Advertisement

އެމްޑީޕީ ދާނީ ކުރިއަށް، އަޒުމެއް ނުގުޑާނެ: ފައްޔާ

27 ސެޕްޓެންބަރު 2023 - 02:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ްއެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްޑީޕީ ދާނީ ކުރިއަށް، އަޒުމެއް ނުގުޑާނެ: ފައްޔާ

27 ސެޕްޓެންބަރު 2023 - 02:08 0

މީދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމް އަހުމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މި ރިޔާސީ އިންތިހާބަށް ވެރިކަންކުރާ އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި، އެމްޑީޕީގެ އަމުޒު ނުގުޑާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމަށް ތިން ދުވަހަށް ވެފައިވާއިރު، އެމްޑީއޭއިން މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމަށް ތިން ހުށަހެޅުމެއް ހުށަހެޅި އެވެ. ޕާޓީގެ ރައީސް ސިޔާމް ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށެވެ. އެ ހުށަހެޅުމަށް އަދި ރައީސް ސޯލިހާއެކު ކުރިއަށްދާން ހުށަހެޅި ހުށަހެޅުން ވެސް ފާހެއް ނުވި އެވެ. ފާސްވީ، 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މުއިއްޒަށް ތާއިދު ކުރުމަށެވެ.

"އެމްޑީއޭގެ ނިންމުމަށް އިހުތިރާމު ކުރާ ހާލު، އެއްކޮށް މި ކެމްޕޭނުގައި ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ އަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއް ކަމަށް އޭނާ އަނދާންކޮށް ދެއްވި އެވެ.

"ބަލި ނުކޮށްލެވުނު ހިތްވަރު، ގުޑުވާ ނުލެވުނު އަޒުމު، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" އެމްޑީޕީއަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީއޭއިން، ޑރ. މުއިއްޒަށް ތާއީދު ކުރަން ނިންމީ އޭނާއަކީ ދެފުށްކެހެރި މީހެއް ނޫން ކަމަށާއި ރައީސް ސޯލިހު ދޫނުކޮށްލައްވާނެ ކަމަށް ސެޕްޓެމްބަރު 4، ގައި ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވެފައި ވަނިކޮށެވެ.

"އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި. އަަޅުގަނޑެއް ގައިމުވެސް އިބްރާހީމް މުހައްމަދު ސޯލިހު ދޫކޮށްލާފައި، މި ފަސް އަހަރަކު އިރާދަކުރެއްވިއްޔާ އެއްވެސް ތަނަކަށް ނުދާނަން،" އޭނާ ވިދާޅުވި އެވެ.

މި ހިނގާ ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން ކޯލިޝަން ހެދީ އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީއާ އެވެ. ތިން ޕާޓީގެ ކޯލިޝަނުގެ ގިނަ ދަތުރުތަކުގައި ސިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް ދިޔުމުން, އެމްޑީޕީގެ ކެމްޕޭނުން އެމްޑީއޭ ގެއްލިގެން ދިޔަ އެވެ. އެއަށްފަހު ކޯލިޝަނާއެކު ކުރިއަށް ނުދާން އެމްޑީއޭއިން މި ނިންމީ, އިންތިހާބުގެ ދެވަނަ ބުރަށް ތިން ދުވަހަށް ވެފައި އޮއްވަ އެވެ.