Advertisement

އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމުމާއެކު ޝުއައިބު އެ ޕާޓީން ވަކިވެއްޖެ

27 ސެޕްޓެންބަރު 2023 - 12:23 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމުމާއެކު ޝުއައިބު އެ ޕާޓީން ވަކިވެއްޖެ

27 ސެޕްޓެންބަރު 2023 - 12:23 0

އެމްޑީޕީއާ އެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަން ރޫޅާލައި ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން ނިންމުމާއެކު އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި) އެމްޑީއޭއިން ވަކިވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން އެމްޑީޕީ ދޫކޮށް އެމްޑީއޭއާ ގުޅުނު ޝުއައިބު އެ ޕާޓީން ވަކިވިކަން އަންގާފައި ވަނީ ރޭ ކުރިއަށްދިޔަ ކައުންސިލް ބައްދަލުވުމަށްފަހު އެމްޑީއޭގެ ރައީސް، އަހުމަދު ސިޔާމް މުހައްމަދަށް ފޮނުއްވި ސިޓީއަކުންނެވެ. އެ ސިޓީ އޭނާ ވަނީ މީސްމީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

އެ ސިޓީ ހިއްސާ ކުރައްވަމުން ޝުއައިބު ވަނީ އޭނާއަކީ ފިނޑިއެއް ނޫން ކަމަށާއި ދެވަނަ ބުރުގެ ވޯޓު ލުމާ މިހައި ކައިރިކޮށްފައި އިދިކޮޅަށް ތާއީދު ނުކުރައްވާނެ ކަމަށް މީސްމީޑިއާގައި ލިޔުއްވައިފަ އެވެ.

"އަޅުގަނޑަކީ ފިނޑިއެއް ނޫން. މެޗުގެ ފަހު ހާފުގައި އިދިކޮޅު ޓީމަށް ކުޅެން ނާރާނަން. މެޗް ނިންމާނީ މޮޅުވެގެން،" ޝުއައިބު ލިޔުއްވައިފައިވެ އެވެ.

އޭގެއިތުރުން ޝުއައިބު ވަނީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުއަށް މި އިންތިހާބު ކާމިޔާބު ކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި ގައުމަށް ކުލުނެއް ހުރި އެއްވެސް މީހަކު އަނިޔާވެރިކަމަށް ތާއީދު ނުކުރާނެ ކަމަށް ލިޔުއްވައިފަ އެވެ.

ޕާޓީން ވަކިވުމަށް އެދި ސިޔާމަށް ޝުއައިބު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީއޭގެ ގައުމީ ކައުންސިލުން ނިންމި ނިންމުމަކީ ސިޔާސީ ގޮތުންނާއި ގައުމީ ގޮތުން އޭނާ ރައްޔިތުންނަށް ކޮށްދޭން ނިންމާފައި ހުރި ކަންކަމަށް ކުރިމަތިވާނެ ހުރަހެއް ކަމަށާއި ޕާޓީން ވަކިވުމަށް ނިންމި ސަބަބަކީ އެއީ ކަމަށެވެ.

ނަމަވެސް ކައުންސިލުގެ އެ ނިންމުމުގެ ސަބަބުން އެމްޑީއޭގެ ރައީސް، ސިޔާމްއަށް އޭނާ ކުރާ އިހުތިރާމާއި ގަދަރު ގެއްލިގެން ނުދާނެ ކަމަށް ވެސް ޝުއައިބު ވިދާޅުވެފައިވެ އެވެ.