2 އޮކްޓޯބަރު 2023 - 12:32 0
2 އޮކްޓޯބަރު 2023 - 12:32 0
ރޯމް (އޮކްޓޫބަރު 2) - ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް ބަދަލުވުމަށް ފަހު، މެޗަކަށް ފަހު މެޗެއްގައި ކުޅުން ރަނގަޅުކޮށް ރޮމެލޫ ލުކާކޫ ފޯމަކަށް އެޅޭތީ ރޯމާގެ ކޯޗު ހޯސޭ މޮރިނިއޯ ވަނީ ހިތްހަމަޖެހުން ފާޅުކޮށްފި އެެވެ.
ރޯމާ ވަނީ ރޭ ލުކާކޫ އާއި ލޮރެންޒޯ ޕެލެގްރީނީގެ ގޯލުތަކުން 2-0 އިން ފްރޮސިނޯނޭ ބަލިކޮށް، ލީގުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ. ލީގުގެ 12 ވަނައިގައި ރޯމާ އޮތީ ހަތް މެޗުންް އަށް ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗުގެ ކުރިން ރޯމާގެ ކޯޗު މޮރީނިއޯ އަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. އެއީ ފުރަތަމަ މެޗުތަކުން ނަތީޖާ ނެރުމުގައި އެ ދިމާވި މައްސަލަތަކާ ހެދި އެވެ. އެކަމަކު، މަޑުމަޑުން އެ ކަންކަމަށް ހައްލު އަންނަކަން މޮރީނިއޯ ވަނީ ފާހަގަކޮށްފަ އެވެ.
ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން މޮރީނިއޯ ވަނީ މި ފަހަރު އެ ޓީމާ ގުޅުނު ބެލްޖިއަމްގެ ފޯވާޑް ލުކާކޫ އަށް އަމާޒުވާ ފާޑުކިޔުންތަކާ އެކު ވެސް ޕްރޮފެޝަނަލް ވިސްނުމުގައި އޭނާ ކުރާ މަސައްކަތް ފާހަގަކޮށްފަ އެވެ.
ލީގުގެ ފުރަތަމަ ފަސް މެޗުން ތިން ގޯލު ޖަހައި ލުކާކޫ އަންނަނީ ރޯމާގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވަމުންނެވެ.
"ލުކާކޫ އަށް އެ ގޮތުގައި ކުރިއަށް ދެވޭނެ. އޭނާގެ ލެވަލް އަހަންނަށް އެނގޭ، އޭނާ އަށް ތަފާތު ދެއްކޭނެ،" ކުރިން ދެ ކްލަބެއްގައި ލުކާކޫއާ އެކު މަސައްކަތް ކުރި މޮރީނިއޯ ބުންޏެވެ.
އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ވަނީ 0-0 އިން އެއްވަރުވެފަ އެވެ. މި މެޗުން މޮޅުވެގެން، ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ޔުވެންޓަސް އޮތީ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އާއި ހަތަރެއްގައި އޮތް ޔުވެންޓަސް އަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ނަޕޯލީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާއި ދެ ވަނައިގައި އޮތް އޭސީ މިލާނަށް ހަތް މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. އިންޓަ އެއް ވަނަ މަގާމުގައި އޮތީ ލަނޑުގެ ތަފާތަށް ބަލާއިރު، ފައިދާ ގޯލު ގިނަވުމުންނެވެ.
Comment