2 އޮކްޓޯބަރު 2023 - 11:21 1
މުހައްމަދު އުޝާމް
ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު؛ އޭނާ ވިދާޅުވީ ނިޒާމީ ވޯޓުގެ ކަންކަން ގެންދާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް - ފޮޓޯ: މިރާން ނާޝިމް / އަދަދު
2 އޮކްޓޯބަރު 2023 - 11:21 1
ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން ކުރަމުންދާ މަސައްކަތްތައް ގެންދާނީ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތިން ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވީ "ނިޒާމީ ވޯޓުގެ ކަންކަމުގައި ޑިމޮކްރެޓުން ކުރިއަށްދާނީ ޕީޕީއެމް/ ޕީއެންސީގެ މަޝްވަރާގެ މަތީން" ކަމަށެވެ.
ހަސަން ލަތީފު އެހެން ވިދާޅުވެފައި މިވަނީ، އާ ރިޔާސީ ދައުރު ފެށުމަށް މަހެއްހައި ދުވަހަށް ވެފައިވަނިކޮށް އަދި ރައީސަކު އިންތިހާބުކޮށްފައިވަނިކޮށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ބައެއް ސިޔާސީ ލީޑަރުން ވިދާޅުވެފައި ވަނިކޮށެވެ.
އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 54 ޕަސެންޓު ވޯޓުންނެވެ. އިންތިހާބީ ރައީސް ވެރިކަމާ ހަވާލުވާން ޖެހޭނީ ނޮވެމްބަރު 17، ގަ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުންނާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން، ރައްޔިތުންގެ މަޖިލީހުން ވަނީ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް މި މަހު 30، ގެ ކުރިން ނެގުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
މި ވޯޓު ނެގިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވެ އެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވިދާޅުވެފައިވަނީ، އެ ވޯޓު ނެގި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށްގެން ނުވާނެ ކަމަށެވެ.
މި ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުން މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެ އެވެ. ޕީޕީއެމް/ޕީއެންސީން ވެސް ވަކި ސްޓޭންޑެއް އަދި ކަނޑަނާޅަ އެވެ. ކުރިން އެ ޕާޓީން ބުނެފައިވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގައި މައްސަލައެއް ނެތަސް މިހާރު އޮތް މުއްދަތު ރަނގަޅު ނޫން ކަމަށެވެ.
ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވުމުން އެ ކޮމިޝަނުން ވަނީ އެ ވޯޓު ކަރުދާހުގައި އޮންނަންވީ ސުވާލު ސާފު ނުވާ ކަމަށް ބުނެ މަޖިލީހަށް އެ ކަން އަންގައިފަ އެވެ. އެ މައްސަަލަ މިއަދު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވަކާލާތު ކުރަނީ ވެސް ޑިމޮކްރެޓްސް އެކަންޏެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ރިޔާސީ އިންތިހާބުގެ ތިންވަނަ ލިބުމުން، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޝަރުތު ކުރީ ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވޯޓު ނެގުމަށެވެ. އެ ގޮތަށް ނުގެންދިޔުމުން، ދެވަނަ ބުރުގައި އެ ޕާޓީން ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.
ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހު، ރިޔާސީ ޓިކެޓު ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އުފެދުނު ގިނަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީން ވަކިވެ ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޕާޓީއެކެވެ.
Comment