Advertisement

ޑރ. މުއިއްޒުގެ ރާގު ވެސް ހުރީ ރިޔާސީ ނިޒާމު ދެމެހެއްޓުމަށް

2 އޮކްޓޯބަރު 2023 - 22:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންތިހާބީ ރައީސް މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ކެމްޕެއިން ރެލީއެއްގައި؛ ރިޔާސީ ނިޒާމު ދެމެހެއްޓުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޑރ. މުއިއްޒުގެ ރާގު ވެސް ހުރީ ރިޔާސީ ނިޒާމު ދެމެހެއްޓުމަށް

2 އޮކްޓޯބަރު 2023 - 22:13 0

ރައްޔިތުންގެ ބައިވެރިވުން ބޮޑު ރިޔާސީ އިންތިހާބެއްގެ ވޯޓަކަށް ފަހު އަނެއްކާ ވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުން ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބުން މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ އިވެންޓުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑުވުމުން އެއިން ދައްކައިދިން ކަމަކީ ރިޔާސީ ނިޒާމު އޮތުމަށް ރައްޔިތުން ބޭނުންވާ މިންވަރު ކަމަށެވެ.

"ރައްޔިތުން މި ފަހުން އެ ނިންމީ ރިޔާސީ ނިޒާމަކުން، ވެރިކަން ކުރާނެ ވެރިޔަކު، މި ގައުމުގެ ރައްޔިތުން ބޭނުން ނުވޭ އިރުއިރު ކޮޅާ އެކި ގޮތަށް ވާހަކަ ދައްކާކަށް. އިރުއިރުކޮޅާ އެކި ގޮތަށް މި ކަން އޮންނާކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މިވަގުތު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 54 ޕަސެންޓު ވޯޓުންނެވެ. އިންތިހާބީ ރައީސް ވެރިކަމާ ހަވާލުވާން ޖެހޭނީ ނޮވެމްބަރު 17، ގަ އެވެ.

މުއިއްޒު އެހެން ވިދާޅުވިއިރު، އެމްޑީޕީގެ ބައެއް މެމްބަރުންނާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުން، ރައްޔިތުންގެ މަޖިލީހުން ވަނީ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް މި މަހު 30، ގެ ކުރިން ނެގުމަށް ގަރާރެއް ފާސްކޮށްފަ އެވެ.

ރިޔާސީ ނިޒާމު ދެމެހެއްޓުމަށް މުއިއްޒު ވާހަކަ ދެއްކެވިއިރު، އިންތިހާބުން ނާކާމިޔާބުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު އެމަނިކުފާނު ބޭއްވެވި ޕްރެސް ކޮންފެރެންސެއްގައި ވަނީ މި ދަނޑިވަޅުގައި ނިޒާމު ބަދަލު ކުރުން ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ކުރިއަށް އޮތް ފަސް އަހަރަށް ރައީސްއަކު އިންތިހާބުކޮށްފި، އެ ޖާގަ ހަނިވާ ގޮތަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުދެކެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ބޭނުން ވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ތިންވަނަ ހޯދި ޑިމޮކްރެޓްސް އިންނެވެ.

އެ ޕާޓީއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން އެމްޑީޕީގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން އެއިން ބައެއް މެމްބަރުން އެމްޑީޕީން ވަކިކުރަން ފެށުމުން، ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވެގެން އުފެއްދި ޕާޓީއެކެވެ.

މީގެ ކުރިން 2007، ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑު ކުރެއްވި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަޝީދުގެ ވެރިކަމުގައި ވެސް ބަރުލާމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަތަކެއް ދައްކަވާފައިވެ އެވެ.

އޭގެ ފަހުން 2018، ގައި ވެސް އެމްޑީޕީން ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ހުށަހެޅި މެނިފެސްޓޯގައި ދޮޅު އަހަރަށް ފަހު އެ ކަން ކުރުމަށް ހިމަނާފައިވެ އެވެ. ނަމަވެސް ކޯލިޝަން ޕާޓީތަކުގެ ތާއީދު ނުލިބުމުން ރައީސް ސޯލިހުގެ އެއިރުގެ ރިޔާސީ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.