Advertisement

ނިޒާމީ ވޯޓުގެ ސްޓޭންޑް ނިންމަން ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީސް މާދަމާ

2 އޮކްޓޯބަރު 2023 - 21:43 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން؛ ނިޒާމީ ވޯޓުގެ ސްޓޭންޑް ކަނޑައަޅަން ގައުމީ މަޖިލިސް އެއްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނިޒާމީ ވޯޓުގެ ސްޓޭންޑް ނިންމަން ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީސް މާދަމާ

2 އޮކްޓޯބަރު 2023 - 21:43 1

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައަޅަން ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން މާދަމާއަށް ތާވަލުކޮށްފި އެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި އިމާދުއްދީން ސްކޫލް ހޯލުގަ އެވެ.

ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދަނީ، އެމްޑީޕީން ވަކިވެގެން ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނެވެ.

އެކަމަށް ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރެއް ވެސް ވަނީ އެ ޕާޓީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ. 87 މެންބަރުން ތިއްބަވާ މަޖިލީހުގައި، 35 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެން ފާސްކުރި ގަރާރުގައި ވަނީ މި މަހު 30، ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ލިބުނު ނާކާމިޔާބީއަށް ފަހު، އެ ބުރު ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅި ޝަރުތަކީ ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. ނަމަވެސް ރައީސް ސޯލިހު ހުށަހެޅުއްވީ، މަޖިލީހުން ފާސްކުރި ގަރާރުގައި އޮތް ތާރީހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

ޑިމޮކްރެޓްސްއިން ހުށަހެޅި ޝަރުތުތަކާ އެއް ގޮތަށް ކަންކަން ނުދިޔުމުން ދެވަނަ ބުރުގައި އެ ޕާޓީން ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމި އެވެ.

ރައީސް ސޯލިހު މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި، އެމަނިކުފާނު ތާއީދުކުރައްވާނީ ރިޔާސީ ނިޒާމަކަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާސީ އާ ދައުރަކަށް ރައީސަކު އިންތިހާބުކޮށްފައިވަނިކޮށް، ވެރިކަން ކުރުމުގެ ޖާގަ ހަނިވާ ގޮތަށް ނިޒާމުގެ ވޯޓު ނެގުން ރަނގަޅެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓުގައި ޑިމޮކްރެޓްސްއަށް އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓު ވެސް މުހިންމުވާނެ ކަމަށް ބެލެވެ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،000 އެއްހާ ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ހަތް ޕަސެންޓެވެ.

މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.