Advertisement

ސާޖިއޯ ރާމޯސް ބައިކޮޅަށް ޖެހި ގޯލުން ބާސެލޯނާ މޮޅުވެއްޖެ

30 ސެޕްޓެންބަރު 2023 - 09:59 0


ސާޖިއޯ ރާމޯސް ބައިކޮޅަށް ޖެހި ގޯލުން ބާސެލޯނާ މޮޅުވެއްޖެ

30 ސެޕްޓެންބަރު 2023 - 09:59 0

ބާސެލޯނާ (ސެޕްޓެމްބަރު 30) - ސެވިއްޔާގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަތް ގޯލުން ބާސެލޯނާ މޮޅުވެ ލަލީގާ ތާވަލްގެ އެއް ވަނަ އަށް ވަގުތީގޮތުން ޖެހިލައިފި އެވެ.

ލީގުގައި ރޭ ސެވިއްޔާ އަތުން 1-0 އިން ބާސެލޯނާ ހޯދި މޮޅާ އެކު އެ ޓީމަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ 19 ޕޮއިންޓް ލިބިފައިވާ ޖިރޯނާ އެވެ. ތިން ވަނައިގައި އޮތީ 18 ޕޮއިންޓް ލިބިފައިވާ ރެއާލް މެޑްރިޑެވެ. މި ދެ ޓީމް މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ އަށް ޖެހިލެވެނޭ އެވެ.

ބާސެލޯނާ އާއި ސެވިއްޔާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފޯވާޑް ޔާއޯ ފެލިކްސް އަށް ގޯލެއް ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. ޔާއޯ ކާންސެލޯ ދިން ޕާހަކުން ފެލިކްސް ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ. މެޗުގައި ބާސެލޯނާ އަށް އިތުރު ގޮންޖެހުންތައް ކުރިމަތިވީ ފޯމުގައި ކުޅެމުން އައި އެޓޭކަރު ރަފީނިއާ އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނު ހިސާބުންނެވެ.

މެޗުގެ ހަމައެކަނި ގޯލު ރާމޯސް އަތުން ބައިކޮޅަށްވަނީ މެޗުގެ 76 ވަނަ މިނެޓުގަ އެވެ. ބާސެލޯނާގެ ޒުވާން އެޓޭކަރު ލަމިން ޔަމާލް ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވަނީ ރާމޯސްގެ ފައިގައި ޖެހިފަ އެވެ.

ބާސެލޯނާއާ ދެކޮޅަށް މި މެޗުގައި ރާމޯސް ކުޅުމާ އެކު އޭނާވެފައި ވަނީ އެ ކުލަބާ ދެކޮޅަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށެވެ. ރާމޯސް، 37 ވަނީ ބާސެލޯނާއާ ދެކޮޅަށް 34 މެޗު ކުޅެފަ އެވެ.

މި މެޗުގައި އެންމެ ބޮޑަށް ފާހަގަވި އަނެއްކަމަކީ ސެވިއްޔާގެ މެނޭޖްމަންޓުގެ އެއްވެސް މީހަކު މެޗު ބެލުމަށް "ވީއައިޕީ" ބޮކްސްއަށް ނުދިޔުމެވެ. މިއީ ރެފްރީންނަށް ރިޝްވަތު ދިންކަމަށް ތުހުމަތުކޮށް، ބާސެލޯނާއާ ދެކޮޅަށް ތަހުގީގުތަކެއް ކުރިއަށްދާތީ އެކުލަބާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ސެވިއްޔާގެ މެނޭޖްމަންޓުން ނިންމި ނިންމުމެކެވެ.

ބާސެލޯނާގެ މައްސަލަ ޔުއެފާއިން ވެސް ތަހުގީގުކުރަމުން އަންނައިރު، ބާސެލޯނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.