27 ސެޕްޓެންބަރު 2023 - 11:05 0
27 ސެޕްޓެންބަރު 2023 - 11:05 0
މަޔޯކާ (ސެޕްޓެމްބަރު 27) - ބާސެލޯނާ އާއި މަޔޯކާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ، ސްޕެނިޝް ލަލީގާގެ އެއް ވަނައިގައި ލީޑު ނަގަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.
މަޔޯކާ އަތުން ލިބުނު ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެން އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނަގައި އޮތް ރެއާލް އަށް ހަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.
ލީގުގައި މިރޭ ލަސް ޕަލްމާސް ވާދަކުރާ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ ބާސެލޯނާ އަށް އެއް ވަނަ މަގާމް ގެއްލޭނެ އެވެ. އަނެއްކޮޅުން، މިރޭ ވިޔަރެއާލްއާ ވާދަކުރާ މެޗުން ޖިރޯނާ މޮޅުވިޔަސް ބާސެލޯނާ ފަހަތަށް ވެއްޓޭނެ އެވެ.
ލީގުގައި ރޭ ބާސެލޯނާއާ އެއްވަރުވި މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މަޔޯކާ އިންނެވެ. މިއީ ގޯލް ކީޕަރު މާކް-އަންދްރޭ ޓަސް ޓެގަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވެދާޓް މުރީކީ ޖަހައިދިން ގޯލެކެވެ. މެޗުގެ 41 ވަނަ މިނެޓުގައި ރަފީނިއާ ޖަހައިދިން ގޯލުން ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރި އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޔޯކާއިން ދެ ވަނަ ފަހަރަށް ލީޑު ނެގި އެވެ. މި ގޯލު ޖަހައިދިނީ އަބްޑޯން ޕްރަޓްސް އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާ އިން އެ ޓީމުގެ ތަރި، ރޮބާޓް ލެވަންޑޯސްކީ ވެސް ކުޅެންއެރުވި އެވެ. ނަމަވެސް އޭނާ ކުޅެން އަރާ މާ ބޮޑުކަމެއް ނުކުރެވުނެވެ. މެޗުން ބާސެލޯނާ ބަލިނުވެ ސަލާމަތްވީ ފާމިން ލޮޕޭޒް ޖަހައިދިން ގޯލުންނެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާގެ ފޯވާޑް ޖޮއާއޯ ފެލިކްސް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އެރިއިރު، ފެރާން ޓޮރޭސް ވަނީ ހުސްކޮށް ލިބުނު ދެ ފުރުސަތެއް ނަގާލާފަ އެވެ.
ލީގުގައި ރޭ ސެވިއްޔާއިން ވަނީ 5-1 އިން އަލްމެރިއާ ބަލިކޮށްފަ އެވެ. ސީޒަންގެ ފުރަތަމަ ތިން މެޗުގައި މޮޅެއް ނުލިބި އޮތް ސެވިއްޔާ އިން އެންމެ ފަހުން ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ.
ސްޕެނިޝް ލީގުގައި މިރޭ ފަސް މެޗެއް ކުޅޭނެ އެވެ. އޭގެ ތެރޭގައި ތާވަލްގެ ކުރީގައި އުޅޭ ޖިރޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗުތައް ވެސް ހިމެނެ އެވެ. މިރޭ ދެން ކުޅޭ އެހެން މެޗުތަކަށް ބަލާއިރު، ވެލެންސިއާ އާއި ރެއާލް ސޮސިއެޑާޑުގެ ކުރިމަތިލުން ވެސް ފޯރިގަދަވާނެ އެވެ.
Comment