Advertisement

އެންތަނީގެ މައްސަލަ އިނގިރޭސި ފުލުހުން ވެސް ބަލާނެ

28 ސެޕްޓެންބަރު 2023 - 08:54 0


އެންތަނީގެ މައްސަލަ އިނގިރޭސި ފުލުހުން ވެސް ބަލާނެ

28 ސެޕްޓެންބަރު 2023 - 08:54 0

މެންޗެސްޓާ (ސެޕްޓެމްބަރު 28) - ގެވެށި އަނިޔާގެ ތުހުމަތެއް އަމާޒުވެފައިވާ ބްރެޒިލްގެ ވިންގް، އެންތަނީގެ މައްސަލަ މެންޗެސްޓާ ސަރަހައްދުގެ ފުލުހުން ވެސް ބަލާނެ ކަމަށް އިއުލާނުކޮށްފި އެވެ.

އެންތަނީގެ ލޯބިވެރިޔާ، ގަބްރިއެލާ ކަވަޔީން ތުހުމަތުކުރާގޮތުގައި މެންޗެސްޓާ ސަރަހައްދުގެ ހޮޓަލެއްގެ ތެރެއިން އެންތަނީ ވަނީ ގަބްރިއެލާ އަށް ހަމަލާދީފަ އެވެ. ގަބްރިއެލާ ތުހުމަތުގައިވާ ގޮތުން މާރާމާރީ ހިންގުމުގެ އިތުރުން އޭނާ އަށް އެންތަނީ ވަނީ އިންޒާރު ވެސް ދީފަ އެވެ.

ގަބްރިއެލާ އަށް އެންތަނީ ކުރި އަނިޔާތަކާ ބެހޭ ތަފްސީލެއް ބްރެޒިލްގެ ނޫހެއް ކަމަށްވާ ޔޫއޯއެލް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ގަބްރިއެލާގެ މި ތުހުމަތުތައް އަމާޒުވިއިރު، އެންތަނީ އޭރު ހުރީ ބްރެޒިލް ޓީމާ އެކު އެވެ. އެކަމަކު، މި މައްސަލަ ފެންމަތިވުމާ އެކު، ފުލުހުން ކަންކަން ތަހުގީގުކުރަން ފެށި ހިސާބުން ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވަނީ އެންތަނީ ޓީމުން ބާކީކުރުމަށެވެ.

އެންތަނީ، 23، ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ދިފާއުގައި ހުށަހަޅާފައިވާ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރާނެ އެވެ. ކްލަބުން ދިން ޗުއްޓީއެއްގައި ބްރެޒިލްގައި ހުރުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު ވަނީ އިންގްލެންޑަށް އަތުވެފަ އެވެ. އެއީ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެންތަނީގެ މައްސަލަ ބަލާނީ ގްރޭޓާ މެންޗެސްޓާ ޕޮލިހުންނެވެ. އެންތަނީ ވަނީ އޭނާގެ ފޯނު ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުން އެ މައްސަލަ ބެލުމަށް ފަހު، ކަނޑައަޅާ ކަންތައްތަކަށް ބަލައި، ޔުނައިޓެޑުން ވެސް މި މައްސަލަ ކްލަބް ލެވަލްގައި ބަލާނެ އެވެ.

އަޔަކްސް ދޫކޮށް މިދިޔަ އަހަރު 107 މިލިއަން ޑޮލަރުގެ ޑީލެއްގައި އެންތަނީ ޔުނައިޓެޑަށް ބަދަލުވީ ކޯޗު އެރިކް ޓެން ހާގްގެ އެދުމަށެވެ. މިދިޔަ ސީޒަނުގައި އެންތަނީ އަށް ގިނަ މެޗުތަކަކުން ކުޅުމުގެ ފުރުސަތު ލިބިފައިވާއިރު، މި ސީޒަނުގެ ކުރީކޮޅުގައި ދިމާވި މި މައްސަލައާ ހެދި އޭނާ އަށް ފޯމުގައި ކުޅެން އުނދަގޫވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.