3 އޮކްޓޯބަރު 2023 - 11:06 0
ރައްޔާން މުހައްމަދު
3 އޮކްޓޯބަރު 2023 - 11:06 0
ދާދިފަހުން "އެކްސް" އަށް ނަން ބަދަލުކުރި ސޯޝަލް މީޑިއާ ޕްލެޓްފޯމް، ކުރީގެ ނަމުން ނަމަ "ޓްވިޓާ" އާ ދެކޮޅަށް "އެކްސް ސޯޝަލް މީޑިއާ" (އެކްސްއެސްއެމް) ނަމަކަށް ކިޔާ ކުންފުންޏަކުން މައްސައެއް ހުށަހަޅައިފި އެވެ.
އެކްސްއެސްއެމް އަކީ ފްލޮރިޑާގެ އެޑް އެޖެންސީއެކެވެ. އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިލޯން މަސްކްގެ "އެކްސް ކޯޕް" އިން ފްލޮރިޑާގެ އާންމު ގާނޫނާއި ހިލާފުވެފައިވާ ކަމަށެވެ.
އެގޮތުން އެ ގާނޫނުގައިވާ "އަންފެއާ ކޮމްޕެޓިޝަން އެންޑް ޓްރޭޑްމާކް އެންޑް ސާވިސް މާކް އިންފްރިޖްމެންޓް" ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އެ ސްޓޭޓްގެ ވިޔަފާރީގައި އޮޅުވާލުމާއި ނާޖާއިޒު ފައިދާ ނެގުމުގެ އެކްޓު ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެކްސްއެސްއެމް އިން ބުނެފައިވަނީ "އެކްސް ސޯޝަލްމީޑިއާ" އަކީ އެކުންފުނިން 2016 އިން ފެށިގެން ރަޖިސްޓްރީކޮށް ބޭނުންކުރަމުން އަންނަ ޓްރޭޑްމާކެއް ކަމަށެވެ. އަދި ޓްވިޓާ އިން "އެކްސް ކޯޕް" އަށް ރީބްރޭންޑް ކޮށް "އެކްސް" އަކުރު ލޯގޯ މާކެއް ގޮތަށް ބޭނުންކުރަން ފެށިފަހުން، އެކްސްއެސްއެމްގެ އާމްދަނީ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ އެކްސްއެސްއެމް އިން ކާމިޔާބުކުރުމަށްޓަކައި، އިލޯން މަސްކްގެ "އެކްސް"ގެ އެއް ގޮތް ޓްރޭޑްމާކުތަކުގެ ސަބަބުން ކޮންސިއުމަރުންނަށް ދެ ކުންފުނި އޮޅުން އަރާކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ.
ފޭސްބުކް ކުންފުނި "މެޓަ" އަށް ރީބްރޭންޑް ކުރުމުން ވެސް މިފަދަ މައްސަލައެއް ކުންފުންޏަކުން ވަނީ ޖައްސާފަ އެވެ. "މެޓައެކްސް" ކުންފުނިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ފޭސްބުކްއިން އޭރު ތައްޔާރުކުރަމުން ދިޔަ "މެޓަވާސް" ގެ ބޭނުމަށް ގަސްތުގައި "ނަން ވަގަށް ނެގީ" ކަމަށެވެ.
Comment