Advertisement

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގައި ބޮޑެތި އުޅަނދު ދުއްވުން މަނާކޮށްފި

27 ސެޕްޓެންބަރު 2023 - 13:04 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަގުމަތި. ވޯޓުލާ ވަގުތު މާލޭގައި ބޮޑެތި އުޅަނދު ދުއްވުން މަނާ ކޮށްފައި ވަނީ ވޯޓުގެ އިދާރީ ކަންކަމަށް ހުރަސްއެޅިދާނެތީ ކަމަށް މިނިސްޓަރީން ބުނޭ -- ފޮޓޯ: އަދަދު


ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގައި ބޮޑެތި އުޅަނދު ދުއްވުން މަނާކޮށްފި

27 ސެޕްޓެންބަރު 2023 - 13:04 0

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުތައް ދުއްވުން ޓުރާންސްޕޯޓު މިނިސްޓަރީން މަނާކޮށްފި އެވެ.

ޓުރާންސްޕޯޓު މިނިސްޓަރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ދުވަހުގެ ހެނދުނު 6:00 އިން ރޭގަނޑު 8:00 އަށް އިއުލާނުގައިވާ ކެޓެގަރީތަކުގެ އުޅަނދުތައް މާލޭގައި ދުއްވުން މަނާވާނެ ކަމަށާއި އެ އިއުލާނާ ހިލާފަށް އަމަލު ކުރާ ފަރާތްތަށް 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ،" ބޮޑެތި އުޅަނދުތައް ދުއްވުން މަނާކުރި ސަބަބު ބަޔާންކޮށްދެމުން އެ އިއުލާނުގައި ބުނެފައިވެ އެވެ.

ވޯޓުލާ ވަގުތު މާލޭގައި ދުއްވުން މަނާ ކެޓެގަރީތައް

  • "ސީ2" އަދި "ސީ0" ކެޓަގަރީގެ އުޅަނދުތައް (2 ޓަނުން ފެށިގެން މަތީ އުޅަނދު)
  • "ޑީ" ކެޓަގަރީގެ އުޅަނދުތައް (އާޓިކަލް ނުވަތަ ތިން އެކްސެލް ހުންނަ އުޅަނދު)
  • "އީ" ކެޓަގަރީގެ އުޅަނދުތައް (ޓުރެއިލާ ޖަހައިގެން ދުއްވާ އުޅަނދު)
  • "ވީ" ކެޓަގަރީގެ އުޅަނދުތައް (ބަރު އުޅަނދު)

ނަމަވެސް އެ ކެޓެގަރީތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ އިދާރާތަކުން އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތަކާއި ސަލާމަތީ ބާރުތަކުން ބޭނުން ކުރާ އުޅަނދުތައް އެ ވަގުތުތަކުގައި ވެސް ދުއްވުން ހުއްދަ ވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ކުރިއަށް ދާނީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ.