3 އޮކްޓޯބަރު 2023 - 10:08 0
މުހައްމަދު ނަސީމް
އިލެކްޝަންސް ކޮމިޝަނުން ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
3 އޮކްޓޯބަރު 2023 - 10:08 0
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު އަލުން ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އެ ވޯޓު ނެގުމަށް ގިނަ މަސައްކަތްތަތަކެއް ކުރަން ޖެހޭ ކަމަށް ބުނެ، އެކަމަށް އިތުރު ވަގުތު ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.
އީސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ބުނީ ނިޒާމީ ވޯޓާ ގުޅޭ މަަސައްކަތްތަކަށް ހޭދަވާނެ ވަގުތު ވަޒަންކޮށް، އެ ވޯޓު ނެގޭނެ ކަމަށް ކޮމިޝަނުން ދެކޭ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ. ނިޒާމީ ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލުގެ އިބާރާތާއި އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާހެއް ފޮނުވައިދޭން ވެސް ސިޓީގައި އެ ކޮމިޝަނުން އެދިފައިވެ އެވެ.
"...ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، އެ ވޯޓުނަގާ މައުލޫއާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވައިލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތަކާއި ވޯޓަށް ތައްޔާރުވުމަށް ކުރަން ޖެހޭ އެނޫން ވެސް ކަންކަން ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުން ވާނެތީ މި އެންމެހާ ކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު ، އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު ތިޔަ އިދާރާއަށް ފަހުން އަންގާނެ ކަމުގައި ދަންނަވަން،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި އީސީން ބުންޏެވެ.
ނިޒާމީ ވޯޓު ކުރިއަށް ގެންދިއުމަށް ޓަކައި ލިޔުމުން ހިއްސާކޮށްދޭން އެދޭ ކަންތައްތަކެއްގެ ލިސްޓު ވެސް އީސީން މަޖިލީހަށް ފޮނުވި ސިޓީގައި ހިމަނާފައިވެ އެވެ. އެ ލިސްޓުގައިވާ ފުރަތަމަ ކަމަކީ ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތެވެ.
އެ އިބާރާތް ފާސްކޮށްފައި ފޮނުވަން އެދުނީ ކޮމިޝަނުން ބުނި ގޮތުގައި މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގަަރާރު އޮތް ގޮތުން ގިނަ ގޮތްތަކަކަށް ސުވާލުކުރެވޭ ގޮތަށް އެކަން ހުޅުވާލައިފައި އޮތުމެވެ. އެހެން ނަމަވެސް އެފަދަ ވޯޓެއް ނަގާ އިރު ރައްޔިތުންނަށް ދޫކޮށްލާ އިހުތިޔާރީ ޖަވާބުތައް ކަނޑައަަޅާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ވެސް ސިޓީގައި އެ ކޮމިޝަނުން ބުންޏެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި އީސީން އެދުނީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ކޮމިޝަނަށް ދިނުމެވެ.
ތިން ވަނަ ކަމަކަށް އޮތީ ނިޒާމީ ވޯޓް ނެގުމުގެ ކަންކަމަށް ބޭނުންވާ ބަޖެޓް، ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމެވެ.
Comment