3 އޮކްޓޯބަރު 2023 - 10:12 2
އާމިނަތު ނިއުޝާ
3 އޮކްޓޯބަރު 2023 - 10:12 2
ގާނޫނު އަސާސީ ބަދަލުކުރުމުގެ އެންމެހާ ބާރެއް މަޖިލީހަށް ލިބޭ ގޮތަށް ދަ ޑިމޮކްރޭޓްސްއިން ހުށަހެޅި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ އެ އިސްލާހު ބަލައި ނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ގާނޫނު އަސާސީގެ 262 ގައި ވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންނެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހެޅި އިސްލާހުގައި އޮތީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން ގެންނަ ބަދަލާ މެދު އާންމުންގެ ހިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ފާސްކުރުމަށް ހުށަހަޅާފަ އެވެ.
އެ އިސްލާހާ ގުޅިގެން ޓްރާންސްޕޭރެންސީ އިން ނެރުނު ބަޔާނުގައި ބުނީ، އެ ބިލުގެ ސަބަބުން ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުގެ ކުރިން، ރައްޔިތުންނަށް އެކަމާ މެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެން ދާނެ ކަމަށެވެ.
އިސްލާހު ފާސްވެއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭނެކަން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫން ގޮތަކަށް ބައެއް ގާނޫނުތަކަށް ބަދަލު ނުގެނެވޭ ގޮތަށް ގާނޫނުން ލިބިދޭ މި ބާރަކީ، އޭރަކު އިންތިހާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުންހުރި މުހިންމު މާއްދާތައް ބަދަލު ގެނައުމުގެ ފުރުސަތު ނުދިނުމަށް އޮންނަ ބާރެއް ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ގާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ދަށުން 79 ވަނަ މާއްދާ "ރައްޔިތުންގެ މަޖިލީހުގެ އުމުރު"، 107 ވަނަ މާއްދާ "ރިޔާސަތުގެ ދައުރު" އަދި 108 ވަނަ މާއްދާ "ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް" މިއިން އެއްވެސް މާއްދާއަކަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 262 ވަނަ މާއްދާ އެގޮތަށް ބަދަލުކުރުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެ ހިޔާލު ފާޅުކުރެއްވީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކުރާ މަސައްކަތުގައި އޮންނަން ފެންނަ ނިޒާމެއް ކަަނޑައަޅަން، އާންމު ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރި ބައްދަލުވުމުގަ އެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ މިހާރު އޮތް ގަރާރާ އެއްގޮތަށް ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް އަލުން ފެންނަ ވޯޓަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި އެގޮތަށް އެކަން ކުރަން ލާޒިމުކޮށްފައި އޮންނާތީ އެވެ.
Comment