Advertisement

ޖަރުމަން ކަޕްގެ ފުރަތަމަ ބުރުގައި ބަޔާނަށް ފަސޭހަ މޮޅެއް

27 ސެޕްޓެންބަރު 2023 - 11:32 0


ޖަރުމަން ކަޕްގެ ފުރަތަމަ ބުރުގައި ބަޔާނަށް ފަސޭހަ މޮޅެއް

27 ސެޕްޓެންބަރު 2023 - 11:32 0

މިއުނިކް (ސެޕްޓެމްބަރު 27) - ޖަރުމަނު ކަޕްގެ ފުރަތަމަ ބުރުގައި ޕްރުއެސެން މުންސްޓާ އަތުން 4-0 އިން ފަސޭހަ މޮޅެއް ބަޔާން މިއުނިކުން ހޯދައިފި އެވެ.

މުންސްޓާ އަތުން ބަޔާން މޮޅުވި މެޗުގައި އެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ކޯޗު ތޯމަސް ޓުޗެލް ވަނީ އަރާމުކުރަން ފުރުސަތު ދީފަ އެވެ.

އެ ގޮތުން، ބަޔާނުން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާ، ހެރީ ކޭން މި މެޗުގައި ބޭނުމެއް ނުކުރެ އެވެ. އެޓޭކަރު ލެރޯއި ސާނޭ ވެސް ކުޅެން އެރީ ދެ ވަނަ ހާފުގެ ފަހުކޮޅުގަ އެވެ.

މެޗުގައި ބަޔާނުން ޖެހި ހަތަރު ގޯލު އެ ޓީމަށް ޖަހައިދިނީ އެރިކް މެކްސިކް ޗޮޕޫ-މޯޓިން، ކޮންރަޑް ލައިމާ، ފްރަންސް ކްރަޓްޒިގް އަދި މެތައިސް ޓެލް އެވެ.

މެޗުގެ ކުރީކޮޅު އަތަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަޔާންގެ އެޓޭކަރު ސާޖް ގްނާބްރީ ވަނީ ބަދަލުކޮށްފަ އެވެ. މެޗަށް ފަހު ހެދި ސްކޭންތަކުން ދައްކާ ގޮތުން ނާބްރީގެ އަތްވަނީ ބިންދައިގެންގޮސްފަ އެވެ. އެހެންކަމުން އޭނާ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ޖަރުމަން ކަޕްގައި ފުރަތަމަ ބުރުގައި ރޭ ބަޔާން ކުޅުނު މެޗު ކުރިން ކުޅެން ހަމަޖެހިފައި އޮތީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. ނަމަވެސް ޖަރުމަން ސުޕަ ކަޕްގެ މެޗު އެއް ދުވަހަކަށް ތާވަލްކުރުމުން މި މެޗު ލަސްކުރީ އެވެ.

މިކަމާ ހިތްހަމަ ނުޖެހިގެން ސަޕޯޓަރުން ވަނީ މެޗުގެ ތެރެއިން "ޕްރޮޓެސްޓް"ކޮށްފަ އެވެ. މިގޮތުން ދަނޑަށް ގިނަ އަދަދެއްގެ ޓެނިސް ބޯޅަތަކެއް ވަނީ އުކާފަ އެވެ. މި ބޯޅަތައް ނެގުމަށް މެޗު ކުޅަ ވަގުތުކޮޅަކަށް ހުއްޓާލަންވެސް ޖެހުނެވެ.

މީގެ ކުރިން ޖަރުމަންގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން ޓެނިސް ބޯޅަތަކެއް އުކައިގެން މެޗުގެ ކުޅުން މަޑުޖައްސާލަން ޖެހުނީ މީގެ ހަތް އަހަރުކުރިންނެވެ. އެއީ ޖަރުމަން ބުންޑަސް ލީގާގައި ބޮރޫޝިއާ ޑޯޓްމުންޑާއި ސްޓުޓްގާޓް ވާދަކުރި މެޗުގަ އެވެ.