Advertisement

ފުރުސަތުގެ ބޭނުންހިފައި ޖިރޯނާ އާއި ރެއާލް ކުރިއަށް

28 ސެޕްޓެންބަރު 2023 - 09:22 0


ފުރުސަތުގެ ބޭނުންހިފައި ޖިރޯނާ އާއި ރެއާލް ކުރިއަށް

28 ސެޕްޓެންބަރު 2023 - 09:22 0

މެޑްރިޑް (ސެޕްޓެމްބަރު 28) - ސްޕެނިޝް ލީގުގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުން މޮޅުނުވެވުމުން ލިބުނު ފުރުސަތުގެ ބޭނުންހިފައި ޖިރޯނާ އާއި ރެއާލް މެޑްރިޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

މަޔޯކާ އާއި ބާސެލޯނާ ކުޅުނު މެޗު އެއްވަރުވުމުން، ރޭގެ މެޗުތަކުން މޮޅުވެގެން ޖިރޯނާ އާއި ރެއާލަށް ފައިދާނަަގަން ފުރުސަތު އޮތީ ހުޅުވިފަ އެވެ. ރެއާލުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ލަސް ޕަލްމާސް ބަލިކޮށްފަ އެވެ. ޖިރޯނާ އިން ރަށުންބޭރުގައި ވިޔަރެއާލް އަތުން މޮޅުވީ 2-1 އިންނެވެ.

މި ނަތީޖާތަކާ އެކު ޖިރޯނާ އެއް ވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ހަތް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

ޑަނީ ޕަރޭހޯގެ ޕެނަލްޓީން ވިޔަރެއާލް ލީޑުނަގާފައިވަނިކޮށް ޖިރޯނާ އިން ނަތީޖާ އަނބުރާލީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އާޓެމް ޑޮވްބީކް އާއި ކުރިން މެންޗެެސްޓާ ސިޓީ އާއި ބާސެލޯނާ އަށް ކުޅުނު އެރިކް ގާސިއާ އެވެ.

ލަސް ޕަލްމާސް އަތުން ރެއާލް މޮޅުވި މެޗުގައި އެ ޓީމަށް ލީޑުނަގައިިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރަހިމް ޑިއާޒް އެވެ. ޑިއާޒް ޖެހި ބޯޅަ ލަސް ޕަލްމާސް ކުޅުންތެރިއަކު ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ރެއާލުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ރޮޑްރީގޯ ނަގައިިދިން ބޯޅަ އަކުން ހޮސޭލޫ ބޮލުންނެވެ. ލަނޑު ޖަހާނެ އިތުރު ފުުރުސަތުތައް މި މެޗުގައި ރެއާލަށް ލިބިގެންދިޔައިރު، އެ ޓީމަށް ބޭނުމެއް ނުކުރެވުނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯ އާއި ގެޓަފޭ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ވެލެންސިއާ ދަނޑުގައި 1-0 އިން ރެއާލް ސޮސިއެޑާޑް ވަނީ މޮޅުވެފަ އެވެ.