3 އޮކްޓޯބަރު 2023 - 13:19 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
3 އޮކްޓޯބަރު 2023 - 13:19 0
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރުގައި، އެ ވޯޓުގައި ރައްޔިތުންނާ ކުރަންވީ ސުވާލު ނެތުމަކީ މެމްބަރުން ލަދުތިވާންޖެހޭ މައްސަލައެއް ކަމަށް ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަން ދަ ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ބަދަލުތައް ގެނައުމަކީ ތެޅިފޮޅިގަނެގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޖިލީހުން ފޮނުވި ގަރާރު އެގޮތަށް އޮތީ އެކަމުގައި އަވަސް އަރުވައިލުމުގެ ނަތީޖާ ކަަމަށް ވެސް ހިސާން ސިފަކުރެއްވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައި އޮތް އެންމެ މުހިއްމު ނުކުތާއަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރުގައި ރައްޔިތުން ގާތަށް ގޮސްފައި އަހަންވީ ސުވާލު ނެތްކަން. މިއީ އަޅުގަނޑު ހިތުން އަަޅުގަނޑުމެން އެންމެން، ޒިންމާދާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްުޔަތުން އެކަމާ ލަދުވެތިވާން ޖެހޭ ކަމެއް،" ހިސާން ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބޭނުމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެގޮތަށް ރުހުން ލިބިއްޖެ ނަމަ އެއާ ގުޅިގެން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކަށް އާންމުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.
އެ ބިލަށް ވެސް ހިސާން ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ފަދަ ބޮޑެތި ބަދަލުތައް ގާނޫނު އަސާސީއަށް ގެންނަ އިރު އެކަން ކުރާނެ ތަރުތީބެއް ގާނޫނުއަސާސީގައި އެބަ އޮތް ކަމަށެވެ.
Comment