29 ސެޕްޓެންބަރު 2023 - 21:19 0
މިއަދުގެ އިވެންޓަށް ފަހު މިންހާލް: މަހެއްގެ ތެރޭގައި ބޮޑު ދެ ގޭމްސްގައި މި ވަނީ ޖޫނިއާ ގައުމީ ރެކޯޑް މުގުރާލައިފައި.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
29 ސެޕްޓެންބަރު 2023 - 21:19 0
ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކޮށް، މުހައްމަދު މިންހާލް ޝާމިން (މިންކޮ)، ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި އެވެ.
މިންކޮ، މި ވަނީ ޖެހިޖެހިގެން ދެ ގޭމްސްގައި މި ރެކޯޑް މުގުރާލައިފަ އެވެ.
އެ ގޮތުން، މި މަހު ކުރީކޮޅު މަޑަގަސްކަރާގައި ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުގައި، އޮގަސްޓް 29 ވަނަ ދުވަހު ވާދަކޮށްގެން މިންކޮ ރެކޯޑް ހެދި ޓައިމިން އަކީ 10.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ފަހަރު އޭނާ ދިޔައީ ހީޓުގެ ހަ ވަނަ އެވެ.
މިއަދު އޭޝިއަން ގޭމްސްގައި މިންކޮ ރޭސް ނިންމި ޓައިމިން އަކީ 10.82 ސިކުންތެވެ. މިންހާލް ދިޔައީ ހީޓުގެ ހަތް ވަނަ އެވެ. އެ ހީޓުގެ އެއް ވަނަ ހޯދި މެލޭޝިއާގެ ބިން މުހައްމަދު ފަހުމީގެ ޓައިމިން އަކީ 10.28 ސިކުންތެެވެ.
މިންހާލް (ވ) މިއަދުގެ ރޭހުގައި ދުވަނީ: އޭނާ އަކީ ރާއްޖޭގައި އެންމެ ހަލުވި މިނެއްގައި ކުރިއެރުން ހޯދަމުން އަންނަ އެއް ސްޕްރިންޓަރު.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މިންހާލްގެ ކުރިން މި ރެކޯޑް އޮތީ 2021 ވަނަ އަހަރުގެ ނެޝަނަލް ޗެމްޕިއަންޝިޕްގައި ރެކޯޑް ހެދި އިބާދުﷲ އާދަމް އެވެ. އިބާދުﷲ ރެކޯޑް ހެދީ 10.95 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިންހާލް އަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އެތުލީޓެކެވެ. މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް މިންހާލް ވަނީ ވާދަކޮށްފަ އެެެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު، 100 މީޓަރު ދުވުމުގައި ދުވި ހީޓުގައި ދިޔައީ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ 10.71 ސިކުންތެވެ. އެ ހީޓުގެ އެެއް ވަނަ ދިޔަ އިންޑޮނީޝިއާގެ ޒޮހްރީ ލާލް މުހައްމަދުގެ ޓައިމިން އަކީ 10.22 ސިކުންތެވެ.
Comment