މިވަނީ ސާބިތުކޮށްދީފައި މިނިވަންކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި ވެސް އިންތިހާބެއް ބޭއްވިދާނެކަން،" އެހެން މީހަކު ލިޔުނެވެ.

ފުއާދު ގަބޫލުކުރައްވާ، ދޮގު އިލްޒާމުތަކުން ނަގާލެވުނު އޭނާގެ އިތުބާރު، އަނެއްކާ ވެސް މި ވަނީ ލިބިފަ އެވެ.

"އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑު ކުރި ބުރަ މަސައްކަތް ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުން ބަލައިގަތީމުން،" ފުއާދު 'އަދަދު' ގެ ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވި އެވެ.

އެކަމަކު ފުއާދު ގަބޫލުކުރައްވާ ގޮތުގައި މިއީ އޭނާގެ އެކަނި މަސައްކަތެއް، ހިތްވަރެއް ނޫނެވެ. ފުއާދު ވިދާޅުވީ ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު، ރައްޔިތުންގެ ފަސޭހަ ވާނެ ގޮތްތަކަށް އިންތިހާބު ބޭއްވުނީ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ ވެސް ވަރަށް ބޮޑު މަސައްކަތަކާއި، ހިތްވަރުން ކަމަށެވެ.

"ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް، އަދި އިންސާފުވެރިކަން ކަށަވަރުވާނެ ގޮތަކަށް އިންތިހާބު ބާއްވަން އަޅުގަނޑުމެން މެމްބަރުން އެކުލަވާލި ކޮންމެ ޕްލޭނަކަށް، އަދި ކޮންމެ ނިންމުމަކަށް، މުވައްޒަފުން އެއްވެސް ޝަކުވާއެއް ނެތި އެއްބާރުލުން ދިން،" ފުއާދު ވިދާޅުވި އެވެ.

"އެއީ އިންތިހާބު މިހާ އަމާން، އޮމާންކޮށް ގެންދެވުމުގެ ސިއްރަކީ."

އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ގިނަ ބައެއްގެ ހިތުގައި ހަރުލާފައިވަނީ ފުއާދު އޭނާގެ އަމިއްލަ ދަރިފުޅު ނިޔާވި ދުވަހު ވެސް އިންތިހާބާ ގުޅޭ މުހިއްމު މަސައްކަތެއް އޮތުމުން، އެކަމަށް ވަގުތު ދެއްވި ދެއްވުމެވެ. އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ކެންޑިޑެސީ ހުށަހަޅަން ދަރުބާރުގެއަށް ވަޑައިގެންނެވިއިރު، ފުއާދަށް ވަނީ ދަރިފުޅު ނިޔާވި ހަބަރު ލިބިފަ އެވެ. ނަމަވެސް، އެހެން ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިގަންއިރު ހުންނަވާފައި، އެއް ކެންޑިޑޭޓެއްގެ އެ ރަސްމިއްޔާތުގައި ނުހުންނެވުން ރަނގަޅު ނުވާނެތީވެ، އެ ހިތާމަވެރި ވަގުތު ވެސް ފުއާދު ނިންމެވީ އެކަމުގައި ބައިވެރިވެވަޑައިގަތުމަށެވެ. ދަރިފުޅުގެ ޖަނާޒާ އަށް ފުއާދު އިންޑިއާ އަށް ވަޑައިގެންނެވީ އެ މަސައްކަތް ނިންމަވާލައްވާފައި އެރެ އެވެ.

"އެ ހިތާމަވެރި ވަގުތު ވެސް، އަޅުގަނޑުގެ ގާނޫނީ ޒިންމާ އަދާކުރުމުގައިގެން ކުރިއަށް ދިއުމުގެ ހިތްވަރު އަޅުގަނޑަށް ލިބުނީ މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅުން،" ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އާއިލާ މެމްބަރުންނާއި ގާތް ރައްޓެހިންގެ ހިތްވަރު ވެސް ވަރަށް ބޮޑަށް ލިބުނު."

ފުއާދު (ކ) އޭނާގެ ނިޔާވި ދަރިފުޅު އަހުމަދާ އެކު.


ތަފާސްހިސާބުގެ އިލްމަށް ކުޅަދާނަ ފުއާދު ގައުމީ ހިދުމަތް ފެށްޓެވީ 1973 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕްލޭނިން އިން ސްޓެޓިސްޓިކްސް އޮފިސަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ރާއްޖެ އަށް ގެނައި ފުރަތަމަ ކޮމްޕިއުޓަރު ބޭނުންކޮށްގެން ތަފާސްހިސާބު ނެގުމަށްޓަކައި 1984 ވަނަ އަހަރު ސަރުކާރުން ފޮނުވައިގެން އެމެރިކާ އިން އެކަމުގެ ތަމްރީން ހޯއްދަވައިފަ އެވެ. އަދި 1985 ވަނަ އަހަރުގެ ބޯހިމެނުގެ ތާވަލުތަކާއި، މައުލޫމާތުތައް ކޮމްޕިއުޓަރު ބޭނުންކޮށްގެން ތައްޔާރުކުރީ ފުއާދު އިސްކޮށް ހުންނަވަ އެވެ.

ޕްލޭނިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ފުއާދު ހުންނަވަނިކޮށް، އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލި ފުރަތަމަ މިނިވަން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އޭނާގެ ނަން ފޮނުވީ އޭރުގެ މައި ދެ ޕާޓީ ކަމަށްވާ ޑީއާރްޕީ އާއި އެމްޑީޕީންނެވެ. ޑީއާރްޕީން އޭނާގެ ނަން ހިޔާރުކުރެއްވީ އޭރުގެ ޕްލޭނިން މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދެވެ. އަދި އެމްޑީޕީން އޭނާގެ ނަން ހުށަހެޅުއްވީ އޭގެ ކުރީ ޕްލޭނިން މިނިސްޓަރު އިބްރާހީމް ހުސެއިން ޒަކީ އެވެ.

"ފުރަތަމަ ޖެހިލުން ވެސް ވި. ހަޔާތުގެ ބޮޑުބުބައި ތަފާސްހިސާބު އެއްކުރުމުގައި އުޅެފައި ކުއްލިއަކަށް އެފަދަ މުއައްސަސާއަކަށް ދާން ވުމުން އުނދަގޫވި. ނަމަވެސް ޕްލޭނިންގައި އަޅުގަނޑުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ހަމްދޫން ވަރަށް ބޮޑަށް އެދިވަޑައިގަތުމުން ދާން ނިންމީ،" ފުއާދު އޭރުގެ ހަނދާންތައް އާކުރެއްވި އެވެ.

ފުއާދުގެ މަސައްކަތް ބަލައިގަނެ، ބައެއް މީހުން އަންނަނީ އޭނާ އަކީ އިހުލާސްތެރިން ތަދު ރާއްޖޭގެ ސިޔާސީ އަދި ހިންގުމުގެ ދާއިރާ އަށް "ގޮނޑަކުން ލިބުނު މުތެއް" ކަމަށް ފާހަގަކޮށް، މިހާރަށް ވުރެ މަތީ މަގާމަކަށް ވަޑައިގަތުމަށް އެދެމުންނެވެ. ފުއާދު ވިދާޅުވީ ވަކި މަގާމަކަށް ޝައުގުވެރިކަމެއް ނެތް ކަމަށާއި އަބަދުވެސް އޭނާގެ އުސޫލަކީ، ދައުލަތުން ހަވާލުކުރާ ކޮންމެ ކަމެއް ވެސް ވީ އެންމެ ރަނގަޅަކަށް ކުރުން ކަމަށެވެ.

"މީގައި މުހިއްމީ އެ މީހަކު ވަޒީފާ އަދާކުރާ ތަނެއް ނޫން، މުހިއްމީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކު އެކަމެއް ކުރުން. އަޅުގަނޑު ޒުވާނުން ދޭނެ ނަސޭހަތަކީ ވެސް އެއީ. ގައުމަށް ހިދުމަތެއް ކޮށްދެވެން އޮތިއްޔާ ކޮށްދޭށޭ. މުސާރަ އާއި އިނާޔަތްތަކަށް ވުރެ ޒިންމާ އާއި އިލުހާސްތެރިކަން އިސްކުރާށޭ،" ފުއާދު ވިދާޅުވި އެވެ.

މިއަދު ފުއާދު ހުންނެވީ ގައުމަށް ކަމެއް ކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުމުގަ އެވެ. މި ފަހަރު އެ އުފާ ދެ ގުނަ ވެއްޖެ އެވެ. ސަބަބަކީ 2014 ގެ ހުކުމާ އެކު، ގެއްލުނު އިތުބާރާއި، ސުވާލު އުފެދުނު އޭނާގެ އިހުލާސްތެރިކަން، އަނބުރާ ލިބުމުންނެވެ. ދަރިފުޅު ނިޔާވުމުން އެތެރެއިން ރޮމުން ވެސް އޭނާ ޒިންމާ އަދާކުރުމުގައި ފަސް ނުޖެހި ހިތްވަރުކުރީ، އެ ބޭނުމުގަ އެވެ.