Advertisement

އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމަށް ޖާގަ ހަނިވާ ގޮތަށް ނިޒާމާ ކުޅެން ގޯސް: ރައީސް

2 އޮކްޓޯބަރު 2023 - 12:22 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވޯޓުލައްވަނީ. ފޮޓޯ": އަބްދުﷲ އިޔާން/އަދަދު


އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމަށް ޖާގަ ހަނިވާ ގޮތަށް ނިޒާމާ ކުޅެން ގޯސް: ރައީސް

2 އޮކްޓޯބަރު 2023 - 12:22 0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ރިޔާސީ ދައުރުގެ ވެރިކަމުގެ ޖާގަ ހަނިވާ ގޮތަށް ވެރިކަމުގެ ނިޒާމާ "ކުޅުން" އެއީ ގޯހެއް ކަމަށް، ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 54 ޕަސެންޓު ވޯޓުންނެވެ. އިންތިހާބީ ރައީސް ވެރިކަމާ ހަވާލުވާން ޖެހޭނީ ނޮވެމްބަރު 17، ގަ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން، ރައްޔިތުންގެ މަޖިލީހުން ވަނީ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް މި މަހު 30، ގެ ކުރިން ނެގުމަށް ގަރާރެއް ފާސްކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ރައީސް ސޯލިހު ބާއްވަވާ ޕްރެސް ކޮންފެރެންސްގައި ވެސް ގިނަ ނޫސްވެރިންގެ ސުވާލުތައް އަމާޒުކުރީ އެ ކަމުގައި ރައީސްގެ ހިޔާލުފުޅު ވިދާޅުވެ ދެއްވުމަށެވެ.

ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ މީގެ ކުރިން މިދިޔަ ރިޔާސީ ޕްރައިމަރީގައި ވެސް ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް ދެއްކެވި ވާހަކަތަކުގެ ދެމި ހުންނެވި ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބުކޮށްފައިވަނިކޮށް އެ ޖާގަ ހަނިވާ ގޮތަށް ގާނޫނު އަސާސީގައި ހިމެނޭ ދައުލަތުގެ ބާރުތަކުގެ ބާބަށް ބަދަލު ގެނެސް ވެރިކަން ކުރުމުގެ ނިޒާމާ "ކުޅުން އެއީ ރަނގަޅު ގޮތެއް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ފަސް އަހަރަށް ރައީސްއަކު އިންތިހާބުކޮށްފި، އެ ޖާގަ ހަނިވާ ގޮތަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުދެކެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ 75 ޕަސެންޓު އަގުލަބިއްޔަތު ބޭނުންވެ އެވެ. އެ އަގުލަބިއްޔަތުން ވެސް އެ ވަރުގެ ބަދަލެއް ގެނެސް ތަސްދީގު ކުރައްވަން ބިލެއް އައިސްފި ނަމަވެސް ރައްޔިތުންގެ ވޯޓަކުން ނޫނީ ތަސްދީގު ނުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ބޭނުން ވަނީ ޑިމޮކްރެޓްސް އިންނެވެ.

އެ ޕާޓީއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން އެމްޑީޕީގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން އެއިން ބައެއް މެންބަރުން އެމްޑީޕީން ވަކިކުރަން ފެށުމުން، ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވެގެން އުފެއްދި ޕާޓީއެކެވެ.

މީގެ ކުރިން 2007، ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑު ކުރެއްވި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަޝީދުގެ ވެރިކަމުގައި ވެސް ބަރުލާމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަތަކެއް ދައްކަވާފައިވެ އެވެ.

އޭގެ ފަހުން 2018، ގައި ވެސް އެމްޑީޕީން ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ހުށަހެޅި މެނިފެސްޓޯގައި ދޮޅު އަހަރަށް ފަހު އެ ކަން ކުރުމަށް ހިމަނާފައިވެ އެވެ. ނަމަވެސް ކޯލިޝަން ޕާޓީތަކުގެ ތާއީދު ނުލިބުމުން ރައީސް ސޯލިހުގެ އެއިރުގެ ރިޔާސީ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.