Advertisement

މާސޭގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި

28 ސެޕްޓެންބަރު 2023 - 22:15 0


މާސޭގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި

28 ސެޕްޓެންބަރު 2023 - 22:15 0

މާސޭ، ފްރާންސް (ސެޕްޓެމްބަރު 28) - މައްސަލަތައް ބޮޑުވެފައި އޮތް ފްރާންސްގެ މާސޭގެ ކޯޗަކަށް އިޓަލީގެ ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ ހަމަޖައްސައިފި އެވެ.

މާސޭގެ އާ ކޯޗަކަށް ގަޓޫސޯ މި ހަމަޖެއްސީ އެ ޓީމުގެ ކޯޗުކަމުން މާސެލީނިއޯ ގާސިއޯ އިސްތިއުފާ ދިނުމުންއެވެ. މާސެލީނިއޯ މަގާމުން އިސްތިއުފާ ދިނީ އެންމެ ހަތް މެޗުގައި އެ ޓީމަށް އިރުޝާދު ދިނުމަށް ފަހު އެވެ. މާސޭ އޮތީ ފްރާންސް ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ.

އިޓަލީގެ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، ކުޅުމުގެ ކެރިއަރުގެ ބޮޑު ބައެއް އޭސީ މިލާންގައި ހޭދަކުރި ގަޓޫސޯ އެންމެ ފަހުން ހުރީ ސްޕެއިންގެ ވެލެންސިއާގެ ކޯޗަކަށެވެ. އޭގެ ކުރިން އޭނާ ވަނީ މިލާނާއި ނަޕޯލީގެ ކޯޗުގެ މަގާމު އަދާކޮށްފަ އެވެ.

"ވަރަށް އުފާވެއްޖެ މާސޭ އިން ފުރުސަތު ލިބުނީމަ. މި ކްލަބާއި ސްޓޭޑިއަމް އަކީ އަހަންނަނަށް އާ ތަންތަނެއް ނޫން. އަހަރެން މި ދަނޑުގައި ކުޅުނު. މާސޭގެ ސަޕޯޓަރުންނަކީ ވަރަށް ފޯރީގައި އެ ޓީމުގެ ފަހަތުގައި ތިބޭ ބައެއް،" ގަޓޫސޯ ބުންޏެވެ.

ގަޓޫސޯ މާސޭގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމުގެ ތެރޭގައި އޮތީ މައްސަލަތައް ބޮޑުވެފަ އެވެ. މާސެލީނިއޯ މަގާމުން އިސްތިއުފާ ދިނުމާ އެކު ސަޕޯޓަރުންގެ މަންދޫބުންނާއި ކްލަބުގެ މެނޭޖްމަންޓް ބޭއްވި ބައްދަލުވުންތައް ހޫނުވެ، ސަޕޯޓަރުންގެ މަންދޫބުން މާސޭގެ ރައީސް އާއި ބޯޑު މެމްބަރުންގެ އިސްތިއުފާ އަށް ޑިމާންޑްކޮށްފަ އެވެ.