Advertisement

ނިޒާމީ ވޯޓުގެ މައްސަލަ އެޖެންޑާކޮށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

1 އޮކްޓޯބަރު 2023 - 15:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތާއި އިދާއީ އިސް މުވައްޒަފުން؛ ނިޒާމީ ވޯޓުގެ މައްސަލަ އެޖެންޑާކޮށް މާދަމާ ޖަލްސާއެއް ބާއްވަނީ - ފޮޓޯ: މަޖިލީސް


ނިޒާމީ ވޯޓުގެ މައްސަލަ އެޖެންޑާކޮށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

1 އޮކްޓޯބަރު 2023 - 15:00 0

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވާފައިވާ މައްސަލަ އެޖެންޑާކޮށް، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ޖަލްސާގެ އެޖެންޑާގައި އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެންބަރުން އިތުރުވުން ހިފެހެއްޓުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ބިލާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލު ވެސް ހިމެނެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30، ގެ ކުރިން ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އެ ވޯޓުގެ ކަރުދާހުގައި ބަޔާން ކުރަންވީ ސުވާލާއި، ނިޒާމުތަކުގެ އޮނިގަނޑާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ބައްޓަންކުރަންވީ ގޮތާ ގުޅޭ މައުލޫމާތުތައް ދިނުމަށް އީސީން މަޖިލީހުގައި އެދިފައިވެ އެވެ.

ފެންނަ ނުފެންނަ ވޯޓު ނެގުމަށް ގޮވާލައި ގަރާރެއް ހުށަހެޅުއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ހުށަހެޅުއްވި އެ ގަރާރު މަޖިލިހުން ފާސްކުރީ ޑިމޮކްރެޓްސްގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ޕާޓީކަމަށްވާ އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ވޯޓުންނެވެ. ގަރާރު ފާސްކުރަން 35 މެންބަރުން ވޯޓު ދެއްވިއިރު، ފާސްނުކުރަން މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ޑިމޮކްރެޓްސް އިން ވަކާލާތު ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުވެ، ޕާޓީތަކުން ކޯލިޝަން ހަދަން ޖެހިފައި ވާއިރު ކޯލިޝަން ހެދުމަކީ ބަރުލަމާނީ ސިފަޔަކަށް ވުމެވެ.

ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ސަރުކާރާ ދެކޮޅަށް ޕާޓީގައި ތިބެގެން މަސައްކަތް ކުރަން ފެށުމުން އެމްޑީޕީން ވަކިކުރާނެ ކަން އެނގުމުން، އެމްޑީޕީން ވަކިވެ ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޕާޓީއެކެވެ.

މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.