ވިލިމާލޭ ޕޮލިސް ސްޓޭޝަން: ފޮޓޯ: ޕޮލިސް
ވައްކަންކޮށްގެން ހިފަހައްޓާފައި ހުރި މީހަކު ހައްޔަރުކޮށް ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން ޝަހުސު އޮޅުވާލި މައްސަލައެއްގައި އޭނާ ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިއީ އޭނާގެ މައްޗަށް މި މަހުގެ ތެރޭގައި ޖިނާއީ ހުކުމެއް އިއްވި ތިން ވަނަ ފަހަރެވެ. ތިން ފަހަރު ވެސް ހުކުމްކޮށްފައި ވަނީ އެއް ދުވަހަކު ހިނގި ހާދިސާތަކެއްގެ މައްޗަށެވެ.
ފުލުހުން މ. މެކޯނާގޭ، މުހައްމަދު ޝާހީން ޑިސެމްބަރު، 2022، ގައި ހައްޔަރު ކުރީ ވިލިމާލެއިން ވައްކަންކޮށްގެން އާންމުންގެ ބަޔަކު ހިފަހައްޓާފައި ހުރި ކަމަށް ބުނުމުންނެވެ.
ޝާހީން ހައްޔަރުކޮށްގެން ގެންދިޔުމުން އޭނާ ވަނީ އެހެން މީހެއްގެ މައުލޫމާތު ދީ ޝަހުސު އޮޅުވާލާފަ އެވެ. މިއަދު ހަ މަހަށް ޖަލަށްލާން ހުކުމް ކުރީ އެ މައްސަލައިގަ އެވެ.
ހަމަ އެ މައްސަލައިގައި ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުއްޓާ ޝާހީން ވަނީ ފިލައިފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ތިން މަހުގެ ހުކުމެއް މީގެ ކުރިން ކޮށްފަ އެވެ.
ޝާހީން ފިލީ ނޭވާ ނުލެވޭ ކަމަށް ބުނާތީ ގައިދީން ކަސްރަތު ކުރާ ސަރަހައްދަށް ނެރެފައި ހުއްޓަ އެވެ. ޝާހީން ފިލި ފަހުން އަނެއްކާ ހައްޔަރުކޮށް ގޮޅިއަށް ވެއްދުމުން އޭނާ ވަނީ ޕޮލިސް ސްޓޭޝަނުގެ ސެކިއުރިޓީ ކެމެރާއެއް ތަޅާލައިފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.
Comment