Advertisement

ކުޅުދުއްފުށީގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި، ޓްރަޔަލް ޕީރިއަޑުގައި ހިލޭ ދަތުރުކުރެވޭނެ

28 ސެޕްޓެންބަރު 2023 - 09:45 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކުޅުދުއްފުށީގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި، ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ -- ފޮޓޯ:އެމްޓީސީސީ


ކުޅުދުއްފުށީގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި، ޓްރަޔަލް ޕީރިއަޑުގައި ހިލޭ ދަތުރުކުރެވޭނެ

28 ސެޕްޓެންބަރު 2023 - 09:45 0

ހދ. އަތޮޅުގެ ވެރިކަން ކުރާ ކުޅުދުއްފުށި ސިޓީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފަށައިފި އެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފަށްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނީ އާރުޓީއެލްގެ އެހެން ހިދުމަތްތަކެކޭ އެއްފަދައިން ކުޅުދުއްފުށީގައި ވެސް ޓަރަޔަލް ޕީރިއަޑް ނިމެންދެން ބަހުގެ ހިދުމަތް ދޭނީ ހިލޭ ކަމަށެވެ. ނަމަވެސް ވަކި މުއްދަތެއް އެ ކުންފުނިން ނުބުނެ އެވެ.

ކުޅުދުއްފުށީގައި މި ހިދުމަތް ހިލޭ ފޯރުކޮށްދޭ މުއްދަތު ހަމަވުމުން، އާރްޓީއެލް އެޕް މެދުވެރިކޮށް ބަހުގެ ޓިކެޓް ގަނެވޭނެ އެވެ. އަދި ފުރަތަމަ ހަފްތާއަށް ފަހުގައި ވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ސްކޫލް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، 65 އަހަރުން މަތީގެ މީހުންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހއ. ދިއްދޫ އަދި ލ. އަތޮޅުގަ އެވެ.