27 ސެޕްޓެންބަރު 2023 - 22:25 0
ސާއިފް ޝިޔާދު
27 ސެޕްޓެންބަރު 2023 - 22:25 0
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލުކުރީ މި ސަރުކާރުން ކަމަށާއި ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއް ވެސް ބޭރުގެ ފަރާތްތަކަށް ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ކުރަމުންދާ ކެމްޕޭނުގެ ތެރެއިން ގދ. ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބި ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ ކަމަށް އިދިކޮޅުން ބުނަމުންދާ ވާހަކަތަކަށް އަނެއްކާ ވެސް ރައްދު ދެއްވާފަ އެވެ.
"ރާއްޖޭގެ އަތޮޅެއް ވިއްކާލަން ގާނޫނު އަސާސީއަށް ގެނައި ބަދަލުކުރީ މި ސަރުކާރު ވެރިކަމަށް އައިސް. ވެރިކަމުގައި ތިބިހާ ދުވަހަކު މިއަދަކު މި ރާއްޖޭގެ އެންމެ އިންޗިއެއް ވެސް އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް މިލްކެއް ނުކުރެވޭނެ. އެ ޔަގީންކަން އަޅުގަނޑު އަރުވަން," އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން, ފަސް އަހަރު ނިމިގެންދާއިރު މިނިވަން ކަމަކަށް ވެސް އެއްވެސް ބުރުލެއް ނާރާއިރު މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީގައި ވެސް ރާއްޖެ ވިއްކާލަން އޮތް ކަމަށް ބުނެ ދެއްކި ދޮގު ވާހަކަތަކުން ވެސް ވޯޓުތަކެއް ގެއްލުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ހިތަކަށް ނާރާ ވެރިކަން ކޮށްފައި ތިބި ބަޔަކު އަދި ކުރަން އުންމީދުކުރާ ބަޔަކު ނުކުމެ މިފަދަ ބުހުތާނު ދޮގު ވާހަކަތަކެއް ރައްޔިތުންގެ ކުރިމަތީގައި ދައްކާނެއެކޭ. އޮޅުވާލައިގެން ވެރިކަމަށް އަންނަން އުޅޭނެޔޭ. އެހެން ނަމަވެސް ރައްޔިތުންނަށް އޮޅުވާލައިފި," ރައީސް މިރޭ ވިދާޅުވި އެވެ.
އެ ހަގީގަތްތައް ހާމަކުރަން ޖެހޭ ކަމަށާއި މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީ ހާމަނުކުރެއްވީ އެއް ގައުމެއްގެ ވެރިޔަކު އަނެއް ގައުމެއްގެ ވެރިޔަކަށް ފޮނުއްވާ ސިޓީ ހާމަކުރުމަކީ އަމަލުކުރާ ގޮތް ކަމަށް ނުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމީ ސަލާމަތާ ބެހޭ ކަމެއް އޮތް ކަމަށްވާނަމަ 241 ކޮމިޓީއާ އެފަދަ ސިޓީތައް ހިއްސާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބުކުރުމަށް ޑިމޮކްރެޓްސްގެ ތާއީދު މުހިންމު ކަމަށާއި ފުރަތަމަ ބުރުގެ ނަތީޖާއިން އެކަން ހާމަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެމްޑީޕީއާ ޑިމޮކްރެޓްސް އެއްވީމާ ޕީޕީއެމަށް ވުރެ ގިނަ. ދެބައި މީހުން އެކަނި އެއްވީމާ މިއޮތީ ބޮޑުތަނުން ކާމިޔާބުވެފައި. މިއީ 30 ސެޕްޓެމްބަރުގައި މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭ އެންމެ ބޮޑު ސަބަބަކީ," ރައީސް ވިދާޅުވި އެވެ.
ތިނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދައިދީ އެ ރަށުގެ ބިން ވެސް ހިއްކައި އިތުރު ކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން, ވެފައިވާ ވައުދާ އެއްގޮތަށް ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނެ ބިން ވެސް ހިއްކާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Comment