Advertisement

ބޯހިޔާވަހިކަމުގެ މައްސަލައަށް ކުރީގެ ސަރުކާރުން ވީ އިހުމާލު, މި ސަރުކާރުން ދިނީ ހައްލު: ރައީސް ސޯލިހު

28 ސެޕްޓެންބަރު 2023 - 23:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކެމްޕޭނު ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ރައީސް ވަނީ މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމަށް ވެފައި ހުރި އިހުމާލުތައް ހަނދާން އައު ކޮށްދީފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ބޯހިޔާވަހިކަމުގެ މައްސަލައަށް ކުރީގެ ސަރުކާރުން ވީ އިހުމާލު, މި ސަރުކާރުން ދިނީ ހައްލު: ރައީސް ސޯލިހު

28 ސެޕްޓެންބަރު 2023 - 23:45 0

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް މީގެ ކުރީގެ ސަރުކާރުން ވެފައި އޮތް އިހުމާލުތަކަށް ހައްލު ހޯދައިދެއްވީ އަދި ހޯދައިދިނުމަށް މަސައްކަތް ކުރަނީ ވެސް މިހާރުގެ ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕޭނުގައި ވަރަށް ބާރުލާފައި މާލެ ރައްޔިތުންގެ ބޯހިޔާވަކަމުގެ ވާހަކަދައްކަވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެކަން ގަބޫލު ކުރަން ތާރީހު ތަންނުދޭ ކަމަށެވެ.

"ކިހިނެއްތޯ އަޅުގަނޑުމެންނަށް އެކަން ގަބޫލު ކުރެވޭނީ؟، ޝާހިދު އެވިދާޅުވިހެން ގުޅިފަޅުން ކުރީ ސަރުކާރުން ދޫކޮށްފައި ހުރި ފުލެޓުތަކަށް ފައިސާ ދައްކާފައި ހުއްޓާ، 24 ގަދިއިރު ތެރޭގައި އެތަނަށް ފުލުހުން އަރުވާފައި މީހުން ބޭރުކޮށްލީ،" ރައީސް ނަޝީދުގެ ވެެރިކަމުގައި ގުޅީފަޅުން ދެއްވި ފުލެޓުތަކަށް ވެގެންދިޔަ ގޮތް ހަނދުމަކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކުޑަމިނުން އެމީހުން އެތަންތަނަށް ދެއްކި ފައިސާ ވެސް އެމީހުންނަށް ނުދޭ ކަމަށާއި އެމީހުން މަގުމަތި ކޮށްލި ކަމަށެވެ. އެކަން ވެސް ހައްލު ކުރާން ޖެހުނީ މި ސަރުކާރުން ކަމަށް ވިދާޅުވެ ރައީސް ދެއްވީ އޭރު ވެފައި ހުރި އިހުމާލުތަކުގެ ލިސްޓެކެވެ.

ސީލައިފްގެ މައްސަލައާއި ޖާހު ގާޑަންގެ ވާހަކައިގެ އިތުރުން ކޭޕާކު މައްސަލައާއި ގާކޮށްޓާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި ފުލެޓުތަކަށް ހެދި ގޮތުގެ މައްޗަށް ރައީސް ސޯލިހު އަލިއަޅުއްވައިލެއްވި އެވެ.

"ސީ ލައިފްގެ މައްސަލަ، ޖާހު ގާޑަން ކިޔާ ތަނަކަށް އިމާރާތްކޮށްފައި ހަވާލު ކުރަން ބުނި ފުލެތުތަކުގެ ވާހަކަ، ކޭ ޕާކުގެ މައްސަލަ، ގާކޮށްޓާއި އަރަބިއްޔާގައި ހުރި ފުލެތުތަކަށް ހަދާފައި ހުރި ގޮތް، މިހުރި ހުރިހާ ކަމެއް މިއީ ރައްޔިތުންނަށް ބޮޑު އުނދަގުލަކާ ކުރިމަތި ލާން ޖެހުނު ކަންތައްތައް، މި ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަންނަނީ ހައްލު ހޯދައިދެމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސީލައިފްއިން ފުލެޓު ގަތުމަށް އެޑުވާންސްކޮށް ފައިސާ ދެއްކި މީހުންނަށް އެތަންތަން ނުލިބި ވީނުވީއެއް ނޭނގި ތިބިކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެޑުވާންސްގެ ގޮތުގައި އެމީހުން ދެއްކި ފައިސާ ސަރުކާރުގެ މާލިއްޔަތުން އޭރުގެ އެޗްޑީސީއަށް ހަވާލުކޮށް އެ ފައިސާ ދިނުމަށްފަހު ސީލައިފުން ފުލެޓު ލިބޭނެކަމުގެ ޔަގީކަން ދީފައިވާ މީހުންނަށް ފުލެޓުތައް ލިބޭނޭ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހުގައި އެ ދެއްކި އެޑުވާންސް ފައިސާ ސަރުކާރުގެ މާލިއްޔަތުން އެޗްޑީސީއަށް އޭރު ހަވާލުކޮށް އެ ފައިސާ ދިނުމަށްފަހުގައި ސީލައިފަށް ފުލެތު ލިބޭނެކަން ޔަގީންކަން ދީފައިވާ ފަރާތްތަކަށް ފުލެތު ލިބޭނެގޮތް އަޅުގަނޑުމެން މިދަނީ ހަދައިދެމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖާހު ގާޑަން އިން ފުލެޓު ގަތް ފަރާތްތަކުން ވެސް މިފަހުން އެމަނިކުފާނާ ބައްދަލު ކުރި އެވެ. އެތަނަށް ދައްކަންޖެހޭ އެޑުވާންސް ފައިސާ ދެއްކުމަށްފަހުގައި އެތަނަށް ނުވަދެވިގެން އުޅޭކަމުގެ ޝަކުވާ އެމީހުން ކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަމަށް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހައްލު ހޯދައިދޭނަން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އާބަންކޯއިން އެތަން ނިންމައި އެތަނުން ފުލެޓު ދޭން ލިޔުން ދީފައި އޮތް ހުރިހާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަވާލުކޮށްދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޭޕާކު މައްސަލައިގައި ވެސް އެއް ފުލެޓަކަށް އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށާއި އެމީހުންނަށް ވެސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އެއަށް ވެސް ގޮތެއް ހޯދުމަށްޓަކައި މަޝްވަރާ ކޮށްފައި މިއޮތީ، އިރާދަކުރެއްވިއްޔާ މި ޖާހު ގާޑަންގައި އެ ފުލެތުތަކަށް ލިބިފައި ތިބި ރައްޔިތުންނަށް ދޭނެކަމަށް ވައުދުވެފައި ހުރި ގޮތަށް އާބަންކޯއިން އެކަމާ ހަވާލުވެ އެތަން ވެސް ނިންމައި ކޭޕާކަށް އެ ފުލެތުތައް ކަށަވަރުވެފައި ހުރި ފަރާތްތަކަށް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އަދި އެ މައްސަލައިގައި އިންސާފު ހޯދުމަށްޓަކައި ޝަރީއަތަށް ދިޔަ މީހުންގެ އަތުން ހަރަދުވި ފައިސާ ވެސް އަނުބުރާ އެމީހުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި އެވެ.

އެ ވާހަކަތަކަށްފަހު ރައީސް ވަނީ ގާކޮށްޓާއި އަރަބިއްޔާގައި އިމާރާތް ކުރި ފުލެޓުތައް ދިނުމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަނޑައެޅި އަގުތައް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ބޮޑު ކުރެއްވި ކަން ވެސް ހަނދުމަކޮށްދެއްވައިފަ އެވެ. އަދި އެކަމަށް ވެސް ހައްލު ހޯދައިދިނުމަށްޓަކައި އެތަންތަނުން ފުލެޓުތައް ލިބުނު މީހުންނާ މަޝްވަރާ ކުރުމަށްފަހު އެއްވަސްވުމަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެހެން ހުރި ދަތި އުނދަގޫ ކިތަންމެ ކަމަށް މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހައްލު ގެނެސްދީފައި ވާނެ ކަމަށެވެ.