26 ސެޕްޓެންބަރު 2023 - 21:53 1
ނިމާ ހަސަން
26 ސެޕްޓެންބަރު 2023 - 21:53 1
ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ދިން ލުއިތަކާއި, ތައާރަފުކުރި މަޝްރޫއުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަން ހާމަކޮށްފި އެވެ.
އޭސީސީން މިއަދު ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން އެ ކޮމިޝަނަސް ޖުމްލަ 61 މައްސަލަ ހުށަހެޅިއިރު, އޭގެ ތެރެއިން 29 މައްސަލައެއް އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށް ބަލަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިންތިހާބީ ރިޝްވަތާއި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އެކި ވަސީލަތްތައް ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ފާހަގަކުރި މި މައްސަލަތަކަކީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ސަރުކާރުން ކުރި ކަންކަމެވެ.
އޭސީސީން ބުނީ އެ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އޭސީސީން ބުނީ ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގެ އިހްތިސޯސަށް ފެތޭ އަދި މައްސަލަ ބެލުމަށް އެކަށީގެންވާ މައުލޫމާތު ލިބޭ ގޮތަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ރަޖިސްޓަރީ ކުރަމުންދާނެ ކަމަށެވެ.
ހަމައެއާއެކު, މައްސަލަތައް ބަލައި ނިންމުމުގައި އެ ކޮމިޝަނުން ތަބާވާން ޖެހެނީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށްކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އިންތިހާބާ ގުޅިގެން އޭސީސީއަށް ގިނަ މައްސަލަތައް ހުށަހެޅީ ކާކުކަން ނޭނގޭ ގޮތަށެވެ. އެގޮތަށް 28 މައްސަލައެއް ހުށަހެޅިއިރު, އަމިއްލަ ފަރުދުން 26 މައްސަލައެއް އަދި ސިޔާސީ ޕާޓީތަކުން ތިން މައްސަލަ ހުށަހެޅި އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ވެސް ހަތަރު މައްސަލަ ހުށަހެޅި އެވެ.
Comment