Advertisement

ޕްރެޝަރުގައި ކުޅެންޖެހޭއިރު ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަވި

26 ސެޕްޓެންބަރު 2023 - 10:02 0

ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝާކިއްޓެ ވާހަކަ ދައްކަނީ.


ޕްރެޝަރުގައި ކުޅެންޖެހޭއިރު ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަވި

26 ސެޕްޓެންބަރު 2023 - 10:02 0

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ 4-1 އިން ނޭޕާލް އަތުން ބަލިވެ، ރާއްޖެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، މި މެޗުގައި ދިމާވި ކަންތައްތަކަށް ބަލާއިރު، ރާއްޖޭން ޕްރެޝަރުގައި ކުޅޭއިރު ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަވެގެންދިޔަ ކަމަށް ރާއްޖޭގެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ރާއްޖެ އަށް އިއްޔެގެ މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ރާއްޖެ ބަލިކޮށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް ސެމީ ފައިނަލަށް ދިޔައީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ އެއް ވަނަ ހޯދީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޕާކިސްތާން އެވެ. ދެ ވަނަ އަށް ދިޔަ ނޭޕާލަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ރާއްޖެ އަށް ލިބުނީ އެއް ޕޮއިންޓެވެ. ރާއްޖެ އަށް ޕޮއިންޓެއް ލިބުނީ ފުރަތަމަ މެޗުގައި ޕާކިސްތާނާ 1-1 އިން އެއްވަރުވުމުންނެވެ.

އިއްޔެގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިއްޓެ ބުނީ މި މެޗުގައި ރަނގަޅަށް ގިނަ ކަންތައްތަކެއް ކޮށްގެން ކުޅުނީ ނޭޕާލުން ކަމަށެވެ.

"އެ މީހުން (ނޭޕާލް) އަހަރެމެންނަށް ވުރެން ރަނގަޅަށް އޮތް ދުވަހެއް މިއީ. އަހަރެމެންގެ ޓީމު ފެނުނީ މި ވަރުގެ ޕްރެޝަރު މެޗަކަށް އެހާ ރެޑީ ނޫން ތަން. ޓީމު ކުޅުންތެރިން ކުޅެން ޖެހުނީ ވަރަށް ބޮޑު ޕްރެޝަރެއްގައި. އެ ސަބަބާ ހުރެ އަހަރެމެން ކޮޅަށް ފުރަތަމަ ދެ ގޯލު ވަދެފައި އެ ވަނީ. ދެން ފަހުން އަހަރެމެން މެޗުގެ ތެރެއަށް އެނބުރި ވަދެ، ވަރަށް ރަނގަޅަށް ކުޅެވުނު،" ޝާކިއްޓެ ބުންޏެވެ.

"މި ކަހަލަ ޕްރެޝަރު މެޗެއްގައި އެހެން ބަލިވެއްޖިއްޔާ މުބާރާތުން ކަޓާނެކަން އެނގޭ، އެހެން ނަމަވެސް ބަލިނުވަން ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅެން ފެށިތަނާ ނޭޕާލުން ފަހު ދެ ގޯލު ޖަހާފައި އެ ވަނީ، "ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ފާހަގަވެއްޖެ، ޔަގީނުން ވެސް މުސްތަގުބަލުގައި އެ ކަންތައްތަކަށް ސަމާލުވެގެން އެ ކަންކަން ރަނގަޅުކުރާނަން،"

ނޭޕާލުން ދެ ގޯލުގެ ލީޑެއް ނެގިތާ މާގިނައިރެއްނުވެ، އެ ޓީމާއި ރާއްޖޭގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ދެއްކި އެވެ. ނޭޕާލުގެ ސުޖާން ޑަންގޯލް އާއި ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިޔާން އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ހިނގި ކަމެއްގަ އެވެ. މި ނިންމުމާ މެދު ދެ ޓީމުން ވެސް ވަރަށް ބޮޑަށް ނުރުހުންފާޅުކުރި އެވެ. މެޗުގެ ބޮޑުބައިގައި ދިވެހި ކުޅުންތެރިންނާއި ނޭޕާލްގެ ކުޅުންތެރިން ވެސް ވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ދަނޑިވަޅުތަކެއް އައި މި މެޗުގައި އެއީ ހަަމައެކަނި ރާއްޖެ ޓީމުގެ ފަރާތުންނެއް ނޫން. އަހަންނަށް ހީވާ ގޮތުގައި ޒުވާން ކުޅުންތެރިން މި ކަހަލަ ޕްރެޝަރު މެޗުތަކުގައި ކުޅޭއިރު އެ ކަންކަން ދިމާވާނެ. ރާއްޖޭގެ ކުޅުންތެރިން ވެސް ޕްރެޝަރުގައި، ނޭޕާލް ކުޅުންތެރިން ވެސް ޕްރެޝަރުގައި ތިބީ. މިއީ ފުޓްބޯޅައިގައި ހިނގާ ކަމެއް،" ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗުކަން ވެސް ކުރަމުން އަންނަ ޝާކިއްޓެ ބުންޏެވެ.

މި މެޗުގައި ދިވެހި ކުޅުންތެރިންނަށް ރެފްރީގެ ނިންމުންތަކާ މެދު ނުރުހުންފާޅުކުރަން ހަދައިގެން މެޗުގެ ފޯކަސް ގެއްލި ގިނަ ގޯސްތަކެއް ހެދިފައިވެ އެވެ.

މި ފަހަރުގެ 19 އަހަރުން ދަށުގެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަކީ ވެސް ޝާކިއްޓެގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވިކްޓަރީ އަށް ކުޅޭ ކުޅުންތެރިންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ނޭޕާލް ކުޅޭނީ އިންޑިއާއާ އެވެ. އަނެއް ސެމީގައި ޕާކިސްތާނުން ބައްދަލުކުރާނީ ބޫޓާންއާ އެެވެ.