Advertisement

އެމްޑީޕީ އޮފީސްތަކަށް ގެއްލުން ދިން މައްސަލަ ރިޕޯޓެއް ނުކުރޭ: ފުލުހުން

3 އޮކްޓޯބަރު 2023 - 12:01 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


އެމްޑީޕީ އޮފީސްތަކަށް ގެއްލުން ދިން މައްސަލަ ރިޕޯޓެއް ނުކުރޭ: ފުލުހުން

3 އޮކްޓޯބަރު 2023 - 12:01 0

ގއ. ކޮލަމާފުއްޓާއި ދ. ކުޑަހުވަދޫގައި ހުންނަ އެމްޑީޕީ ދެ އޮފީހަކަށް ބަޔަކު ގެއްލުންދިން މައްސަލަ ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ވަނީ ކޮލަމާފުށްޓާއި ކުޑަހުވަދޫގައި ހުންނަ އެމްޑީޕީ ދެ އޮފީހަކަށް ބަޔަކު ގެއްލުންދިން މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "އަދަދު"އަށް ބުނީ އެ ދެރަށުގައި ހުންނަ އެމްޑީޕީގެ އޮފީހަކަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ބިލްބޯޑުތައް ވެސް ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އަމަލުތައް ވެސް ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެ އެވެ.

މި މައްސަލަތައް ފުލުހުން އަވަހަށް ތަހުގީގުކޮށް، އެ ކަންކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް އެމްޑީޕީން އިއްޔެ ގޮވާލާފައި ވެ އެވެ.

"އިންތިހާބަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރަށްޓެހި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެއް،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އަށް ކެންޑިޑޭޓުން ވާދަކުރި، އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ވެސް ބައެއް ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ހަރުގެ، އޮފީސް އަދި ޕޯސްޓަރު ފަދަ ތަކެއްޗަށް ގެއްލުން ދިން މައްސަލަތަކެއް ފެންމަތިވި އެވެ.

ރިޔާސީ އިންތިހާބު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 54 ޕަސެންޓު ވޯޓުންނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރު މުއިއްޒު ވަނީ 46 ޕަސެންޓް ވޯޓު ހޯއްދަވައިފަ އެވެ. އެ ބުރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.