Advertisement

ލީގު ކަޕް: ލިވަޕޫލާއި އާސެނަލް އަނެއް ބުރަށް، ސިޓީ ކަޓައިފި

28 ސެޕްޓެންބަރު 2023 - 09:08 0


ލީގު ކަޕް: ލިވަޕޫލާއި އާސެނަލް އަނެއް ބުރަށް، ސިޓީ ކަޓައިފި

28 ސެޕްޓެންބަރު 2023 - 09:08 0

ލަންޑަން (ސެޕްޓެމްބަރު 28) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލިވަޕޫލާއި އާސެނަލް އަނެއް ބުރުން ފުރުސަތު ހޯދިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ، މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފި އެވެ.

ލިވަޕޫލުން ވަނީ ފަހަތުން އަރައި 3-1 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. އާސެނަލުން ވަނީ ބްރެންޓްފޯޑް ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ.

ނިއުކާސަލް އިން އަމިއްލަ ދަނޑުގައި ކުޅެ ސިޓީ ބަލިކުރިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅުގައި ކާމިޔާބުކުރީ އަލެކްސަންޑަ އިސާކް އެވެ. ގިނަ ބަދަލުތަކެއް ގެނެސްގެން ސިޓީން ކުޅުނު މި މެޗުގައި އެ ޓީމަށް ގޯލު ޖަހާނެ މާގިނަ ފުރުސަތުތަކެއް ލިބިފައިނުވެ އެވެ.

ލިވަޕޫލް ދަނޑުގައި ރޭގެ މެޗުގެ ތިން ވަނަ މިނިޓްގައި ކައުންޓަ އެޓޭކަކުން ލެސްޓާގެ ގޯލު ޖެހީ ކޭސީ މެކްއަޓީއާ އެވެ. ފުރަތަމަ ހާފުގައި ލެސްޓާ އިން ލީޑުގައި އޮވެ ނިންމާލި ނަމަވެސް ދެ ވަނަ ހާފުގައި ލިވަޕޫލް ވަނީ ތިން ގޯލު ޖަހައިފަ އެވެ. ކޯޑީ ގަކްޕޯ ލިވަޕޫލަށް އެއްވަރުކޮށްދިން ގޯލު ޖެހިއިރު، ލިވަޕޫލުން ލީޑުނެގީ އޭރިއާބޭރުން ޑޮމިނިކް ސޮބޯސްލާއި ޖެހި މޮޅު ގޯލުންނެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ލިވަޕޫލްގެ ފަހު ގޯލު ޖެހީ ޑިއޯގޯ ޖޮޓާ އެވެ.

ބްރެންޓްފޯޑް އަތުން އާސެނަލް މޮޅުކޮށްދިން ގޯލު ޖެހީ ރީސް ނެލްސަން އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ މި މެޗުގައި ގިނަ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ.

ގިނަ މެޗުތަކަކުން ބަލިވާތީ ފޯމު ގެއްލިފައި އޮތް ޗެލްސީން ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ދެ ވަަނަ ހާފުގައި ޖެކްސަން މާޓީނޭޒް ޖެހި ގޯލުން ޗެލްސީ މޮޅުވި މި މެޗަކީ އެ ޓީމުގެ ސީޒަން ބަދަލުކޮށްލެވިދާނެ ފަދަ ނަތީޖާއެއް ކަމަށް މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެސްޓަން ވިލާ ދަނޑުގައި އެވަޓަން ވަނީ 2-1 އިން މޮޅުވެފަ އެވެ. ލިންކޮން ސިޓީ ދަނޑުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވިއިރު، ފުލަމް އިން ނޯވިޗް ބަލިކުރީ 2-1 އިންނެވެ.