Advertisement

މެސީ އެދޭތީ މޮޑްރިޗް އިންޓަ މިއާމީ އަށް ގެނައުމުގެ މަސައްކަތް ބެކަމް ފަށައިިފި

2 އޮކްޓޯބަރު 2023 - 09:32 0


މެސީ އެދޭތީ މޮޑްރިޗް އިންޓަ މިއާމީ އަށް ގެނައުމުގެ މަސައްކަތް ބެކަމް ފަށައިިފި

2 އޮކްޓޯބަރު 2023 - 09:32 0

ފްލޮރިޑާ (އޮކްޓޯބަރު 2) - ލިއޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ އަށް، ރެއާލް މެޑްރިޑްގެ މިޑްފިލްޑަރު ލޫކާ މޮޑްރިޗް ގެނައުމަށް ކުލަބުގެ ވެރިން މަސައްކަތް ފަށައިފި އެވެ.

މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ އަކީ މިވަގުތު އެމެރިކާ ލީގުގައި އެންމެ މަޝްހޫރު ކުލަބުތަކުގެ ތެރޭގައި ހިމެނޭ އެއް ކުލަބެވެ. މެސީއާ އެކު އެ ކުލަބަށް ކުޅޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ކުރީގެ ދެ ތަރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ހިމެނެ އެވެ.

އެ ކުލަބުގެ މިހާރުގެ ވިސްނުން ހުރީ ރެއާލްގެ ތަރި މޮޑްރިޗްގެ ސޮއި ހޯދުމަށެވެ. މޮޑްރިޗް، 38، މިއާމީ އަށް ގެނައުމަށް ހިޔާލުދީފައިވަނީ ކެޕްޓަން މެސީ އެވެ. އެ ގޮތުން މޮޑްރިޗް ގެނައުމަށް އެކުލަބުގެ ވެރިން ގާތު މެސީ އެދިފައިވާކަމަށް ބެލެވެ އެވެ.

މެސީގެ އެދުމާ އެއްގޮތަށް އެ މަސައްކަތުގައި އިސްކޮށް އުޅެނީ އިންޓަ މިއާމީގެ އެއް ހިއްސާދާރު، ބެކަމް އެވެ. ބެކަމް އިސްވެ ހުރެ ހިންގަމުން އަންނަ އިންޓަ މިއާމީ އަށް މޮޑްރިޗް ގެނައުމަށްޓަކައި މަޝްވަރާތައް ވަނީ ފަށައިފަ އެވެ. އެ ގޮތުން މިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ބެކަމްވަނީ ކްރޮއޭޝިއާ އަށް ގޮސް މޮޑްރިޗްއާ ބައްދަލުކޮށްފަ އެވެ.

މޮޑްރިޗްް މިހާރު ކުޅެމުން އަންނަ ކުލަބު ރެއާލްާ އެކު އެކުލަބުން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. އިންޓަ މިއާމީ އިން މަސައްކަތް ކުރަމުން އަންނަނީ އަންނަ ޖެނުއަރީ ޓްރާންސްފާގައި މޮޑްރިޗްގެ ސޮއި ހޯދުމަށެވެ.

މޮޑްރިޗް ގެންދިޔުމުގެ މަޝްވަރާތައް ކުރުމުގެ ކުރިން އެކުލަބުން މިދިޔަ ޓްރާންސްފާގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ގެންނަން ވެސް މަސައްކަތްކުރި ކަމަށް އަޑުފެތުރުނެވެ.

އެމެރިކާގެ ލީގު ކަޕް ކާމިޔާބުކުރި އިންޓަ މިއާމީގެ ކެޕްޓަން މެސީ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ޓީމާ ދުރުގަ އެވެ. އެންމެ ފަހުން މިއާމީ ކުޅުނު ތިން މެޗުގައިވެސް އޭނާ ނުކުޅެ އެވެ.

އިންޓަ މިއާމީގެ ކޯޗު ޖެރާޑޯ މާޓީނޯ ބުނީ އެކުލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ އަނިޔާ އެއްކޮށް ރަނގަޅުނުވަނީސް އޭނާ ދަނޑަށް ނެރެން ބޭނުން ނުވާކަމަށެވެ.