Advertisement

ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ދެކުނުގެ ތިން ސިޓީ ކާމިޔާބު ކުރައްވާނެ ކަމަށް

27 ސެޕްޓެންބަރު 2023 - 20:12 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ރައީސް ވިދާޅުވީ ދެކުނުގެ ތިން ސިޓީ ވެސް ކާމިޔާބުކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާކަމަށާއި، ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން ކަމަށް -- ފޮޓޯ: ޝާބިން/އަދަދު


ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ދެކުނުގެ ތިން ސިޓީ ކާމިޔާބު ކުރައްވާނެ ކަމަށް

27 ސެޕްޓެންބަރު 2023 - 20:12 1

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ އަގުލަބިއްޔަތު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް ތިނަދޫއަށް ވަޑައިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ނިމިދިޔަ އިންތިހާބުގެ ފުރަތަމަ ބުރާ އަޅައި ބަލާއިރު، ދެވަނަ ބުރުގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ފެންނަ މަންޒަރުތަކުން ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ދެކުނުގެ ތިން ސިޓީ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫއިން ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނު ކުރީ ބުރާ ހިލާފަށް މާ އޮގަނައިޒްކޮށް ރާވައިގެން ވަރަށް ވިސްނުންތެރިކަމާ އެކު ކުރިއަށްގެންދާތަން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވިސްނެނީ މި ތިން ސިޓީއިން ވެސް ކުރިއާ އަޅާ ބަލާއިރު ބޮޑު ތަފާތެއް ފެނިގެންދާނެކަން" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރޭ އެމްޑީޕީއާ އެކު ކޯލިޝަނުގައި މީގެ ކުރިން އޮތް އެމްޑީއޭއީން އެޕާޓީއިން ވަކިވެ، ޕީޕީއެމްއާ އެކު ކޯލިޝަން ހެއްދެވި މައްސަލައަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ރަނގަޅު ނިންމުމެއް ނޫން ކަން އެޕާޓީއަށް އަދި ގަބޫލުކުރެވޭނެ ކަމަށެވެ.

އަދި އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑު ތަފާތަކުން އެމްޑީޕީއަށް ކުރި ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް މި އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ތަފާތަކުން ކުރި ލިބޭނެކަމަށް" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް މިރޭ ތިނަދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ނިކުތެވެ.

މިދިޔަ ބުރުގައި އައްޑޫ ސިޓީއިން ކާމިޔާބު ކުރެވުނު ނަމަވެސް، ފުވައްމުލައް އަދި ތިނަދޫ ސިޓީއިން ގިނަ ވޯޓު ހޯއްދެވީ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ.